މެންޗެސްޓާ (މެއި 31) - އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން, މެންޗެސްޓާ ސިޓީން މި ފަހަރުގެ ޓްރާންސްފާގައި އިތުރު ކުޅުންތެރިންތަކެއް ގެންނާނެ ކަމަށް އެ ކްލަބުގެ ޗެއާމަން ހަލްދޫން އަލް މުބާރާކް ވިދާޅުވެއްޖެ އެވެ.
ފަސް އަހަރުގެ ތެރޭގައި ހަތަރު ފަހަރު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ސިޓީން ވަނީ ސީޒަން ނިމުމުގެ ކުރިން، ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުންދިޔަ ނޯވޭގެ ފޯވަޑް އާލިން ބްރައުޓް ހާލާންޑް އެ ކްލަބަށް ގެނައުމުގެ ޓްރާންސްފާ ނިންމައިފަ އެވެ. މީގެ އިތުރުން އާޖެންޓީނާގެ ޒުވާން ފޯވަޑް ހޫލިއަން އަލްވަރޭޒް ވެސް ކުރިއަށް އޮތް ސީޒަންގައި ފެންނާނީ ސިޓީންނެވެ.

ސިޓީގެ ޗެއާމަން ހަލްދޫން އަލް މުބާރަކް: އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ވިދާޅުވެފައި.
ސިޓީގެ ވެބްސައިޓަށް ދެއްވި އިންޓަވިއުއެއްގައި މުބާރަކް ވިދާޅުވީ ޓްރާންސްފާގައި ސިޓީ އަށް އިތުރު ކުޅުންތެރިންތަކެއް ގުޅޭނެ ކަމަށެވެ.
"ޓީމުގައި ވަރުގަދަކުރަންޖެހޭ ދިމާތައް ފާހަގަކޮށް، އާ ކުޅުންތެރިންތަކެއް ހޯދުމުގެ މަސައްކަތް މި ދަނީ ކުރަމުން. އިތުރު ކުޅުންތެރިންތަކެއް ސިޓީއާ ގުޅޭނެ،" މުބާރަކް ވިދާޅުވި އެވެ.
"ކޮންމެ ސީޒަނަކަށް ފަހު ބައެއް ކުޅުންތެރިން ޓީމާ ވަކިވޭ. އެ ކުޅުންތެރިން ނެތްތަން ފޫބައްދަންޖެހޭ. އަހަރަމެން މި މަސައްކަތް ކުރަނީ ވީހާ ވެސް އަވަހަކަށް ޓްރާންސްފާތަކުގެ ކަންތައްތައް ނިންމާލެވޭތޯ."
މިދިޔަ ސީޒަނަށް ފަހު ސިޓީގެ ކެޕްޓަން ފޭނާންޑީނިއޯ ވަނީ އެ ކްލަބު ދޫކޮށްލައިފަ އެވެ. ފެނާންޑީނިއޯ ނެތްތަން ފޫބެއްދުމަށް، ލީޑްސް ޔުނައިޓަޑްގެ މިޑްފީލްޑަރު ކަލްވިން ފިލިޕްސް ގެންނަން ސިޓީން މަސައްކަތްކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ.
މީގެ އިތުރުން، ލެފްޓް ބެކެއް ގެންނަން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބޭނުންވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ. ސިޓީން އެ މަގާމަށް ގެންނަން މަސައްކަތް ކުރަމުން އަންނަ ކުޅުންތެރިއަކީ ބްރައިޓަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މާކް ކުކުރޭލާ އެވެ. ސިޓީ ދޫކޮށްލާނެ ކަމަށް ބެލެވޭ ކުޅުންތެރިންނަކީ އިލްކާއި ގުންޑޮގާން، ގަބްރިއެލް ޖީސޫސް އަދި އޮލެކްސަންޑަ ޒިންޗެންކޯ އެވެ.












