އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކިރްގިސްތާންގައި ކުރިއަށްދާ ގޮތަށް ހަމަޖެހިފައިވާ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިން އަށް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިސް ކުރާނެ ރަނގަޅު ދަނޑެއްގެ ކަންތައްތައް ހަމަނުޖެހި ދިގުލައިފި އެވެ.
ގައުމީ ފުޓްސަލް ޓީމުން މި މަހު ތައިލެންޑްގައި ބޭއްވި އިންވިޓޭޝަނަލް ކަޕަށް ފަރިތަކުރުންތައް ބޭއްވީ އެފްއޭއެމްގެ މިނީ ޓާފާއި ގިޔާސުއްދީން ސްކޫލް ހޯލްގައި ހުރި މެޓް ދަނޑުގެ އިތުރުން ޕީކޭ ސަރަަހައްދު ފުޓްސަލް ދަނޑުގަ އެވެ. ސަރުކާރުތަކުން މާލޭގައި އަޅާފައިވާ ޓާފް ދަނޑުތަކަކީ އިންޓަނޭޝަނަލް ފުޓްސަލް ކުޅެން ބޭނުންވާ ސައިޒުގެ ދަނޑުތަކެއް ކަމަށް ނުވާތީ ބައިނަލްއަގުވާމީ މުބާރާތަކަށް ތައްޔާރުވާން އެ ތަންތަނުގައި ޕްރެކްޓިސް ކުރެވޭކަށް ވެސް ނެތެވެ.
ގައުމީ ޓީމުން އޭޝިއަން ކަޕްގެ ކޮލިފައިން މެޗުތައް ކުޅެން ޖެހެނީ ޓާފް ދަނޑެއްގައި ނޫނެވެ. އެހެންވެ، ކޮލިފައިން އަށް ތައްޔާރުވާން ޓީމުގެ ޕްރެކްޓިސް ކުރިއަށް ގެންދަން އެންމެ އެކަށޭނެ ތަނަކަށް މި ވަގުތު ފެންނަން އޮތީ މެޓް ދަނޑެއް ކަމަށްވާތީ، ގިޔާސުއްދީން މެޓް ދަނޑު ޕްރެކްޓިސް ކުރަން ހޯދަނީ އެ ސްކޫލްގެ މެނޭޖްމަންޓްގެ އެހީތެރިކަމާ އެކުގަ އެވެ.
މި މަހުގައި ކުރިއަށްދިޔަ ތައިލެންޑް މުބާރާތަށް ދިއުމުގެ ކުރިން ގައުމީ ޓީމުގެ ގިނަ ޕްރެކްޓިސްތަކެއް ގިޔާސުއްދީން ހޯލުގައިކުރިއަށް ގެންދިޔަ އެވެ. އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުުވާން ވެސް ކުރިން ހަމަޖެހިފައި އޮތީ ގިޔާސުއްދީން ސްކޫލްގެ މެނޭޖްމަންޓުގެ ހުއްދައާ އެކު އެ ސްކޫލްގެ ގޯތިތެރޭ މެޓްގަ އެވެ. އެެހެން ނަމަވެސް ފަހު ވަގުތު އެ ދަނޑު ލިބުން ކެންސަލްވީ އެވެ. ރޭ ސޯޝަލް މީޑިއާގައި އާންމުވި ޕޯސްޓްތަކަށް ބަލާއިރު، ގައުމީ ފުޓްސަލް ޓީމު ޖެހުނީ ގިޔާސުއްދީން މެޓް ދަނޑު ދޫކުރަން ފަހު ވަގުތު ސްކޫލް މެނޭޖްމަންޓުން ހަމަޖެހިފައިނުވާތީ ޕްރެކްޓިސް ނުކޮށް އެނބުރި ގެއަށް ދާށެވެ.
އެއާ އެކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ މެދުވެރިވެ، މަޝްވަރާތައް ފަށައިގެން މިހާރު މަސައްކަތް ކުރަމުން އަންނަނީ ގައުމީ ޔުނިވާސިޓީގެ އެތެރެ ކޯޓުގައި ގައުމީ ޓީމުގެ ޕްރެކްޓިސް ބޭއްވުމަށެވެ.
ރޭ ގައުމީ ޔުނިވާސިޓީގެ ޔޫނިއަނުން ޕްރެކްޓިސް ކުރަން އެ ތަނުގެ ކޯޓު ދޭން ނިންމި ނަމަވެސް ފަހުން އެ ކަން ބަދަލުވީ ރަސްމީ އިދާރާތަކުން މިކަމުގައި ކުރަން ޖެހޭ ކަންކަން ފުރިހަމަވާން ޖެހޭތީ އެވެ. އެއީ މިނިސްޓްރީން އެދިގެން ހޯދަން ޖެހޭ ހުއްދަތަކެއް ހުރުމުންކަން އެނގިފައިވެ އެވެ.
އެހެންވެ މިކަންކަން ދިގުލައިދާތީ އެފްއޭއެމުން ވަނީ މިއަދު ހެނދުނު ގައުމީ ފުޓްސަލް ޓީމުގެ ފަރިތަކުރުންތައް ޓާފް ދަނޑުގައި ބާއްވައިފަ އެވެ. އެފްއޭއެމްގެ ބެލުމުގެ ދަށުގައި ފުޓްސަލް އިންޑޯ ދަނޑެއް ނެތުމުން ޕްރެކްޓިސް ކުރަން އެ އެސޯސިއޭޝަނަށް ހަަމަޖެއްސެން އޮތީ ޓާފް ދަނޑެވެ. އެހެން ދަނޑެއް ހަމަޖެއްސުމުގެ ކަންކަން އެސޯސިއޭޝަނުން އަންނަނީ ކެނޑިނޭޅި ކުރަމުންނެވެ.
ފުޓްސަލް އިންޑޯއެއް ރާއްޖޭގައި ނެތްއިރު، އިންޓަނޭޝަނަލް މުބާރާތަކަށް ތައްޔާރުވާން ބޭނުންކުރެވޭނެ ތަނަކަށް ކިރިޔާ ވެސް ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ތަނަކީ ސޯޝަލް ސެންޓަރު އިންޑޯ ކޯޓެވެ. އެކަމަކު، މި ވަގުތު އެތަނަކީ ހަތަރު ވަރަކަށް ގައުމީ ކުޅިވަރު އެސޯސިއޭޝަނުގެ އަހަރީ ކަލަންޑަރުގެ ގިނަ ހަރަކާތްތައް ބަރޯސާވެފައި އޮންނަ ތަނެވެ. އިތުރު ކުޅިވަރެއް އެތަނުގައި ކުރިއަށް ގެންދެވޭނެ ހާލަތެއް ވެސް ނެތެވެ. ކޮށްފިނަމަ ދެން ހުރި ހުރިހާ އެސޯސިއޭޝަންތަކަށް ވެސް ވާނީ ތަކުލީފަކަށެވެ.
ސަރުކާރުން މި ވަގުތު ފުޓްސަލް ކުޅެން ހަދާފައިވާ ދަނޑުތަކަކީ ޓާފް ކަމަށްވާއިރު، އެ ތަނުގައި ޕްރެކްޓިސް ކޮށްފައި ގޮސް، އިންޑޯ އެއްގައި މުބާރާތް ކުޅެން ޖެހުމުން ވާނެ އުނދަގޫ ގައުމީ ޓީމުން ވަނީ މި ފަހަރުގެ ތައިލެންޑް އިންވިޓޭޝަނަލް މުބާރާތާއި 2017 ވަނަ އަހަރު އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގައި ވެސް ތަހައްމަލުކޮށްފަ އެވެ. އެކަން ވަނީ ކުޅުންތެރިން ވެސް ފާހަގަކޮށްފަ އެވެ.
ގައުމީ ފުޓްސަލް ޓީމުން ހަފްތާއެއް ފަހުން ކިރްގިސްތާނަށް އޭޝިއަން ކަޕް ކޮލިފައިން މެޗުތައް ކުޅެން ދިއުމަށް ހަމަޖެހިފައިވާއިރު، ޕްރެކްޓިސް ނުކުރެވިދާ ކޮންމެ ދުވަހަކީ ޓީމަށް ލިބޭނެ ގެއްލުމެކެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ވާދަކުރަން ޖެހެނީ އެންމެ ފަހުގެ ޗެމްޕިއަން އީރާންގެ އިތުރުން ރޭންކިން އަށް ބަލާއިރު، މަތީގައި އޮތް ކިރްގިސްތާނާއި ތުރުކުމެނިސްތާނާ ދެކޮޅަށެވެ.













