ގައުމީ އެއާލައިން މޯލްޑިވިއަން އިން، ކުރިޔަށް މިއޮތް ބޮޑު އީދު ޗުއްޓީ ދުވަސްވަރު ތައިލެންޑުގެ ބެންކޮކް އަށް ދަތުރުތަކެއް ތާވަލުކޮށްފި އެވެ.
ދިވެހިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމުގައިވާ ތައިލެންޑަށް މޯލްޑިވިއަން އިން ދަތުރުކުރާނީ ޖުލައި 10 ގަ އެވެ. ރިޓާން ފްލައިޓު އޮންނާނީ ޖުލައި 17 ގަ އެވެ. ދަތުރުކުރާނީ މާލެ-ބެންކޮކް-މާލެ އަދި ބެންކޮކް-މާލެ-ބެންކޮކް ރޫޓުންނެވެ.

ބޮޑު އީދާ ދިމާކޮށް މޯލްޑިވިއަނުން ބެންކޮކަށް ކުރާ ދަތުރުތަކުގެ ޕްރޮމޯޝަނަލް ޕޯސްޓަރު. --
މިގޮތުން މާލެއިން ކުރާ ދަތުރުތަކުގެ ރިޓާން ފެއާ ފެށޭ އަގަކީ 430 ޑޮލަރު (6630.60ރ.) އެވެ. އަދި ބެންކޮކުން ކުރާ ދަތުރުތަކުގެ ފެށޭ އަގަކީ 421 ޑޮލަރު (6491.82ރ.) އެވެ.
ބެންކޮކްގެ އިތުރުން މޯލްޑިވިއަނުން ވަނީ އީދަށް މެލޭޝިއާގެ ކުއަލަ ލަމްޕޫރަށް ވެސް ހާއްސަ ފްލައިޓުތަކެއް ތާވަލުކޮށްފަ އެވެ. މި ދަތުރުތަކުގެ ޓިކެޓުތައް ވިއްކަން ފެށިތާ ހަތަރު ވަރަކަށް ގަޑިއިރުގެ ތެރޭގައި ހުރިހާ ޓިކެޓެއް ވިކި ހުސްވެއްޖެ އެވެ.











