ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުންފުނީގެ ބިލާ ގުޅޭ ގޮތުން މިދިޔަ ހަފުތާގައި ބޭއްވި ޖަލްސާތަކުގައި ކުރި ގިނަ ބަހުސްތަކުގައި އޮތީ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރުމެވެ. ޗެއާޕާސަން ކަމަށް ވާދަކުރައްވާ ދެ ކެނޑިޑޭޓުންނަށް ތާއިދުކުރައްވާ މެމްބަރުން މައިގަނޑު ގޮތެއްގައި ބަހުސް ކުރެއްވީ އެންމެ ގިނައިން ކުންފުނި އުފެއްދީ އެމްޑީޕީގެ ކޮން ސަރުކާރަކުންތޯ ބެލުމަށެވެ.
އެގޮތުން އެ ބިލުގެ ބަހުސްގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ސަރުކާރުން ވިޔަފާރީގެ ތެރެއަށް ނުފޫޒު ފޯރުވާތީ ވިޔަފާރިވެރިން ޝަކުވާ ކުރާ ކަމަށެވެ. ސަރުކާރުން އެގޮތަށް ކަންތައް ކުރާ އިރު އެއީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި، ސަރުކާރުން ވިޔަފާރީގެ ތެރެއަށް ވަންނަ ވާހަކައިގެ ތަފްސީލަށް ވަޑައިގެން، ނަން ވިދާޅުނުވެ، އޭނާ ބަހުގެ ހަމަލާތައް ދެއްވީ ސީދާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށެވެ.
ހަމަ އެ ބިލުގެ ބަހުސްގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސަ ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ކުންފުނިތައް އުފެއްދި ކަމަށާއި އެއީ ސެންޓަ ރައިޓް އުސޫލު ގަބޫލުނުކުރާތީ ވީ ކަމެއް ނޫން ކަމަށެވެ. ސެންޓަ ރައިޓް އުސޫލުގެ ވާހަކަ ދައްކާއިރު ރާއްޖެއަކީ އެ ހުރިހާ އުސޫލެއް ވެސް ބޭނުންވާ ގޮތަށް ބަދަލުކޮށްފައިވާ ގައުމެއް ކަަމަށާއި ވެރިކަން ހިންގުމުގެ ނިޒާމު ވެސް އޮތީ އެ ގޮތަށް "މޮޑިފައިކޮށްފައި" ކަމަށް އޭނާ ވިދާޅުވި އެވެ.
ދެކުނުގެ އަތޮޅުތަކަށް އިންތިހާއަށް މަސްވެރިކަން ރަނގަޅުވެ މިފްކޯއަށް މަސްގަނެ ފިނިކުރެވޭ ވަރަށް ވުރެ އިތުރަށް ބާނަމުންދާތީ ދޯންޏަކުން ފަސް ޓަނުގެ މަސް ގަތުމަށް އެ ކުންފުނިން ނިންމީ ނިމިދިޔަ ހަފްތާގަ އެވެ. މިކަމާ ގުޅިގެން މަސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މަސް ގަންނަ މިންވަރު މިފްކޯއިން ލިމިޓުކުރުމާ ގުޅިގެން އެމްޑީޕީގެ މެނިފެސްޓޯއަށް ރުޖޫއަވެ މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ސަރުކާރަށް ގޮވާލެއްވި އެވެ. ނަޝީދު ވަނީ ސަރުކާރުން މަސްވެރިކަމާ ގުޅޭ ގޮތުން ގެންގުޅޭ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މި ރޯދަ މަސް ފެށުނުއިރު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވި، ޖަމާއަތުގައި ނަމާދު ކުރެވޭ ގޮތަށް ހަމަޖެހިފައި އޮތުމަކީ އުފަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ނިމިދިޔަ ހަފްތާގަ އެވެ. ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަނެވި، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކޮށް ދީނީ ގޮތުން އަދާ ކުރަން ޖެހޭ އެންމެހާ އަޅުކަންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރަން މަގު ތަނަސްވުމަކީ "އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު" އުފާ ކަމަށެވެ.
ސަލްމާން މިސްކިތް ކައިރީ ޕާކް ކުރެވޭނެ ގޮތް ހެދުމަށް މާލެ ސިޓީ ކައުންސިލުން އެދިފައިވާ ގޮތަށް ބިންތައް ދެވެން ނެތީ މިސްކިތާއި އެ ބިންތައް ވެސް ކުރީގެ ސަރުކާރުން ޕްލޭން ކޮށްފައި އޮތް ގޮތުގެ ސަބަބުން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނީ ނިމިދިޔަ ހަފްތާގަ އެވެ. ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މި ނޫހަށް މިދިޔަ ހަފްތާގައި ވިދާޅުވީ، ކުރީގެ ސަރުކާރުގައި އެކި ފަހަރު މަތިން ޕްލޭން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެންމެ ފަހުން ޕާކިންއަށް އެއްވެސް ޕްލޭނެއް ނެތް ކަމަށް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމަށް އޮޅުވާލައިގެން ފޯމު ހުށަހަޅާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ޕާޓީއަށް ވައްދާ މީހާއަށް އެކަން މެސެޖަކުން އަންގައި، ކަށަވަރުކުރުމަށާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވެބްސައިޓުގައި އެ މީހާއާ ގުޅޭ މައުލޫމާތު އާންމުކުރުމަށް ނިންމީ މިދިޔަ ހަފްތާގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމިޓީއެއް އެއްވެގެން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ދިރާސާ ކުރުމަށް ފަހު، ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓެއް ނެރުނީ އެ ލިސްޓުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ނަން އޮތް ކަން ދައްކަން ވެގެން ކަމަށް އޭނާ ތުހުމަތު ކުރެއްވީ ވެސް މިދިޔަ ހަފްތާގަ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެ މުއައްސަސާގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ހަ ކަމަކަށް އަމާޒުކޮށްގެން ތައްޔާރުކުރި ކުރު ރާސްތާ ޕްލޭނެއް އެ ކޮމިޝަނުން އިފްތިތާހުކުރީ ވެސް ނިމިދިޔަ ހަފްތާގަ އެވެ. އެ ޕްލޭނަށް ދީފައިވާ ނަމަކީ "އާ ބާބެއް" މި ނަމެވެ. އެ ޕްލޭނުގައި އަމާޒުކުރާ ދާއިރާތަކަކީ އާރުލާ ތަހުގީގު، އިދާރީ ފަހިކަން، ބާރުވެރި މުވައްޒަފުން، ޒަމާނީ ސުމޭކުކަން، ވަށައިޖެހޭ ވިޔަނުދިނުން އަދި މަސްލަހަތުވެރިންގެ އިތުބާރު ހިފެހެއްޓުމެވެ.
ބައެއް މުހިންމު ހަބަރުތައް
- ސަލްމާން މިސްކިތުގައި ނަމާދުކުރަން ފެށުން
- އުސޫލާ ހިލާފަށް ވަޒީފާ ދޭ މައްސަލައެއްގައި ހަޔާ އެޑިއުކޭޝަންގެ ޕީއެސް އާއި ދެ މުވައްޒަފަކު ސަސްޕެންޑުކުރުން
- މާލޭގެ މަގުތައް ބާރުބޮޑުވާތީ މުދާ އުފުލޭ ގަޑިތަކެއް ކަނޑައެޅުން
- މޯލްޑިވިއަން ފްލައިން ސްކޫލް ދަރިވަރުންގެ އުދުހުން މި މަހު ފަށަނީ
- ގާސިމްގެ މަރުގައި އަދުހަމް ގެންގުޅުނު ވަޅި ލިބުނު މީހާ ޑިޕޯޓްކޮށްފައިވާކަން ހާމަވުން
- ހަތް ރަށެއްގައި ހޮސްޕިޓަލް ހަދަން ބީލަމަށް ހުޅުވާލުން
- މަޝްރޫއުތައް ލަސްކުރާ ކުންފުނިތައް ސަރުކާރުން ބްލެކްލިސްޓު ކުރާނެކަން ހާމަކުރުން
- ވަގުތު ފާއިތުވި ފަހުން އިސްތިއުނާފު ކުރުމުން ހިޔާނާތުގެ ދައުވާ ލިބޭ އަންމަޓީ ސަލާމަތްވުން
ހަފްތާގެ ހޮވާލެވޭ ބައެއް ލިޔުން
- މިއީ އަބްދުލްއަޒީޒް ޔޫސުފް (އަޒީ) 44 އަހަރު ދައުލަތުގެ އިސް މަގާމުތަކުގައި ގައުމަށް ކުރެއްވި ހިދުމަތުގައި ދެމެހެއްޓެވި އުސޫލުތަކާއި ދެގޮތެއްނުވެ، ގައުމަށް ހިދުމަތް ކުރެއްވުމުގައި ގެންގުޅުއްވި ގަބޫލުކުރެއްވުމާއި ވިސްނުންތައް ގެނެސްދިނުމަށް މުހައްމަދު ވިޝާމް ލިޔެފައިވާ ރިޕޯޓެކެވެ.
- މި ރިޕޯޓުގައި ނާޒިމް ހަސަން ވަނީ ބަންގްލަދޭޝްގެ ފަގީރު އާއިލާއަކުން ފުދުންތެރި ދިރިއުޅުމެއްގެ އުންމީދުގައި ރާއްޖެއަށް ދަތުރު ކުރި ކޮކާންގެ ހަޔާތަށް 21 އަހަރު ފަހުން އައިސްފައިވާ އުފާވެރި ބަދަލުތައް ގެނެސްދީފަ އެވެ. އޭނާއަކީ މިއަދު ގދ. ގައްދޫ ރައްޔިތުންގެ ލޯބި ލިބިފައިވާ އެ ރަށުގެ އެކުވެރިޔެކެވެ.
- މިއީ ރޯދަމަހަށް ހާއްސަކޮށް ދިވެހިންގެ މެދުގައި ހުރި އާދަކާދަތަކާއި ސަގާފީ ކަންކަމަށް ބަލާލައި ފާތިމަތު އަޖުފާން އަދި މުހައްމަދު ނަސީމް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. އެގޮތުން، ރޯދައަށް ތައްޔާރުވުމަށް ދިވެހިން ކުރާ ކަންތައްތަކާއި، ރޯދަ މަހުގެ ތެރޭގައި ކުރާ ހާއްސަ ކަންތައްތައް މި ރިޕޯޓުގައި ގެނެސްދީފައިވެ އެވެ.
ދިރާސާތަކުން ކިޔާލުމަށް
"ސްޓެޓިސްޓިކަލް އިޔާ ބުކް އޮފް މޯލްޑިވްސް 2021"
މިއީ ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގެ ތަފާސްހިސާބުތައް މިދިޔަ އަހަރާ ހަމައަށް ހުރި ވަރު ހިމަނައިގެން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ތައްޔާރުކޮށްފައިވާ ފޮތެކެވެ. އެގޮތުން، މި ފޮތުގައި ވަނީ ރާއްޖޭގެ ޖޯގްރަފީ، އާބާދީ، ތިމާވެށި، ބޯހިޔާވަހިކަން، ސިއްހަތު، އިގްތިސާދީ ސިނާއަތްތަކާއި އަދި އެ ނޫން ވެސް ގިނަ ދާއިރާތަކާ ގުޅޭ ތަފާސް ހިސާބުތައް ހިމަނާފަ އެވެ.













