މި ރޯދަ މަސް ފެށުނުއިރު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވި، ޖަމާއަތުގައި ނަމާދު ކުރެވޭ ގޮތަށް ހަމަޖެހިފައި އޮތުމަކީ އުފަލެއް ކަމަށް ރައައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރޯދަ ފެށުމުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި އެމަނިކުފާނު ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަނެވި، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކޮށް ދީނީ ގޮތުން އަދާ ކުރަން ޖެހޭ އެންމެހާ އަޅުކަންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރަން މަގު ތަނަސްވުމަކީ "އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު" އުފާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އުފަލަކީ އަދި ހިތްހަމަޖެހުމަކީ ވެސް، ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލައި، ދިރިއުޅުމުގެ އާންމު ހާލަތަށް ރުޖޫއަވެވި، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކޮށް، ދީނީގޮތުން އަދާކުރަންޖެހޭ އެންމެހައި އަޅުކަންތައް، އޭގެ އެންމެ ފުރިހަމަގޮތުގައި ކުރުމަށް މަގުތަނަވަސްވެފައިވުން،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން، ރޯދަ މަހު މުސްލިމުންނަށް ލިބޭ ފުރުސަތުގެ ބޭނުން ހިފައި، ފުރިހަމައަށް ރޯދަ ހިފުމާއި ތަރާވީގް ނަމާދު ކުރުމާއި ކީރިތި ޤުރްއާން ކިޔެވުމުގައި ހީވާގިވެ، ރޫހާނީ ދިރުން އިތުރުކުރުމަށް ވެސް ރައީސް ސޯލިހު ދިވެހިންނަށް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.
"މި މައްސަރަކީ އަޅުގަނޑުމެންގެ ޢަމަލުތައް އިސްލާހުކޮށް، އާހިރަތުގެ ބާއްޖަވެރިކަން ހާސިލުކުރުމަށް ދެއްވާފައިވާ ވަރަށް ތަނަވަސް ފުރސަތެއް. މި ފެށުނު ރަމަޟާން މަހުގައި އަޅުގަނޑުމެންގެ އަޒުމަކަށް ހަދަންވީ، މި ބަރަކާތްތެރި މައްސަރުގެ ރޭތަކާއި ދުވަސްތަކުގައި މާތް ﷲ ލައްވާފައިވާ މަތިވެރި ރޫޙާނީ ފައިދާތަކުގެ ނަސީބުވެރިން ކަމުގައި ވުމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

"މިއީ ދިންނެވުމުގެ މޫސުމަކަށް ވީހިނދު، އަޅުގަނޑުމެން ވެސް އެކަކު އަނެކަކަށް އެހީތެރިވެ، އަނެކުންގެ ބުރަތަކާއި ދަތިތައް ފިލުވައިދީ، އިންސާނިއްޔަތުކަން އިސްކުރުމަކީ، މި މާތް މައްސަރުގެ ދަރުމައާއި ސަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަންކަަން."
ރައީސް ސޯލިހުގެ އ ހިތާބު އެމަނިކުފާނު ނިންމަވާލައްވާފައި ވަނީ ރޯދަ މަހުގެ ނިއުމަތްތަކާއި ދަރުމަ އާއި ސަވާބު، މުޅި އިސްލާމީ އުންމަތަށް މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވަމުންނެވެ.












