ގައިން ދުވާ ވަހެއްގެ ސަބަބުން އެހެން މީހުން ތިމާއާމެދު ދެކޭ ގޮތް ބަދަލުވާނެ އެވެ. ގައިންދުވާ ވަހަށް ބަލައިގެން، އަނެކުންނާ މެދު ގޮތް ނިންމާ މީހުން ވެސް މަދެއް ނޫނެވެ. މިއީ މާކުރިއްސުރެ ދިވެހިންގެ މެދުގައި ވެސް އަދި މުޅި ދުނިޔޭގައި ވެސް ކަން އޮތް ގޮތެވެ.
މީރުވަސްދުވާ ބާވަތްތައް އުފައްދަން ފެށީ ބެލެވޭ ގޮތުގައި 2،000 ބީސީގެ ވެސް ކުރިންނެވެ. މީރުވަސް ދުވާ އެއްޗިހި އުފައްދާ މީހަކު މާމެލާމެލިން ވަސް ނަގާ ގޮތް ތަފްސީލުކޮށް ލިޔެފައި އޮތް އެހާ ކުރީގެ ފަތްފުއްތަކެއް ވެސް ވަނީ ފެނިފަ އެވެ. ޒަމާން ބަދަލުވެ، އެ މަސައްކަތް ކުރާ ގޮތަށް މިހާރު ބޮޑެތި ބަދަލުތަކެއް އައިސްފައި ވެދާނެ އެވެ. އެކަމަކު ބޭނުމަކީ ހަމަ އެއް ކަމެކެވެ.
ގަދީމީ ޒަމާނުގައި މީރުވަސްދުވާތަކެތި އުފެއްދީ ހަމަ އެކަނި ގުދުރަތީ ވަސީލަތްތަކުންނެވެ. އެއީ މާމެލާމެއްްޔާއި ގަސްގަހުގެ ލަކުޑިއާއި އެނޫންވެސް ބާވަތްތަކުން ވަސް ނަގައިގެންނެވެ. އޭރުގައި ލަކުޑިއާއި މާމެލާމެލީގައިވާ މީރުވަސްދުވާ ތެޔޮ ނަގަނީ އެބާވަތްތައް ފިއްތައިގެން ނުވަތަ ފެލައިގެންނެވެ. ގުދުރަތީ ވަސީލަތްތަކުން މީރުވަސް ނަގަން މިހާރުވެސް ކުރަނީ ހަމަ އެކަންތަކެވެ. ތަފާތަކީ މިހާރު ބޭނުންކުރާ އާލާތްތަކާއި އުކުޅުތަކެވެ. ތިރީގައި މިވަނީ މާމެލާމެއްޔާއި ލަކުޑީގައިވާ މީރުވަސް ނަގާ ބައެއް ގޮތްތަކެވެ.
ސޮލްވެންޓް އެކްސްޓްރެކްޝަން
މިގޮތަށް ވަސް ނަގާއިރު މާތައް ނުވަތަ ގަސްތައް އަޅާނީ އެނބުރި އެނބުރި ހުންނަ ބޮޑެތި ފީފާތަކަކަށެވެ. ދެން އެއަށް އަޅާނީ ޕެޓްރޯލިއަމް ނުވަތަ ބެންޒީން އެވެ. މީގެ ތެރެއިން ކޮންމެވެސް އެއް ބާވަތެއް އަޅައިގެން ފީފާތައް އެތައް އިރަކު އެނބުރީމާ އެ އެއްކުރި އެއްޗެއް ހުންނާނީ އުއްގަނޑެއްހެން ވެފަ އެވެ.
މީރުވަަސްދުވާ ތެޔޮ ހުންނާނީ އެބައިގަ އެވެ. ދެން އެ އްކުރާނީ އެތީލް އަލްކަހޯލްއާ އެވެ. އަދި އެ އެޅި އަލްކަހޯލް އަންދާލީމާ ބާކީ ހުންނާނީ މީރުވަސްދުވާ ތެލެވެ.

ސްޓީމް ޑިސްޓިލޭޝަން
މި ގޮތުގައި ކުރާ ކަމަކީ އާވިން ކައްކާ ސްޓިލްއަކަށް މާމެލާމެލި ނުވަތަ މީރުވަސް ނަގަން ބޭނުންވާ އެހެން އެއްޗެއް ވިޔަސް އަޅައިގެން އާވިން ކެއްކުމެވެ. އޭގައިވާ މީރުވަސްދުވާ ތެޔޮ އާއްވާ އެކު އަރާއިރު ހޮޅިއެއްގެ ތެރޭން ދާއިރު ހިހޫވެ، ލިކްއިޑަށް ބަދަލުވާނެ ނިޒާމެއް ވެސް ސްޓިލްގައި ހުންނާނެ އެވެ.
ގުދުރަތީ ވަސީލަތްތަކުގައިވާ މީރުވަސްދުވާ ތެޔޮ ނަގަން މިނޫން ވެސް އެތައް ގޮތެއް ހުރެ އެވެ. މިޒާމާނުގައި މިހުންނަ ތާފާތު އެކި އެކި މީރުވަސްތަކަކީ މި ތެޔޮތައް އެކިވަރަށް އަޅައި އެއްކޮށްގެން އުފައްދާ ވަސްތަކެވެ. އެކި ވަސްތައް އެއްކުރަންވީ ވަރު ކަނޑައަޅަނީ ސެންޓް އުފައްދާ ފެކްޓްރީގައި އެކަމަށް ހާއްސަވެފައި ހުންނަ މީހެކެވެ. ޕާފިއުމް އިންޑަސްޓްރީގައި އެމީހުންނަށް ކިޔަނީ "ނޯޒް" އެވެ.













