ޕީޕީއެމްގެ ދަފްތަރުގައި ހިމެނޭ މެމްބަރުންތަކެއް އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާ ކަމަށް ބުނެ އެ ޕާޓީން ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ރެޖިސްޓްރޭޝަން ސެކްޝަނުގެ އޮޑިޓެއް ހެދުމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން ޕީޕީއެމްގެ 5،000 މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެއްވީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް އެވެ.
އެ ތުހުމަތުތަކާ ގުޅިގެން "އަދަދު" ނޫހަށް މައުލޫމާތު ދެއްވަމުން އީސީގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ އަބަދުވެސް އެ ކޮމިޝަނުގެ ތަފާތު ސެކްޝަންތަކުގެ އޮޑިޓްތައް ކުރިއަށްގެންދާ ކަމަށެވެ. ނަމަވެސް، މިފަހަރު ރެޖިސްޓްރޭޝަން ސެކްޝަނުގެ އޮޑިޓެއް ކުރިއަށް ގެންދަނީ ޕީޕީއެމްގެ ޝަކުވާތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕީޕީއެމްގެ ޝަކުވާތައް އިތުރުވެފައިވުމާއެކު އަޅުގަނޑުމެން މިހާރު ނިންމާފައި ވަނީ އެންމެ އަވަހަށް ކުރާނީ މި އޮޑިޓޭ. ފޯމުތަކާ ބެހޭ ސެކްޝަން އެއީ. އެކަމަށްޓަކައި މިހާރު މަސައްކަތް ކުރަމުން ދަނީ،" ފުއާދު މި ނޫހަށް ވިދާޅުވި އެވެ.
މިިއީ ސިޔާސީ ޕާޓީތަކުގެ ދަފްތަރު އޮޑިޓު ކުރުމެއް ނޫނެވެ. މި އޮޑިޓު ކުރިއަށް ގެންދާނީ އެ ކޮމިޝަނުގެ އިންޓާނަލް އޮޑިޓަރެވެ. އޭނާ ކުރާ އޮޑިޓުތަކަށް ފަހު އިސްލާހުކުރަން ޖެހޭ ކަންކަން ސާފުވުމުން އެކަންކަން ސެކްޝަންތަކާ ހިއްސާކުރާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

ޕީޕީއެމްގެ ދަފްތަރުން 5،000 މެމްބަރުން މަދުވެފައިވާ ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކާ ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި، ޕީޕީއެމްގެ މެމްބަރުންތަކެއް އެހެން ޕާޓީތަކަށް ގޮސްފައިވާ ކަން ހިސާބުތަކުން ދައްކާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ ހިސާބުތައް ޗެކް ކުރަމުން މިދަނީ. އެކި ޕާޓީތަކުން އެހެން ޕާޓީތަކަށް މީހުން ބަދަލުވެފައިހުރި ވަރާ ގުޅޭ ސްޓެޓިސްޓިކްސްތަކެއް ނަގަމުން މިދަނީ،" މިއަދު ފުއާދު ވިދާޅުވި އެވެ.
މިހާރު ކުރިއަށްދާ މަސައްކަތުގެ ތެރެއިން އުނިވި މީހުންގެ ތެރޭގައި މަރުވެފައިވާ މީހުން ހިމެނޭކަން ފާހަގަކުރެވިފައިވާ ކަމަށް ފުއާދު ވިދާޅުވި އެވެ.
އެކަމާ ގުޅޭގޮތުން ވަކި އެއްޗެއް ދަންނަވަން އެނގޭނީ މައުލޫމާތުތައް ރަނގަޅަށް ބެލުމަށް ފަހު ކަމަށް ފުއާދު ވިދާޅުވި އެވެ. އެކަން ކުރުމަށް ދަތިތަކެއް ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން، ސްޓާފުންގެ ދަތިކަމާއި މަސައްކަތް ކުރާނެ އެކަށީގެންވާ މާހައުލެއް ނެތުން އޭނާ ފާހަގަކުރެއްވި އެވެ.
މެމްބަރުންނަށް ނޭނގި ސިޔާސީ ޕާޓީ ބަދަލުވާ މައްސަލައަށް ހައްލެއް ހޯދުމަށް އެޕްލިކޭޝަން ފޯމުތަކުގައި އޮންނަ މީހުންގެ ނަމްބަރަށް މެސެޖު މެދުވެރިކޮށް އެކަން އަންގަން ވަނީ ފަށާފަ އެވެ. އީސީގެ ވެބްސައިޓުގައި ވެސް މީހާގެ މައުލޫމާތާއި ވައްދަން ހުށަހެޅި ޕާޓީ އެނގޭނެހެން ފެންނަން ހުރެ އެވެ.













