ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރު ފަނޑިޔާރު ކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
މިއަދުގެ ވަގުތެއްގައި ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވައި, އެކަމުގެ ސިޓީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ފަނޑިޔާރު ސަމީރު ފޮނުއްވާފައިވާކަން އެ ކޮމިޝަނުން މި ނޫހަށް ވަނީ ޔަގީންކޮށްދީފަ އެވެ.
ފަނޑިޔާރަކު އަމިއްލައަށް އިސްތިއުފާ ދެއްވުމާއެކު, މަގާމުން ވަކިވެގެންދާނެ އެވެ. ފަނޑިޔާރު އަލީ ސަމީރު ކުއްލި ގޮތަކަށް ހައިކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެ އެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތުތައް ވެސް މީގެކުރިން އުފުއްލެވި, ފަނޑިޔާރު ސަމީރަކީ ހައިކޯޓުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ވެސް އައްޔަންކޮށްފައިވާ ފަނޑިޔާރެވެ.
ފަނޑިޔާރު ސަމީރަކީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ޖިނާއީ ކޯޓުގެ ސެކްރެޓެރީކަމާއި، މަދަނީ ކޯޓުގެ ސީނިއާ އެޑްމިން އޮފިސަރު ކަމާއި، މަދަނީ ކޯޓުގެ ގާޒީކަމާއި، މަދަނީކޯޓުގެ އިސް ގާޒީކަމާއި، ސިވިލްކޯޓުގެ އިސް ގާޒީކަން ހިމެނެ އެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ފަނޑިޔާރު ސަމީރު އައްޔަނުކޮށް މަގާމުގެ ހުވާ ކުރައްވާފައިވަނީ 2011 މާރޗް 26 ވަނަ ދުވަހު އެވެ.













