އިދިކޮޅު ސިޔާސީ ޕާޓީން މިއަދު ކުރިއަށް ގެންދަން އުޅުނު މުޒާހަރާއަށް ފުލުހުން ވަރަށް ބޮޑަށް ތައްޔާރުވެ، ހަރަކާތް ފެށުމުގެ ކުރިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަށް ނިސްބަތްވާ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހައްޔަރުކޮށްފި އެވެ.
"ނޭވާ ހޮޅިއަށް" އަށް ނަމުގައި، އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ކުރާ މުޒާހަރާ ހުއްޓުވާނެކަން ފުލުހުން އޮތީ މާ ކުރިން ބުނެފަ އެވެ. ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމްގެ އޮފީސް ކައިރި ފުލުހުން އޮތީ ބެރިކޭޑް އަޅާ ބްލޮކްކޮށްފަ އެވެ. އަދި ޖުމްހޫރީ މައިދާން ހިމެނޭ ގޮތަށް މާލޭގެ މުހިންމު ހިސާބުތަކުގައި ތިބީ ފުލުހުން ސްޓޭޝަންކޮށްފަ އެވެ.
"ނަރީޝް ހައްޔަރު ކުރީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި،" ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ޖާވިދް އިސްމާއިލް މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
މިއަދުގެ މުޒާހަރާ ނުބޭއްވުމަށް އިންޒާރުކޮށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި އޮތީ އެއީ ގާނޫނާ ހިލާފަށް ބޭއްވުމަށް މަސައްކަތް ކުރާ މުޒާހަރާއެއް ކަމަށެވެ. އިންޑިއާއާ ދެކޮޅަށް ޕީޕީއެމުން ކުރިއަށްގެންދާ ހަރަކާތްތައް ގާނޫނާ ހިލާފު ކަމަށް، ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ބައެއް މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގައި ވެސް ވިދާޅުވެފަ އެވެ.
އިދިކޮޅުން ސިލްސިލާކޮށް ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ އެމަނިކުފާނު އިސްވެ ހުންނަވާ ކުރައްވާ މަސައްކަތެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ، އެމަނިކުފާނު ޖަލުން މިނިވަން ކުރެއްވުމުން ވިދާޅުވެފަ އެވެ.

އިންޑިއާ އައުޓް ކެމްޕެއިން އިދިކޮޅު ކޯލިޝަނުން ކުރަން ފެށީ އުތުރުތިލަފަޅު އެއްބަސްވުމާއި މުޅި ރާއްޖޭގެ ހައިޑްރޯގްރަފީ ސާވޭއެއް ހެދުމަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއި ކުރި އެގްރިމެންޓުގެ ތަފްސީލު ހާމަ ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމުންނެވެ.
އެގްރިމެންޓުތައް ހާމަ ކުރަން ދެކޮޅު ހެދުމުން އިދިކޮޅަށް ނިސްބަތްވާ މެމްބަރުން ވަނީ އެކި މަސައްކަތް ކުރައްވައިގެން އެންމެފަހުން މަޖިލީހުގެ ކޮމެޓީއެއްގައި އެގްރިމެންޓް ބައްލަވައިފަ އެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ބޭތިއްބުވާ ދެކޮޅު ކަމަށް ބުނެ ޕެޓިޝަނެއްގައި ސޮއި ކުރަން ފެށީ އެ ހިސާބުންނެވެ.
ދިވެހިންގެ މިނިވަންކަން ގެއްލެމުންދާ ކަމަށް ބުނެ އެންމެ ފުރަތަމަ ޕީޕީއެމުން ޖުލައި 30، 2021 ގައި ކެމްޕެއިނެއް ފެށީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގަ އެވެ. ކެމްޕެއިނުގެ ނަން "އިންޑިއާ އައުޓް" އަށް ބަދަލުވީ އޭގެ ފަހުންނެވެ.














