ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފި އެވެ.
ޒިޔާދު "އަދަދު" އަށް މިއަދު ވިދާޅުވީ އީސީން އޭނާ އެމްއެންޕީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި އޮތްކަން އެނގިވަޑައިގެންނެވީ ރޭގެ ވަގުތެއްގަ އެވެ. އެއީ ކިހިނެއް ހިނގާފައިވާ ކަމެއް ކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކަން ސާފުކުރަން އަޅުގަނޑު މާދަމާ އީސީއަށް ސިޓީއެއް ލާނަން،" ޒިޔާދު ވިދާޅުވި އެވެ.
ޕާޓީތަކުގެ މެމްބަރުން، އެ މެމްބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ވައްދާ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވި އެވެ. އެކަމަކު ޕާޓީއެއްގައި އިސްކޮށް އުޅުއްވާ ބޭފުޅަކު މިގޮތަށް ބަދަލުވި މިއީ ފުރަތަމަ ފަހަރެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރުންގެ ތެރެއިން އީީސީގެ ދަފްތަރުގައި އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ނެތީ ޒިޔާދު އެކަންޏެއް ނޫނެވެ. އެހެން ނަމަވެސް އެހެން ޕާޓީއެއްގެ ދަފްތަރުގައި ޖައްސާފައި އޮތީ އޭނާ އެކަންޏެވެ.

އެމްޑީޕީގެ ދަފްތަރާއީ އީސީގެ ދަފްތަރު އެއްގޮތް ކުރުމުގެ މަސައްކަތް އެ ޕާޓީން މިހާރު ވަނީ ފަށައިފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ޖަލްސާގައި މައިގަނޑު ދެކަމެއް ކުރަން ފާސްކުރި އެވެ. ފުރަތަމަ ކަމަކީ ކޮންގްރެސް ބާއްވާ ތާރީހު އޮގަސްޓް ހަތަރަކުން އޮގަސްޓް 19 އަށް ފަސްކުރުމެވެ. ދެވަނަ ކަމަކީ އެ ޕާޓީގެ ދަފްތަރުގައި ތިބި މެމްބަރުންގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ޖެހެން ތިން މަސް ދުވަހުގެ މުހުލަތެއް ދީ، އެ ދަފްތަރު ރަނގަޅުކޮށް، އެއްގޮތް ކުރުމެވެ.














