އިދިކޮޅު ޕީޕީއެމް ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނާ ދެކޮޅަށް "މޯލްޑިވްސް ޔޫތު ފޯސް" ނަމުގައި ހަރަކާތެއް ފަށައިގެން ޔާމީންގެ ގެކޮޅު ކައިރީ އެއްވެ ތިބެ އަޑުއުފުލަނިކޮށް އޭގެ އެންމެ އިސްކޮށް އުޅުނު އެމްޓީޑީގެ ކައުންސިލް މެންބަރު އަހްމަދު "ޝުމްބާ ގޮންގް" އަޝްރަފް ހައްޔަރު ކުރުމަށް ފަހު ކުޑަވަގުތުކޮޅެއްގެ ތެރޭ ދޫކޮށްލައިފި އެވެ.
އަޝްރަފް ކުރި ޓްވީޓެއްގައި ވަނީ އޭނާ ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަން ހާމަކޮށްފަ އެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ ގާތްގަނޑަކަށް 40 މިނެޓް ފަހުން އޭނާ ދޫކޮށްލިކަމަށް ބުންޏެވެ.
ޝުމްބާ މި ނޫހަށް ކިޔައިދިން ގޮތުގައި، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ އަމުރާ ހިލާފުވި ކަމަށް ތުހުމަތުކޮށްފަ އެވެ. ބައެއް ސުވާލުތައްކޮށް ނަސޭހަތް ދީފައި ފަހުން އޭނާ ދޫކޮށްލީ އެވެ.
ޝުމްބާ ހައްޔަރު ކުރި ސަބަބާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ. އެހެންވިޔަސް ފުލުހުން ވެސް ވަނީ ޔާމީންގެ ގެކޮޅު ކައިރީ އެއްވެ ހިންގި ހަރަކާތުގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފަހުން ދޫކޮށްލި ކަން ކަށަވަރުކޮށްދީފަ އެވެ.

"މޯލްޑިވްސް ޔޫތް ފޯސް" ނަމުގައި ހަރަކާތެއް ފެށިއިރު، އެ ހަރަކާތުގައިއިސްކޮށް އުޅެނީ ޝުމްބާ ހިމެނޭހެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ އުފެއްދެވި އެމްޓީޑީ ޕާޓީގެ ބައެއް އިސް ބޭފުޅުންނެވެ. ކުރީގެ ގާޒީ މުހައްމަދު ހަލީމް ވެސް މިއަދު އެ ހަރަކާތާ ގުޅިވަޑައިގަތެވެ.
މި ހަރަކާތުގެ ބައިވެރިން މިއަދު ހަވީރު ރައީސް ޔާމީންގެ ގެކޮޅު ކައިރިއަށް އެއްވެ އަޑުއުފުލަމުން ގެންދަނީ ޔާމީން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓާލުމަށެވެ. އަދި ޔާމީން އަލުން ޖަލަށް ގެންދިއުމަށް ވެސް އެއްވުމުގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.
މި ހަރަކާތުގެ ބައިވެރިޔަކު ފޭސްބުކްގައި ޕޯސްޓް ކުރި ވީޑިއޯއެއްގައި "ޒުވާނުން މި ނުކުންނަނީ ރައީސް ޔާމީން ސައިޒް ކުރަން" ކަމަށް ބުނުމުން އެއީ އެމަނިކުފާނަށް ދިން އިންޒާރެއް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ ފުލުހަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބޭ ތިބުމާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޑިއާގެ އަސްކަރީ އެހީ ހޯދަން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅަށް ޔާމީން ހިންގަވާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން އަންގައި ރައީސް ވަނީ ރިޔާސީ ގަރާރެއް ވެސް ނެރުއްވައިފަ އެވެ.
އެ ގަރާރު ނެރުނު ފަހުން މާލޭގެ އެކި ކަންކޮޅުތަކުގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ފުލުހުން ދިޔައީ ނަގަމުންނެވެ. ކޯޓު އަމުރުގައި އެ ގޮތަށް ލިޔެފައި ހުންނަ ބެނާތައް ނަގަން އަންގާފައި އޮތުމުން ފަހުން ދިޔައީ ސްޕެލިން ބަދަލުކޮށް ބެނާތައް ދަމަމުންނެވެ. އެ ބެނާތައް ވެސް ކޯޓު އަމުރަކާއެކު ފުލުހުން ނެގި އެވެ.












