ކުޑަކުއްޖަކާ އެކު ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ކޯޓުން ދޫކޮށްލި މީހަކު ހޯދަން ފުލުހުން އުޅޭތާ ފަސް މަސް ވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ހޯދަނީ އުމުރުން 41 އަހަރުގެ ކ. މާލެ ތަނބުރުގެ، މުހައްމަދު ބިޝާރު އިސްމާއީލް އެވެ.
އޭނާއަކީ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން 2020 ވަނަ އަހަރު ހައްޔަރުކުރި އެވެ. ފުވައްމުލަކު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން އޭނާ ބަންދުކުރި އެވެ.
އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓަށް ބަދަލުކުރުމާ ގުޅިގެން މިދިޔަ އަހަރުގެ މެއި 26 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވެސް އޭނާ ޝަރީއަތުން ގޮތެއް ނިންމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކުރި އެވެ.
ނަމަވެސް ދައުވާ ލިބޭ ފަރާތުން ބަންދު މުރާޖާކޮށްދިނުމަށް ކޯޓުގައި އެދުމުން ޝަރުތުތަކާއެކު އޭނާ ދޫކޮށްލި އެވެ.

ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމުން އެ ކޯޓުން ނިންމާފައި ވަނީ އޭނާ ބަންދުން ދޫކޮށްލަންޖެހޭ ހާލަތެއް ނެތް ކަމަށެވެ. ހައިކޯޓުން އެގޮތަށް ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.
ހައިކޯޓުގެ އެ ހުކުމާ ގުޅިގެން އޭނާ ހައްޔަރުކުރުމަށްޓަކައި ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދިޔަނަމަވެސް، މިހާތަނަށް ކުރެވެނު މަސައްކަތުން އޭނާ ހޯދިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންނަށް ރިޕޯޓު ކުރުމަށް ވަނީ އެދިފަ އެވެ.













