ކަނޑުމަގުން ރާއްޖެ އެތެރެކުރި ކޮންޓެއިނަރެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
އިތުބާރު ހުރި ފަރާތަކުން "އަދަދު"އަށް މައުލޫމާތު ދެމުން ބުނީ އެ މިދިޔަ ބުދަ ދަވަހު ރާއްޖެ ގެނައި ކޮންޓެއިނަރުގައި ހުރިކަމަށް ލިސްޓުކޮށްފައިހުރީ ޓޮމާޓޯ ޕޭސްޓާއި، ނަޓެއްލާ ފަދަ ދަޅު ކާނާ އެވެ.
އެކަމަކު ކަސްޓަމްސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭ ވިޔަފާރި ބަނދަރުގައި ހުރި އެ ކޮންޓެއިނަރުގައި ހުރި ޕެލެޓްތައް ވަކިކޮށްފައި ބެހެއްޓުމަށް އެ ދުވަހު އެމްޕީއެލަށް އެންގި ކަމަށް އޭނާ ބުންޏެވެ.
ކަސްޓަމްސްގެ ޓީމް އެ ކޮންޓެއިނަރު ބަލާ ފާސްކުރަން ފަށާފައި ވަނީ އިއްޔެ އެވެ. އެ ކޮންޓެއިނަރުގެ ތެރޭގައި ދެ ޕެލެޓު ފުރާ މަސްތުވާތަކެތި ހުރި ކަމަށް "އަދަދު"އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ޑްރަގު ފެނުނު ކޮންޓެއިނަރު ސަރަހައްދު ބަންދުކޮށްފައި. ކަސްޓަމްސްއާއި ފުލުހުން ގުޅިގެން ދަނީ އެ ކޮންޓެއިނަރުގައި ހުރި ހުރިހާ މުދަލެއް ބަލައި ފާސްކުރަމުން.

މިހާރު ފުލުހުންނާއި ކަސްޓަމްސްއިން ކޮންޓެއިނަރު ޗެކްކުރުން ކުރިއަށް ގެންދާއިރު، މިހާތަނަށް ފެނިފައިވަނީ ސީދާ ކިހާ އަދަދެއްގެ އަދި ކޮން ބާވަތެއްގެ މަސްތަވުތަކެތިކަން އެނގޭނީ އެ އޮޕަރޭޝަން ނިމުމުން ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް، އެކަމާ ގުޅޭ ރަސްމީ މައުލޫމާތެއް ފުލުހުން އަދި ކަސްޓަމްސްއިން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
މަސްތުވާތަކެތީގެ ބޮޑު ދެ ޕެލެޓް ރާއްޖެ އެތެރެ ވިޔަ ނުދީ ހިފަހައްޓާފައި ވާއިރު، އެތެރެހަށީގައި ރައްކާކޮށްގެން، އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކުރި މީހަކު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އިއްޔެ ވެސް ވަނީ އަތުލައިގެންފަ އެވެ.












