ވ. ހުޅިދޫ އާއި ވ. އަންބަރާ ތަރައްގީ ކުރުމަށް އެގްރިމެންޓުކުރި ފަރާތްތަކުން އެގްރިމެންޓާއި ހިލާފުވެ އަދި ރަށްތައް ތަރައްގީކޮށް ހިދުމަތަށް ފުރިހަމަކުރުމަށް އެގްރިމެންޓު ކުރެވުނު މުއްދަތު ހަމަވެފައިވާތީ އެ ދެ ރަށް ވ. އަތޮޅުގެ ކައުންސިލަށް ނެގުމަށް އެ ކައުންސިލުން ނިންމައި ގަރާރެއް ފާސްކޮށްފި އެވެ.
އެ އެއްބަސްވުން ފާސްކުރީ "އެ ދެ ރަށުގައި އެއްވެސް މަސައްކަތެއް ކުރުމުގެ ފުރުސަތު އެއްވެސް އަމިއްލަ ފަރާތަކަށް މިހާރު ލިބިފައިނުވާނެތީ" ކަމަށް ވ. އަތޮޅު ކައުންސިލުން މިއަދު ފާސްކުރި ގަރާރެއްގައި ބުނެފައިވެ އެވެ. އަދި، ދެ ރަށް ވެސް ނަގަނީ ވ. އަތޮޅުގެ ރައްޔިތުންގެ ބޭނުމަށް ކަމަށް އެ ކައުންސިލުން ބުނެ އެވެ.
ވ. އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 13 ވަނަ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ ވ. ތިނަދޫ ކައުންސިލްގެ ފަރާތުންނެވެ.
ވ. އަތޮޅުގެ ގުދުރަތީ ވަސީލަތްތައް ސަރުކާރުތަކުން އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދޫކުރުމުގައި ތަފާތު އިހުމާލުތައް ވެފައިވާ ކަމަށާއި، އެފަދަ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން އެ އަތޮޅުގެ ގުދުރަތީ ވަސީލަތްތައް ބޭނުން ކުރުމުން އަތޮޅު ރައްޔިތުން މަހުރޫމުވެފައިވާ ކަމަށް ކައުންސިލުން ފާހަގަކުރި އެވެ.
"ވ. ހުޅިދޫ އަދި ވ. އަންބަރާ ތަރައްގީ ކުރުމަށް އެގްރިމެންޓުގައި ބަޔާންކޮށްފައިވާ މުއްދަތަށް އެގްރިމެންޓްކުރެވިފައިވާ މަސައްކަތްތައް ފުރިހަމަކޮށްފައި ނުވާތީ އާއި، މިހާތަނަށް އެރަށް ރަށުގައި ކޮށްފައިވާ މަސައްކަތްތައްވެސް ކޮށްފައިވަނީ އެގްރިމެންޓާއި ހިލާފަށް އަދި ރަށްރަށުގެ ވެއްޓަށް އެއްވެސް ބެލުމެއްނެތި ރަށްރަށަށް ވަރަށްބޮޑަށް އިހުމާލުވެފައިވާތީ އެކަމުގެ ޝަކުވާ ހުރިހާ ރަށެއްގެ ރައްޔިތުންގެ ފަރާތުން ފާޅުކުރަމުންދޭ" އަތޮޅު ކައުންސިލްގެ މެމްބަރުން ފާހަގަކުރެއްވި އެވެ.

މި ގަރާރަކީ ވ. އަތޮޅުގެ ފަޅު ރައްތަކާއި، ފަޅުތަކާއި، އަދި ފަރުތައް އަދި އެންމެހައި ގުދުރަތީ ވަސީލަތްތައް ބޭނުން ކުރަމުން އަންނަ ގޮތާއި މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ޝަކުވާތަކުގެ މައްޗަށް ބަލައި، އެރައްޔިތުންގެ ޝަކުވާތަކަށް ހައްލުތަކެއް ހޯދުމުގެ ގޮތުން އަތޮޅު ކައުންސިލުން ކޮންމެހެން ފާސްކުރަން ޖެހިފައިވާ ފަދަ ގަރާރެއް ކަމަށް ވެސް އެ މެމްބަރުން ފާހަގަކުރެއްވި އެވެ.
މި ގަރާރު ފާސްކުރީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި ބައިވެރިވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ވ. ހުޅިދޫ
ދަނޑުވެރިކަން ތަރައްގީކުރުމަށް ވ. ހުޅިދޫ ސަރުކާރުން ދޫކުރީ 2017 ގަ އެވެ. ސަރުކާރުން އެ ރަށް ދޫކުރީ "އާރަށް އިންވެސްޓްމަންޓު ޕްރައިވެޓު ލިމިޓެޑަށެވެ. އެއީ. ވ. އަތޮޅު "އާރަށް" ކުއްޔަށް ދޫކުރެވިފައިވާ ދުވަސްވަރެއްގަ އެވެ.
ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީކުރުމަށް އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި، އެމަނިކުފާނުގެ މައްޗަށް ރިޝްވަތު ނެގުމާއި މަނީ ލޯންޑަރިންގެ ދައުވާތައް އަދި "އާރަށް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް"ގެ ހިއްސާދާރެއްކަމުގައިވާ ވ. ފެލިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފު ނައީމުގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދައުވާތައް ކޯޓުގައި އަންނަނީ ހިނގަމުންނެވެ.
ވަ. އަންބަރާ
މި ރަށަކީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރުމަށް 2004، ގައި ދޫކުރި ރަށެކެވެ.
އެ އެގްރިމެންޓު ބާތިލުކޮށް އަންބަރާގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން 2016، ގައި "ހަނދުވަރު އޯޝަން ޕްރިވެޓް ލިމިޓެޑް" އަށް ކުއްޔަށްދޫކުރި އެވެ. ނަމަވެސް، ރިސޯޓް ތަރައްގީކުރުމުގެ އަމަލީ އެއްވެސް އެދެވޭ މަސައްކަތެއް އެ ރަށުގައި ފެށިފައި ނުވެ އެވެ.














