މާލޭގެ ގެއެއް ބަލައި ފާސްްކޮށް، 42 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީގެ ކުރީގެ ކައުންސިލް މެމްބަރު އަހުމަދު ހުސެއިންގެ ބަންދު މުއްދަތު ޖަހައިފި އެވެ.
އެ އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ އެވެ. އެ ތަކެތި ހޯދާފައި ވަނީ މ. ލަވްނެސްޓްގެ ތަޅުންގަނޑުގެ އަޑީގައި ކޮނެފައި ހުރި ކުޑަ ވަޅެއްގެ ތެރޭގަ އެވެ.
އަހުމަދު ހައްޔަރު ކުރީ ހުކުރު ދުވަހުގެ ރޭ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާގެ ބަންދަށް ދިނީ 10 ދުވަހެވެ.
އަހްމަދު ހަސަންގެ އިތުރުން އެމައްސަލައިގައި ދެން ހައްޔަރު ކޮށްފައި ވަނީ އަބްދުﷲ ނަޝީދު ނަމަކަށް ކިޔާ މީހަކު އެވެ. އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފަ އެވެ.
އަހްމަދު ހުސައިންގެ މައްޗަށް ފުލުހުން ކުރާ މަސްތުވާތަކެތީގެ ތުހުމަތާ ގުޅިގެން ޕީއެންސީން އިއްޔެ ވަނީ އެ ޕާޓީގެ ކައުންސިލް މެމްބަރު ކަމުން އޭނާ ވަކިކޮށް ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ޕީއެންސީގެ ކައުންސިލް މެންބަރެއް މީގެ ކުރިންވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. އެ ޕާޓީއަށް ނިސްބަތްވާ ޝަހީބް އިބްރާހިމް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާތީ ޕީއެންސީގެ ކައުންސިލް މެންބަރު ކަމުން އޭނާ ވެސް ވަނީ ސަސްޕެންޑު ކުރި އެވެ.













