މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ސަހުބާން ފަހުމީގެ މަގާމު ހުސްވެއްޖެ ކަމަށް ބެލެވޭތީ އެ ކަމުގައި އެޓާނީ ޖެނެރަލްގެ ގާނޫނީ ލަފައެއް ހޯދަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުން މިއަދު އެދިވަޑައިގެންފި އެވެ.
ސަހުބާންގެ އިތުބާރު ނެތް ކަމަށް ބުނެ އެމްއެމްސީގައި އޭނާ މެންބަރު ކަމުން ވަކިކުރަން ވޯޓެއް ނެގި އެވެ. އެމްއެމްސީގެ ގާނޫނު ބުނާ ގޮތުން އެ ކައުންސިލްގެ މެންބަރަކު ވަކިކުރެވެނީ މަދުވެގެން 10 މެންބަރުންގެ ވޯޓުންނެވެ. ނަމަވެސް ސަހުބާން ވަކިކުރަން ވޯޓު ދިނީ 8 މެންބަރެކެވެ.
އެމްއެމްސީގެ ގާނޫނުގައި ކައުންސިލް ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާނެ ގޮތެއް ލިޔެފައެއް ނެތެވެ. އަދި މެންބަރު ކަމުގެ ޝަރުތެއް ގެއްލިއްޖެނަމަ ދެން އަމަލު ކުރާނެ ގޮތެއް ވެސް އެ ގާނޫނުގައި ނެތެވެ.
މީޑިއާ ކައުންސިލްގެ މެންބަރުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ ސަމާލު ކަމަށް މި މައްސަލަ ގެނައީ ވެސް ގާނޫނުގައި މި ފަދަ ބާގަނޑުތައް ގިނަވުމުން އެ ކަމުގައި ގާނޫނީ ހައްލެއް ގެނެވެން އޮތްތޯ މަޝްވަރާ ކުރުމަށެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ ހުރިހާ މެންބަރުން ގޮތަކަށް ފާހަގަ ކުރެއްވީ އެ ކަމަކީ ކޮމިޓީގެ އިހްތިސޯސްގެ ތެރޭގައި ސީދާ ހިމެނޭ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ކައުންސިލްގެ މަސައްކަތް މުޅިން ހުއްޓުމަކަށް އައިސްފައިވާތީ މަސައްކަތް ފަށަން ކޮމިޓީގެ މެންބަރުން ބާރު އެޅުއްވި އެވެ.

"އަޅުގަނޑުމެންގެ މެންޑޭޓްގައި އޮތް ކަމެއް ނޫން ކައުންސިލްގެ މެންބަރުން އައްޔަން ކުރުމާއި ވަކިކުރުމަކީ، އެކަމަކު އަޅުގަނޑުމެން ބާރު މި އަޅަނީ ކައުންސިލްގެ ރައީސްއާ މެދު އޮތް ހިތްހަމަނުޖެހުމަކާ ހުރެ ކައުންސިލްގެ މަސައްކަތް ހުއްޓިގެން ނުވާނެއޭ،" ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވި އެވެ.
މަޝްވަރާތަކަކަށް ފަހު، ރޮޒައިނާ ފުރަތަމަ ލަފާ ދެއްވީ ގާނޫނުގައި ރައީސްގެ އިތުބާރު ނެތް މައްސަލައެއް ނަގާނެ ގޮތެއް ފާހަގަވެފައި ނުވާތީ އެ މަރުހަލާ ގަވާއިދެއްގައި ލިޔެގެން ކުރިއަށް ގެންދިއުމަށެވެ.
ނަމަވެސް ކައުންސިލްގެ ގާނޫނުގައި ރައީސް އާއި ނައިބު ރައީސް އިސްތިއުފާ ދީގެން ނޫން ގޮތަކަށް އެ މަގާމުން ވަކިކުރެވޭނީ ކައުންސިލްގެ މެންބަރު ކަމުން ވަކިކޮށްގެން ކަން ބަޔާން ކޮށްފައި އޮތް މާއްދާ ކައުންސިލް މެންބަރުން ދެން ފާހަގަ ކުރެއްވި އެވެ.
ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި ޝަހުބާންގެ މަގާމު މިހާރު ހުސްވެއްޖެ އެވެ. އެއީ މުޖުތަމައު ގަބޫލު ކުރާ އަހުލާގީ މިންގަނޑުތަކުގައި ހުންނަ މީހަކަށް ވާން އޮންނަ ޝަރުތު މިހާރު އުނިވެފައި ވާތީ އެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ މަގާމު ހުސްވެފައޭ މި އޮތީ، އެކަމަކު މަގާމު ހުސްވުމުން ދެން އަމަލު ކުރާނެ ގޮތެއް ގާނޫނުގައި މި ނެތީ، އަޅުގަނޑު ދެކެނީ އެ ކަން ގަވާއިދުގައި ތަފްސީލްކޮށް ލިޔެވިގެން ދެން އެ އިޖުރާއަތަކާ އެކު ކުރިއަށް ގެންދެވޭނެ ކަމަށް،" އެމްއެންޕީގެ ނައިބު ރައީސް އުޝާމް ވިދާޅުވި އެވެ.
އިތުރު މަޝްވަރާތަކަށް ފަހު ކޮމިޓީގެ މުގައްރިރު ރޮޒައިނާ ވިދާޅުވީ، އުޝާމް ވެސް ފާހަގަ ކުރެއްވި ގޮތަށް ކުރިއަށް ދާން ކޮމިޓީގެ ލީގަލް މުވައްޒަފުން ވެސް ލަފާ ދެއްވާ ކަމަށެވެ. ނަމަވެސް އެ ކަން އިތުރަށް ސާފުކުރަން އެޓާނީ ޖެނެރަލްގެ ލަފައެއް ހޯދަން އެދިވަޑައިގަތެވެ.
"އަޅުގަނޑުމެން ކޮމިޓީގެ ފަރާތުން ހަމަ ރެކޮމެންޑް ކުރަން، އެޓާނީ ޖެނެރަލްގެ ލަފައެއް މި ކަމުގައި ހޯދައިގެން ކުރިއަށް ދާން،" ރޮޒައިނާ ވިދާޅުވި އެވެ.
މިއީ ޒާތީ ކަމެއް، އިސްތިއުފާ ދޭނީ ދައުވާ ކުރުމުން: ޝަހުބާން
އެމްއެމްސީގެ ރައީސް ކަމުގައި ހުންނެވި ސަންގުޓީވީގެ ނިއުސް ހެޑް ސަހުބާން ފަހްމީއަށް ދިން ފުރުސަތުގައި އޭނާ ތަކުރާރުކޮށް ވިދާޅުވީ އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ މައްޗަށް ތުހުމަތެއް ކުރެވުނުއިރު އޭނާއަކީ އެ ކުންފުނީގެ "ސްލީޕިން ޕާޓްނާ" އެއް ކަމަށެވެ. އެހެންކަމުން ކުންފުނީގެ އެއްވެސް ކަމެއްގައި އަމަލީ ގޮތުން އޭނާއަށް ބައިވެރިނުވެވޭނެ ކަމަށް ވިދާޅުވި އެވެ.
"ކުންފުންޏެއްގައި އޮންނާނެ ބޯޑް އޮފް ޑައިރެކްޓާސް، ޝެއާހޯލްޑާސް، އަޅުގަނޑަކަށް އެކަނި ކުންފުންޏެއްގެ ކަމެއް ނުވެސް ނިންމޭނެ، އަޅުގަނޑު ފަރުދީ ގޮތުން ކުރި ކަމެއްގައި އެފަދަ ތުހުމަތެއް ކުރިނަމަ އިސްތިއުފާ ދޭނަން، މީހަކު އަޅުގަނޑު ކައިރީ ބުނާކަށް ވެސް ނުޖެހޭނެ،" ސަހުބާން ވިދާޅުވި އެވެ.
ސަހުބާން ވިދާޅުވީ އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ މައްޗަށް ތުހުމަތެއް ކުރެވިގެން އޭނާ ފުލުހަށް ހާޒިރު ކުރި ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރެވެން ދެން މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އަދި އެ މައްސަލައެއްގެ ތަހުގީގު ހިނގަމުން އަންނަތާ ވެސް ހަތަރު މަހަށް ވުރެ ގިނަ ދުވަސްވީއިރު، މާފަހުން ކުއްލިއަކަށް ކައުންސިލުން މަސައްކަތް ހުއްޓާލާތީ ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ މައްޗަށް ދައުވާ އުފުލުމުން އަޅުގަނޑު މަގާމުން އިސްތިއުފާ ދޭނަން، މީހަކު އަޅުގަނޑު ކައިރީ ބުނާކަށް ވެސް ނުޖެހޭނެ،" ޝަހުބާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ކައުންސިލްގައި ތިއްބެވި ބައެއް މެންބަރުންގެ ފަރާތުން ކުރިމަތިކޮށްގެން އުޅެނީ ޒާތީ ކަމެއް ކަމަށެވެ. މިހާރު ވެސް ބައެއް މެންބަރުން އޭނާއާ ދިމާއަށް ވަގަށް ގޮވައި، އޭނާގެ އަބުރު ކަތިލަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.













