ރޭ ދަންވަރު މާލޭގެ ގެއެއް ބަލައި ފާސްްކޮށް، 42 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދި މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތުވާ މީހާ ފުލުހުން ހައްޔަރުކޮށްވި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ އެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތުވާ މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ އަދިވެސް ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން އިތުރު ތަފްސީލެއް އަދި ނުދެ އެވެ. އަދި ހައްޔަރުކުރި މީހާގެ ވަނަވަރެއް ވެސް އާންމެއް ނުކުރެ އެވެ. ނަމަވެސް ކޯޓު އަމުރަކާއެކު ފުލުހުން ވަނީ ރޭ ދަންވަރުން ފެށިގެން އެގޭގައި ހަރަކާތްތެރިވެފަ އެވެ. އެ ގެއިން ފެނުނު މަސްތުވާތަކެތި ހުރީ ތަޅުނގަނޑު ދަށުގައި ކޮނެފައި ހުރި ކުޑަ ވަޅެއްގެ ތެރޭގަ އެވެ.
ފުލުހުން ވަނީ ވެއެެތުވެދިޔަ ތިން އަހަރުގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައި ޑްރަގް ނެޓްވޯކް ހިންގާ ބޮޑެތި ވަރަށް ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. ނަމަވެސް އޭގެ ތެރެއިން ވަރަށް ގިނަ "ބޮޑުން" ވަނީ އެކި ސަބަބުތަކާހުރެ މިނިވަންވެފަ އެވެ.













