މަދީނާ އިސްލާމިކް ޔުނިވަސިޓީގެ އިސް ދަރިވަރުންނަށް ދޭ އެންމެ ޝަރަފްވެރި އެވޯޑް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ލިބިވަޑައިގެންފި އެވެ.
އެ ޔުނިވާސިޓީގައި ބޭއްވި ހާއްސަ ހަފުލާއެއްގައި "ޖާއިޒަތުލްހިއްރީޖިނައްރުއްވާދު" އެވޯޑް، ޝަހީމާ، ހަވާލު ކޮށްދެއްވީ ސަލްމާން ރަސްގެފާނުގެ ދަރިކަލުން މަދީނާގެ އަމީރު ފައިސަލްބިން ސަލްމާނެވެ.
އެ އެވޯޑަކީ މަދީނާ އިސްލާމިކް ޔުނިވަސިޓީން ކިޔެވި ދަރިވަރުންގެ ތެރެއިން، ދުނިޔޭގެ އެކި ހިސާބުތަކުގައި ފާހަގަކުރެވޭ މަސައްކަތްތަކެއްކޮށް، އިޖްތިމާއީ ގޮތުންނާއި އެކި ގޮތްގޮތުން ހިދުމަތް ކުރައްވާ ބޭފުޅުންނަށް ދޭ އެވޯޑެކެވެ.
މި އެވޯޑާ އެކު، އިނާމުގެ ގޮތުގައި 50،000 ރިޔާލް (204,643ރ.) ވެސް ޝަހީމަށް ލިބިވަޑައިގަތެވެ.
ޝަހީމުގެ މިދަތުރުގައި މަދީނާ އިސްލާމިކް ޔުނިވަސިޓީގައި ތައުލީމު ހާސިލްކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މިހާރަށް ވުރެ ގިނަ ފުރުސަތުތައް ހޯދައިދިނުމަށް އެ ޔުނިވަސިޓީގެ އިސްވެރިންނާ އެކު މަޝްވަރާކުރެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް)ގެ ކުރީގެ ދަރިވަރުންނަށް ދޭ ޝަރަފްވެރި އެވޯޑެއް ކަމަށްވާ އެލުމްނާއި ލީޑަޝިޕް އެވޯޑް ވެސް މީގެކުރިން ޝަހީމަށް ލިބިވަޑައިގެންފައިވެ އެވެ.













