ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ބަރު އުޅަނދެއް ކ. ތިލަފުށީގައި އެކްސިޑެންޓެއްވެގެން ބެލިއިރު، ކުނި ނަގާ ކުންފުނިން ދުއްވި 16 ޓަނުގެ ވެހިކަލަކީ ފޭކު ނަންބަރު ޕްލޭޓު އަޅުވައިގެން ދުއްވަމުންދިޔަ އުޅަނދެއްކަން ހާމަވެއްޖެ އެވެ.
ވެމްކޯގެ އެ ލޮރީ އެކްސިޑެންޓުވީ ސައިކަލެއްގަ ޖެހި އެވެ. އެވަގުތު ސައިކަލުގައި ދެ މީހުން ތިއްބެވެ. ވެމްކޯގެ އުޅަނދުގައި ހަރުކޮށްފައި ހުރީ ފޭކު ނަންބަރު ޕްލޭޓުކަން ފާހަގަވީ ސައިކަލު ދުއްވަން އިން މީހާއަށެވެ.
"އަޅުގަނޑު ކުރީގައި ހުއްޓައި، ފަހަތުން އައިސް ވެމްކޯގެ ވެހިކަލް ޖެހެނީ. ދެން ސައިކަލު ހުއްޓާ ބެލިއިރު، މިއީ ރަޖިސްޓްރީ ނުކުރާ ވެހިކަލެއް،" ނޫހުގައި ނަން ނުޖެހުމަށް އެދި އޭނާ ކިޔައިދިނެވެ.

އެކްސިޑެންޓުވި ވެހިކަލުގައި އަޅުވާފައި އިން ނަންބަރު ޕްލޭޓް: މިއީ ފޭކު ނަންބަރު ޕްލޭޓެއް -- ފޮޓޯ: އަދަދު މަސްދަރު
އެކްސިޑެންޓުވި ވެމްކޯ ވެހިކަލްގެ ފޮޓޯ އަދި ވީޑިއޯ މި ނޫހަށް ވެސް ލިބިފައިވާއިރު އެ އުޅަނދުގައި ހަރުކޮށްފައި ހުރީ ނުބައި ނަންބަރު ޕްލޭޓުތަކެއްކަން ޔަގީންވެ އެވެ. އަދި ވެހިކަލްގެ އެއްވެސް ދިމާލެއްގައި ޓަނޭޖު ޖަހާފައި ނެތްކަން ވެސް ފާހަގަވެ އެވެ. އެ މައުލޫމާތު ބަރު އުޅަނދުތަކުގައި ފެންނަން ހުންނަންޖެހެ އެވެ.

އެ މައްސަލައިގައި ވެމްކޯއިން ރަސްމީކޮށް އެއްވެސް އެއްޗެކޭ ނުބުންޏެވެ. ނަމަވެސް ފޭކު ޕްލޭޓު އަޅުވައިގެން ތިލަފުށީގައި ދުއްވާކަން އެ ކުންފުނިން އިންކާރެއް ނުކުރެ އެވެ.
އެކްސިޑެންޓުގެ މައުލޫމާތު ހޯދުމަށް މި ނޫހުން ފުލުހުންނަށް ބުނީ "މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން" ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.












