ޓައި އެޅުމަކީ ރަސްމީ ކަމަކަށް ވެފައި އޮންނަތާ ޒަމާންތަކެއް ވެއްޖެ އެވެ. އެކަމަކު 1960 ގެ ފަހުގެ އަހަރުތަކުން ފެށިގެން ޓައިގެ ،މަގުބޫލުކަން ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ. އެއަށް ފަހު އެ ސަގާފަތް އަނެއްކާވެސް އާލާވެ ދިރުނީ 1980 އަހަރުތަކުގަ އެވެ.
އަދާކުރަނީ ހަށިގަނޑުގެ ހަކަތައަށް ވުރެ ބޮޑަށް ވިސްނުމުން ކުރަން ޖެހޭ މަސައްކަތްތަކެއް ކުރަން ޖެހޭ ވަޒީފާއެއްކަން (ވައިޓްކޮލާ ވަޒީފާއެއްކަން) ފެންނަހާ މީހަކަށް އެނގެން ބޭނުންވާ ބަޔަކު އުޅުނަސް، މިޒަމާނުގައި ވަރުގަދަ ވަމުން އަންނަނީ ޓައި ނޭޅުުމުގެ ވިސްނުމެވެ. އެެމެރިކާގެ ނޫސްތަކުގައި މިދިޔަ އަހަރު އެވާހަކަ ކޮންމެވެސް ވަރަކަށް ލިއުނެވެ.
"އިޒް ދިސް ދަ އިންޑް އޮފް ދަ ޓައި؟ (މިއީ ޓައިގެ ނިމުންތަ؟) އެމެރިކާގެ ފައިނޭންޝަލް ޓައިމްސްގައި މިދިޔަ އަހަރު ޖެހި ސުރުޚީއެއްގައި އޮތެވެ. ވޯލްސްޓްރީޓް ޖާނަލްގައި ޖެހި ސުރުޚީއެއްގައި ސުވާލުކުރީ ޓައި އެޅުމަކީ "ރިލެވެންޓް ކަމަކަށް" ދެން ދުވަހަކުވެސް ވާނެތޯ އެވެ.
ރަސްމީ ކަމަކަށް ވާތީ ޓައި އެޅުމާއި ޓައި ގޮށްޖެހުމަކީ ބައެއް މީހުން ވަރަށް ފަރިތަކޮށް ކުރާ ކަމެކެވެ.
އެކަމަކު މިހާރު އެއީ ޒުވާނުން އެހާ ކުރާ ހިތްވާ ކަމަކަށް ނުވެ އެވެ.

ޓައި އެޅުމުގެ ތާރީޚު
އެންމެ ފުރަތަމަ ޓައި އަޅަން ފެށިކަމަށް ތާރީޚީ ގޮތުން ބަލާ ދެތިން ރިވާޔަތެއް އޮވެ އެވެ. އެއް ރިވާޔަތެއްގައިވާ ގޮތުން އެއީ ޗައިނާގައި 200 ބީސީގެ އަހަރުތަކުގައި ޗައިނާގައި ރަސްކަން ކުރި ގިން ޝީ ހުއާންގް ނަމަކަށް ކިޔާ ރަސްކަލަކު ފެއްޓެވި ކަމެކެވެ. އެ ރަސްގެފާނު ޓައި އަޅަން ފެށީ، އޭނާގެ ލަގޮނޑި ނުވަތަ ކަރު ރައްކާތެރިކުރެއްވުމަށް ކުރައްވާ ކަމެއްގެ ގޮތުގަ އެވެ. މަށެވެ. އޭރުގައި ޒަމާނުގައި އެ ގުނަވަނަކީ މީހާއަށް އާރާއިބާރު ގެނުވައިދޭ ގުނަވަނެއް ކަމަށް ބެލެވިފައި އޮންނާތީ އެވެ.
ގަދީމީ ރޯމުގައި ވެސް ބައެއް މީހުން ޓައި އެޅިކަމަށް އެމީހުންގެ ބައެއް ބުދުތަކަށް ބެލުމުން ދޭހަވެ އެވެ. އެކަމަކު އޭރު ވެސް ޓައީ އެޅީ އަސްކަރީ ބައެކެވެ.
އެކަމަކު ޓައިގެ ފެށުން ކަމަށް ބުނާ އެންމެ މަޝްހޫރު ރިވާޔަތުގައިވާ ގޮތުން ޓައިގެ އަސްލަކީ މިހާރު ވެސް ބައެއް ގައުމުތަކުގެ މީހުން އަޅާ އެއްޗެއް ކަމަށްވާ "ކްރަވަޓް" އެވެ. ކްރަވަޓް އަޅަން ފެށީ 1،600ގެ އަހަރުތަކުގައި ފަރަންސޭސިވިލާތުގައި ރަސްކަންކުރި ލުއީ 13 ނަމަކަށްކިޔާ ރަސްކަލަކު ގެންގުޅުއްވި ކްރޮއޭޝިއާގެ ކުލީ ހަނގުރާމަވެރިންތަކެކެވެ.
ހަނގުރާމަވެރިންގެ އެ ސްޓައިލު ލުއި އަށް ރީތިވެ، އެގޮތަށް ހެދުން އަޅުއްވަން ފެއްޓެވުމުން ފަރަންސޭސި އާއްމުންގެ ގިނަ ބަޔަކު ވެސް ރަސްގެފާނާ އެކަމުގައި ތަބާވީ އެވެ. ދެން މުޅި ފްރާންސަށް އެކަން ފެތުރުނީ އެވެ.
ފެޝަންގައި އެފަދަ ދެވަނައެއް އޭރު ވެސް އަދި މިހާރު ވެސް ނެތް ފަރަންސޭސިވިލާތުގައި ފެށުނު އެކަން ޔޫރަޕާއި އެހެން
ސަމާސާއެއްގެ ގޮތުން އޭރު މީހުން ޓައީ އަޅައި އުޅެނީ ކަރުގޮށެއް ނުހުންނަ ގަމީސް އަދި ލިބާސް ލާންޖެހޭތީވެ ކަމަށް ވެސް ބައެއް ފެޝަނިސްޓާއިން ބުނެ އެވެ. އަދި ކަރުގޮށެއް ގަމީހަށް އިތުރުކުރެވިދާނެކަން އިންސާނުންނަށް ވިސްނުނީ މާ ފަހުންކަމަށް ވެސް އެމީހުން ބުނެ އެވެ.
އެ ސަމާސާތައް އެއް ފަރާތްކޮށްލަމާތޯ އެވެ. ހަގީގަތަކީ މިއަދު އާންމުކޮށް މީހުން ޓައީ އަޅައި ހަދަނީ "ފޯމަލް" ނުވަތަ ރަސްމީ ވުމަށް ކަމެވެ. ފިރިހެނާގެ އިސްތަށިގަނޑާއި، ލައިގެން ހުންނަ ސޫޓު ނުވަތަ ގަމީސް ކޮންމެ ސްޓައިލަކަށް، ކުލައަކަށް ހުއްޓަސް، ޓައީއެއް އަޅައިފިއްޔާ އެމީހާއަށް ނުވަދެވޭނެ ރަސްމީ ހަފްލާއެއް އޮންނަ ކަމަކަށް ނުވެ އެވެ.
ޓައީ އަކީ ރަސްމީ ތަންތަނަށް ދިޔުމަށް އޮންނަ ޓިކެޓަކަށް ވަނީ ވެފަ އެވެ. އެހާ ސީރިއަސްކޮށް އެކަން ނަގާކަމުގެ ހެއްކަކީ ހުޅަނގުގެ ބައެއް ރެސްޓޯރެންޓްތަކަށް ޓައީއާ ނުލާ މީހުން ނުވައްދަން އޮންނަ އުސޫލެވެ.
ޖޯން މޮލޯއި އަކީ ޑްރެސް ފޯ ސަކްސެސްއޭ ކިޔާ ފޮތެއް ލިޔުނު މީހެކެވެ. މީހާ އަޅާ ޓައީއިން ރަސްމީ ހައިސިއްޔަތު ދައްކައިދިނުމުގެ އިތުރުން އިތުރު އެހެން ކަމެއް ވެސް އަންގައިދޭކަމަށް އޭނާ ދެކެ އެވެ. މޮލޯއި ބުނާ ގޮތުގައި މީހަކު އަޅާ ޓައީއަކުން އެއީ ކާކުކަން، ކޮން މިޒާޖެއްގެ މީހެއްކަން ވަރަށް ފަސޭހައިން އެނގިދާނެ އެވެ. އޭނާގެ ފޮތުގައި އޭނާ ވަނީ އެވާހަކަތައް ދިރާސާކޮށް ކިޔައި ވެސް ދީފަ އެވެ.
ބައެއް މީހުންނަށް ޓައީ ރަސްމީވާއިރު، އަނެއްބައި މީހުންނަށް އެއީ އޭނާގެ އަސްލު ކުލަ ދައްކައިދޭ އެއްޗަކަށް މިހާރު ވެއްޖެ އެވެ. ފިރިހެނުންނާ ހިސާބުން ފެށުނު އެ ފެޝަން މިހާރު އެއީ އަންހެނުންގެ މެދުގައި ވެސް މަގުބޫލު އެއްޗެކެވެ.
ވަކި ވައްތަރެއްގެ ޓައީ އަޅަން ވަކި ވަގުތުތަކެއް ވެސް އޮންނަކަން ދަންނަންތޯ އެވެ. ރަސްމީއިން ގޮސް ނުރަސްމީއަށް ޖެހިލާނަމެވެ.
ސެވަން ފޯލްޑް ޓައީ (ހަތް ގޮތަކަށް އަމުނާލާ ޓައީ) އަދި ފޯ އިން ހޭންޑް ޓައީ އަކީ އެންމެ ރަސްމީ ކަންކަމާއި ގުޅޭ ވައްތަރުގެ ޓައީ ސްޓައިލެވެ. އަގުބޮޑު، މެޓީރިއަލް ކޮލިޓީ މި ވައްތަރުގެ ޓައީއަކީ އާންމުކޮށް ސަރުކާރު ވަޒީފާއަދާކުރާ މީހުން އަދި މުހިންމު މަގާމުތަކުގައި ތިބޭ މީހުން އަޅާ ވައްތަރެކެވެ.
ދެން އުޅެނީ ސްކިނީ ނެކް ޓައީ އެވެ. ހަށިގަނޑު ހިމަ، ދިގު މީހުންނާ އާންމުކޮށް ގުޅޭ މިވައްތަރުގެ ޓައީއަކީ ވެސް ރަސްމީ ކަންކަމަށް ބޭނުންކުރާ ޓައީ އެކެވެ. އެކަމަކު ހަމަ ނުރަސްމީ ކެޝުއަލް ހަފްލާތަކަށް ވެސް މި ޓައީ ނޭޅޭނެއެކޭ ޓައީ ސްޓައިލްގެ ފޮތުގައި ލިޔެވިފައެއް ނޯވެ އެވެ. މިބުނީ، މީހުންގެ ތެރޭގައި އެއީ ކުރާ ކަމެކެވެ.
ދެން އޮތް ޓައީ އަކީ އެންމެން ވެސް އެޔަށް ހާއްސަ ސަމާލުކަމެއް ދޭ ބޯ ޓައީ އެވެ. މި ކިޔަނީ މެޓީރިއަލް ބޯ ނުވަތަ ވަރުގަދަ ޓައީއެއްގެ ވާހަކައެއް ނޫނެވެ. އެކަަމަކު ކުޑަ އަންހެން ކުދިންގެ ބޮލުގައި އާންމުކޮށް އަޅުވާ ރިބަން ބޯފަދަ ޒާތަކަށް ހުންނަ ބޯ ޓައީގެ ވާހަކަ އެވެ. މިއީ ވެސް ހަމަ ރަސްމީ ހަފްލާތަކަށް އެންމެ ކަމުދާ އެއް ބާވަތުގެ ޓައީ އެވެ. ހުޅަނގުގެ އަދި މިހާރު މަޑުމަޑުން ރާއްޖޭގެ ވެސް ކައިވެނި ހަފްލާތަކުގައި ފިރިހެނުންގެ ކަރަށް މި ޓައީތައް ދަނީ މަޑުމަޑުން އެމުނެމުންނެވެ.
ދެން އެއާއެކު އެންމެ ނަން މަޝްހޫރު އެއް ވައްތަރުގެ ޓައީއަށް ބަލާލަމާތޯ އެވެ. "ކްރަވަޓް" މިއީ އެންމެ ޒަމާންވީ، އަދިވެސް ސްޓައިލުގެ އުދަރެހުން ގެއްލިގެން ނުދާ ވައްތަރެކެވެ. އެހާވެސް ގިނަ ބަޔަކަށް މި ޓައީ ކަމުދިޔުމުގެ ނަތީޖާއަކީ، ކޮންމެ ކަހަލަ ހަފްލާއަކަށް މި ޓައީ އަޅައިގެން ދިޔަޔަސް، "ބްލެންޑް އިން" ވުމަށް މާކަ ބޮޑު ހުރަހެއް ނެތުމެވެ.
ވެސްޓަން ބޯ ޓައީ އަޅަން ލިޔެވި ރެކޯޑުކުރެވިފައި ނެތަސް، އޮންނަ އުސޫލަކީ އެންމެ އާދައިގެ ކެޝުއަލްއަށް ހަފްލާތަކާއި އެންމެ ސީރިއަސް ރަސްމީ ހަފްލާތަކަށްވުރެ މެދު ފަންތީގެ ހަފްލާތަކަށެވެ. މިސާލަކަށް އިންފޯމަލް ވިޔަފާރި ކޮފީތަކުގައި މީހާގެ ސޮފިސްޓިކޭޝަންއާއި އެހެން މީހުންގެ ސަމާލުކަން ދަމައިގަންނަން މި ޓައީ ވަރަށް މޮޅެވެ. އެކަމަކު މިއީ އެކި ސަރަހައްދުތަކަށް އެކި ގޮތްގޮތަށް އޮންނަ ކަމެކެވެ.
ޓައީ އެޅުން މަނާ ބައެއް ވެސް ތިބޭކަން ދަންނަންތޯ އެވެ؟ މީގެ އެތައް އަހަރެއް ކުރިން ބްރިޓިޝް މެޑިކަލް އެސޯސިއޭޝަނުން ވަނީ އެގައުމުގެ ޑޮކްޓަރުން ޓައީ އެޅުން މަނާ ވެސް ކޮށްފަ އެވެ. ސަބަބަކީ ކޮބާ؟ އެއީ ޓައީ އަކީ މީހުން އެހާ ގިނައިން ދޮވެ ހަދާ އެއްޗަކަށް ނުވާތީ، އެއީ ޖަރާސީމު އުފުލާ މަރުކަޒެއް ކަމުގައި ވެދާނެތީ އެވެ.
އަނެއްބައި މީހުންނަށް ޓައީއަކީ ނުރައްކާތެރި ހާލަތެއްގައި އެމީހަކާ ދެކޮޅަށް ބޭނުންކުރެވިދާނެ ހަތިޔާރެކެވެ. ފޭރުމުގެ ހާދިސާއެއްކަހަލަ ކަމެއް ކުރިމަތިވެއްޖެނަމަ، ޓައީގެ ސަބަބުން އޮތް ނުރައްކާ ވިސްނޭ ބައެއް މީހުން އެހެން ބުނެ އެވެ.
މި ހުރިހާ ވައްތަރެއްގެ ޓައީއެއް އެޅިޔަސް، ސާފުވާން އޮތީ އެންމެ ކަމެކެވެ. ޓައީ އަކީ މިއަދުގެ ޒަމާނުގައި އެއްވެސް ބޭނުމެއް ނެތް އެއްޗެއް ކަމެވެ. އެ އަޅަން އޮންނަނީ ހަމައެކަނި މާއްދީ ސަބަބުތަކެއް ކަމެވެ. އެ އަޅައިގެން ވާ ފައިދާއަކަށް ހުރީ ހައިބަތާއި ރަސްމީކަން ދެއްކުމެވެ. ގެއްލުމަކަށް ހުރީ ޖަރާސީމާއި، ނުރައްކާ އަދި އެ ކަރުގައި އެލުވައިގެން އުޅެންޖެހޭތީ ޖެހޭ ދުއްތުރާ އެވެ.












