މަސައްކަތްތެރިންގެ ދުވަސް (މޭޑޭ) ފާހަގަ ކުރަން، މަސައްކަތްތެރިންގެ ޔުނިއަންތައް ތަމްސީލް ކުރާ މައި ޔުނިއަން މޯލްޑިވްސް ޓްރޭޑް ޔުނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިން އިންތިޒާމު ކުރި ހިނގާލުން ފުލުހުން އަންގާ ވަކި މަގުތަކެއްގައި ބާއްވާ ގޮތަށް ކުރިއަށް ގެންދަން ހުއްދަ ދީފި އެވެ.
މި ހިނގާލުން ބާއްވަން ފުރަތަމަ ނިންމީ ރަސްފަންނުން ކާނިވާއާ ހަމައަށް ހިނގާފައިދާއިރު މަޖީދީ މަގު ހުރަސްކުރާ ގޮތަށް ގެންދިއުމަށެވެ. އެކަމަކު ރޯދަ މަހުގެ ހަވީރު ވަގުތު އެ މަގުގެ ޓްރެފިކް ބޮޑުވާތީ އެ މަގުގައި ނުބޭއްވޭނެ ކަމަށް ފުލުހުން އެންގި އެވެ.
ފުލުހުން މިއަދު ބުނީ، މޭޑޭ ރެލީ އިންތިޒާމު ކުރާ ފަރާތާއެކު އިތުރަށް ކުރެވުނު މަޝްވަރާތަކަށް ފަހު، ދެ ފަރާތުން އެއްބަސްވެވޭ އެހެން ސަރަހައްދެއްގައި ރެލީ ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައިވާނެ ކަމަށެވެ.
އެމްޓީޔޫސީން ބުނި ގޮތުގައި، ފުލުހުން ފަހުން ދިން އިހްތިޔާރަކީ މަޖީދީ މަގުގެ ބަދަލުގައި ރަސްފަންނު ސަރަހައްދުން ހިނގާފައި ގޮސް، އަމީނީ މަގު ހުރަސްކޮށްގެން ކާނިވާ ސަރަހައްދާ ހަމައަށް ދިއުމަށެވެ.
"މި އޮޕްޝަންއެއް ކުރިން ފުލުހުން އަޅުގަނޑުމެންނަކަށް ނުދޭ، މި އޮޕްޝަން ދީފައި މިއަދު މަޝްވަރާ ކުރުމުން އަޅުގަނޑުމެން ވެސް ވާނެ އެއްބާރުލުން ދޭނެ ކަމަށް ބުނެފައި،" އެމްޓީޔޫސީގެ ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވި އެވެ.

އެ ހިނގާލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ މިއަދު ހަވީރު 4:00 އިން 6:00 އަށެވެ.
މަސައްކަތްތެރިންގެ ދުވަހަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ހިނގާލުންތަކާއެކު ފާހަގަކުރާ ދުވަހެކެވެ. އެންމެ ފަހުން ރާއްޖޭގައި ބޮޑު ރެލީ އަކާ އެކު މިދުވަސް ފާހަގަ ކޮށްފައި ވަނީ 2019ވަނަ އަހަރު އެވެ.












