ފްލެޓު ލިބިފައިވާ ކަމަށް ބުނެ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި މަކަރާއި ހީލަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ދާދިފަހުން ހުޅުމާލެ ފޭސްޓޫގައި ހިންގާ މަޝްރޫއަކުން ފްލެޓެއް ލިބެން އޮތް ކަމަށް ބުނެ ވެސް އެޗްޑީސީގެ ނަމުގައި ފޭކް ކޯލުތަކެއް ކޮށް ފޯނަށް އަންނަ ސެކިއުރިޓީ ކޯޑު ހޯދުމަށް މަސައްކަތްކޮށްފައިވެ އެވެ. މިފަހަރު އޭގެ ބަދަލުގައި ފްލެޓު ލިބިފައިވާ ކަމަށް ބުނެ އީމެއިލް މެދުވެރިކޮށް އިންޓަނެޓު ބޭންކިން އަށް ވަދެ ގިނަ އަދަދެއްގެ ފައިސާ ދަނީ ހޯދަމުންނެވެ.
"އެޗްޑީސީގެ ނަމުގައި ގުޅައި މަކަރާއި ހީލަތުން މީހުންގެ އަތުން ބޮޑެތި އަދަތުތަކުން ފައިސާ ހޯދާ މައްސަލަތައް ފުލުހުންނަށް ދަނީ ހުށަހެޅެމުން،" މިއަދު ފުލުހުންގެ އިދާރާއިން ހާމަކުރި އެވެ.
ފުލުހުން ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި މިކަން ކުރަމުން ދަނީ ވަރަށް ބޮޑަށް ރޭވި އިންތިޒާމުވެގެންނެވެ. އެގޮތުން، އެންމެ ފުރަތަމަ ވެސް އެމީހަކަށް ލިބިފައިވާ ޕޮއިންޓު ގުޅާ މީހާ ބުނެދެ އެވެ. އަދި، ފްލެޓް ޔަގީން ކުރުމަށް ޕޮއިންޓު މަދުވާތީ އަލުން ރިވިއުކުރުމަށް ލިޔެކިއުންތައް ފޮނުވުމަށް ކަމަށް ބުނެ އީމެއިލް އެޑްރެސް ހޯދައެވެ.
އެއަށްފަހު، އީމެއިލް އެޑްރެސް ދިނުމުން އެ އީމެއިލަށް އެޗްޑީސީގެ ނަމުގައި ލިސްޓެއް ފޮނުވަ އެވެ. އެއަށްފަހު ލިސްޓުގައި ޕޮއިންޓު ހިމެނުމަށް އީމެއިލަށް ވަނުމަށް ބޭނުންވާ ކަމަށް އޮޅުވާލައިގެން ގުޅާ މީހާ ބުނެ އެވެ. އެއީ ފޯނަށް ނުވަތަ އެހެން ޑިވައިސްއަކަށް ނަމަވެސް ދާ ނޮޓިފިކޭޝަން އެޕްރޫވް ކުރުމަށް ކަމަށް ބުނެ އެވެ.

އެ ހިސާބުން އޮންނަނީ ވަގުތު ފާއިތުވެފަ އެވެ. އީމެއިލަށް ވަދެވުމުން ދެން އެ މީހުން ކުރާ ކަމަކީ އިންޓަނެޓު ބޭންކިންއަށް ވަދެ އެކައުންޓުގައި ހުންނަ ފައިސާ އެމީހުންގެ އެކައުންޓަށް ފޮނުވަނީ އެވެ.
މިހާތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އަދި، އޮޅުވާލައިގެން ހޯދާފައިވާ ފައިސާގެ ތަފްސީލެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.
ހަމައެކަނި އެދުނީ ޒާތީ މައުލޫމާތާއި އޯޓީޕީ (ވަން ޓައިމް ޕާސްވޯޑް) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާނުކުރުމަށެވެ.
އެޗްޑީސީން ވަނީ އެ ކުންފުނިން ކަމަށް ބުނެ، އޮޅުވާލައިގެން ފައިސާގެ މުއާމަލާތް ހިންގަން އުޅޭ ކަމުގެ ޝަކުވާތައް ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ކަމަށް މީގެކުރިން ވެސް ހާމަކޮށްފަ އެވެ. އަދި، އެފަދަ ކޯލެއް ލިބިއްޖެ ނަމަ، އެޗްޑީސީގެ ކޯލް ސެންޓަރު، 1516 އަށް ގުޅާ އެކަމެއް ސާފުކުރުމަށް ވެސް ވަނީ އެދިފަ އެވެ.













