ބަރުދަން ލުއިކުރަން ނުވަތަ އެއްވަރެއްގައި ދަމަހައްޓަން ކުރާ ކަމެއްގެ ގޮތުގައި ދުވަންދާން ބޭނުންވިޔަސް ބައެއް މީހުންގެ އެންމެ ފުރަތަަމަ ވެސް ކަންބޮޑުވުމަކީ އެކަމުން ކަކުލު ހުޅަށް ލިބިދާނެ ގެއްލުމެކެވެ. އެހެނީ އެއީ ކުރިއްސުރެ އިވޭ ވާހަކައެކެވެ. ދުވުމަކީ ކަކުލުހުޅަށް ގެއްލުންވާ ކަމެއްގެ ގޮތުގައި ކުރިން އޮތީ މަޝްހޫރުކޮށްފަ އެވެ.
އެކަމަކު ހަގީގަތަކީ ކަކުލުހުޅަށް ޖެހޭ އެންމެ ބޮޑު އެއް ބަލި ކަމަށްވާ އޮސްޓިއޯއާތުރައިޓިސް ޖެހުމުގެ ނުރައްކާ، ނުދުވާ މީހުންނަށް ވުރެ ކުޑައީ ދުވާމީހުންނަށް ކަމެވެ. އޮސްޓިއޯއާތުރައިޓިސް އަކީ އިއާދަނުކުރެވޭ ފަދަ ގޮތަކަށް ކަކުލުހުޅުގެ ކާޓިލެޖް ހަލާކުވާ ބައްޔެކެވެ.
ލައިވްސައިންސް ޑޮޓްކޮމް އަށް ދެއްވި އިންޓަވިއުއެއްގައި އިނގިރޭވިލާތުގެ މަޝްހޫރި ފިޒިއޮތެރަޕިސްޓެއް ކަމަށްވާ ޑރ. ހެލަން އޮ ލިއަރީ މިކަން ތަފްސީލުކޮށްދެއްވާފަައި އެބަ އޮތެވެ.
ދުވުމުން ކަކުލަށް ކުރާ ބާރަކީ ރަނގަޅެއް
ދުވުމަކީ ކަކުލަށް ގެއްލުންވާ ކަމެއް ކަމަށް މީހުން ދެކޭ އެއް ސަަބަބަކީ އެއީ ކަކުލުހުޅަށް ބާރުކުރާ ކަމެއް ކަމަށް ވުމެވެ. އެކަމަކު ދުވެފައި ދާ ދުރުމިނަށް ހިނގާފައި ދިއުމުން ނުކުރާ ބާރެއް ހަގީގަތުގައި ދުވުމަކުން ކަކުލަކަށް ނުކުރާނެެ އެވެ.
"މެޑިސިން އެންޑް ސައިންސް އިން ސްޕޯޓްސް އެންޑް އެކްސަސައިޒް" ގައި ޝާއިއުކުރި ކުޑަ ދިރާސާއެއްގައި މިކަން ވާގޮތް ބަޔާންކޮށްފައި އެބަ އޮތެވެ. ކެނެޑާގެ ދިރާސާވެރިންތަކެއް ކުރި އެ ދިރާސާގައި ، ބައިވެރިކުރި 14 މީހަކަށް ޖެއްސީ ޕްލެޓްފޯމެއްގެ މަތީގައި ދުވަން ނުވަތަ ހިނގާށެވެ. އެ ޕްލެޓްފޯމަކީ އޭގައި އަޅާ ކޮންމެ ފިޔަވަޅަކުން ކުރާ ބާރު ވަޒަންކުރާ ގޮަތަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ.

އެ ދިރާސާއިން އެނގުނު ގޮތުގައި ދުވުމަށް އަޅާ ފިޔަވަޅަކުން ކަކުލަށް ކުރާ ބާރު، ހިނގުމުގައި އަޅާ ފިޔަވަޅަކުން ކުރާ ބާރަށް ވުރެ ތިން ގުނަ އިތުރެެވެ. އެކަމަކު ހަމަ އެއާ އެކުގައި ދުވުުމުގައި ފައިބިމުގައި ޖެހޭ އަދަދާއި ޖެހިފައި ހޭދަވާ ވަގުތަށް ބެލީމާ، ޖުމްލަ ގޮތެއްގައި އެއް ދުރުމިނަކުން ކަކުލަށް ކުރާ ބާރު އެއްވަރެވެ.
ޑރ. އޮލިއަރީ ވިދާޅުވެފައިވާ ގޮތުގައި ދުވުމަކީ ކަކޫ ބަލިވުމުގެ ބަދަލުގައި ވަރުގަދަވާ ކަމެކެވެ.
"އަހަރެމެން ދުވާ ކޮންމެ ފަހަރަކު މިކުރެވޭ ކަމަކީ ހަށިގަނޑުގެ ބަރުދަނުގެ ތިންގުނަ ކޮންމެ ފަޔަކަށް ދިނުން. އަހަރެމެންގެ ތެރެއިން ގިނަމީހުންނަކީ އެއްފައިމައްޗަށް، ސްކޮޑް ނުވަތަ ލެގް ޕްރެސް ހެދޭނެ ބައެއް ނޫން. ދުވުމުގައި މިކުރެވެނީ އެ ކަންތައް ކަމަށް ވާއިރު އެއީ ފަޔާއި ޓޯސޯގެ މަސްތައް ވަރުގަދަވާނެ ކަމެއް. އެ މަސްތައް ވަރުގަދަވުމަކީ ހުޅަށް ބާރުލިބޭނެ ކަމެއް،" އޭނާ ވިދާޅުވެފައި ވެ އެވެ.
އެހެން ނަމަވެސް ދުވުމުގެ ސަބަބުން ކަކުލަށް ގެއްލުންވާ ފަހަރުވެސް އާދެ އެވެ. އެއީ އެކަމަކު ހެދޭ ގޯސްތަކެއްގެ ސަބަބުން ދިމާވާ ކަމެކެވެ. އެފަދަ އެއް ގޯހަކީ ހަށިގަނޑުން ބަދަލު ބަލައިގަންނަން ދޭން ޖެހޭ ވަގުތު ނުދިނުމެވެ. ކުރިން މާބޮޑަށް ހަރަކާތްތެރިވެ ނޫޅޭ މީހަކު ކުއްލިއަކަށް ގޮސް މާ ގިނައިރުވަންދެން ދުވުމަކީ މީގެ މިސާލެކެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގިނަ އިންޖަރީތަކަކީ ޑިމާންޑަށް އެޑަޕްޓްވާން ހަށިގަނޑަށް ވަގުތު ނުދިނުމުގެ ސަބަބުން ކުރިމަތިވާ އިންޖަރީތައް. ހަށިގަނޑު ވަރުގަދަވާން ވަގުތު ދޭން ޖެހޭނެ،" އޮ ލިއަރީ ވިދާޅުވެފައި ވެ އެވެ.
ދިމާވެދާނެ އަނެއް ކަމަކީ ދުވަން ދާއިރު އަރާ ބޫޓް ކަމުނުދިއުމެވެ. އެއީ ފަޔަށް އެކަށީގެންވާ ވަރަށްވުރެ ބާރު ބޫޓަކަށް ވެދާނެ އެވެ. ނުވަތަ ބޫޓް ހުރި ބައްޓަމުގެ ސަބަބުން ވެސް ގެއްލުންވެދާނެ އެވެ. ރަނގަޅަށް ބަލައިގެން ދުވަނިކޮށް، ފަޔަށް ތަދުވާ ނަމަ ބޫޓު ބަދަލުކޮށްލަން ކަމާ ބެހޭ މާހިރުން ލަފާދެ އެެވެ.














