ލޯކަލް ކައުންސިލްތަކުން ބަލައިގަންނަ ފައިސާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މޯބައިލް ޕޮއިންޓް އޮފް ސޭލް (ޕޮސް) މެދުވެރިކޮށް ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
މިހާރު ކުރިޔަށްދާ "ވިއަވަތި" މަހާސިންތާއާ ދިމާކޮށް މިދިޔަ ބުރާސްފަތި ދުވަހު ފިނޭންސުން ނެރުނު ސާކިއުލާގައިވާ ގޮތުގައި މި އިންތިޒާމު ހަމަޖެއްސީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދެވޭ މާލީ ހިދުމަތްތައް ކުރިއަރުވައި، އިގުތިސޯދުގައި ޗެކާއި ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުންނެވެ.
ފިނޭންސްގެ ސާކިއުލާގައި އިތުރަށް ބުނީ ބީއެމްއެލް ޕީއޯއެސް މެދުވެރިކޮށް "ބަނޑޭރި ޕޭ" އަށް ބަލައިގަންނަ ފައިސާ ދުވަހުން ދުވަހަށް ކައުންސިލްތަކުގެ ބޭންކް އެކައުންޓަކަށް ޖަމާކުރަން ފިނޭންސުން އިތުރު ހުއްދައެއް ހޯދަން ނުޖެހޭނެ ކަމަށެވެ.
އޭގެ ބަދަލުގައި ކައުންސިލުން ޒިންމާވާނެ މީހަކު ހަމަޖެއްސުމަށްފަހު ފުރިހަމަކުރަން ޖެހޭ ފޯމު ހުށަހެޅުމުން، ސީދާ ބީއެމްއެލްގައި އެދިގެން އެ އިންތިޒާމުތައް ހަމަޖެހޭނެ އެވެ. ސާކިއުލާ ބުނާ ގޮތުން ކައުންސިލުގެ ފަރާތުން ޕީއޯއެސް ހިދުމަތާ ގުޅޭ ކަންކަމުގެ ޒިންމާ އުފުލާނީ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް ނޫނީ އޭނާގެ މަސްއޫލިއްޔަތު އެވަގުތު ހަވާލުވެފައިވާ ފަރާތަކުންނެވެ.
ކައުންސިލްތަކަށް އަންނަ ބުދަ ދުވަހުން ފެށިގެން މި ހިދުމަތަށް އެދެވޭނެ އެވެ.

މިގޮތަށް "ޕީއޯއެސް" މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ފަހިވެގެން ދިޔުމުން ކައުންސިލްތަކުން ހިދުމަތް ހޯދާ މީހުނަށާއި ކައުންސިލްތަކަށް ވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ. އަދި، ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކުރަން ވެސް އެހީތެރިވެދޭނެ އެވެ.
ސަރުކާރުގެ ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ތެރެއިން ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކުރަން މިނޫނަސް މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދިނުމާއި ސީދާ ކައުންސިލުން ދައްކާ ގޮތަށް ދަރަނި ނެގޭނެ މަގުފަހިކޮށްދިނުމުގެ އިތުރުން ވިޔަފާރިކޮށްގެން އާމްދަނީ ހޯދަން ވެސް ވަނީ ފަހިކޮށްދީފަ އެވެ.













