ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެތިބޭ ކަމަށް ތުހުމަތުކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ސިލްސިލާކޮށް ހިންގަމުން އަންނަ ހަރަކާތުގެ ދަށުން މާދަމާ މާލޭގައި ބޭއްވުމަށް ރާވަމުން އަންނަ "ނޭވާހޮޅިއަށް" އެއްވުމާ ގުޅިގެން ރަސްމީ އިދާރާތަކުން އަންގާފައިވާ އެންގުންތަކަށް ބޯލެނބުމަށް އިދިކޮޅު ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
"ނޭވާހޮޅިއަށް" ނަމުގައި ބާއްވާ މި އެއްވުން ކުރިއަށް ގެންދަން ހަމަޖެހިފަ ވަނީ މާދަމާ ހަވީރު 4 އިން 6 އަށް މާލޭގެ މަގުތަކާއި، ޕީޕީއެމް އޮފީސް ސަރަހައްދާއި، ކާނިވާ ސަރަހައްދާއި، ރަސްފަންނު ސަރަހައްދާއި، ބޮޑުތަކުރުފާނު މަގާއި، މާލޭ ދެކުނުފަރާތު އުސްފަސްގަނޑު ސަރަހައްދުގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ އެއްވުން ނުބޭއްވުމަށް ފުލުހުން އަންގާފައިވާއިރު އިދިކޮޅު ފަރާތްތަކުން ވަނީ އެއްވުން ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ. އެކަމާ ގުޅިގެން މިރޭ އީސީން ހާއްސަ އިލްތިމާސެއްކޮށް ބަޔާނެއް ނެރެފަ އެވެ.
"ޕާޓީތަކުން އިންތިޒާމު ކޮށްގެން ބާއްވާ ބައްދަލުވުންތަކާއި ސިޔާސީ ހަރަކާތްތައް، ގާނޫނާއި ގަވާއިދުގެ ހުދޫދުގެ ތެރޭގައި ދިވެހިރާއްޖޭގެ ދާހިލީ ހަމަޖެހުމާއި ދައުލަތުގެ ހާރިޖީ ސިޔާސަތުތަކާއި ހާރިޖީ ގުޅުންތަކަށް އިހްތިރާމުކުރުމާ އެކު ކުރިއަށް ގެންދެވުމަށާއި ދައުލަތުގެ ރަސްމީ އިދާރާތަކުން އަންގާ އެންގުންތަކަށް ބޯލެނބުމަށް ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން މި ކޮމިޝަނުން އިލްތިމާސްކުރަން" މިރޭ ނެރުނު ބަޔާނުގައިވެ އެވެ.
އޭގެ އިތުރުން ވަނީ "ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަށް" އެ ކޮމިޝަންގެ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމަށް ބުނެފަ އެވެ.

އިދިކޮޅު ކޯލިޝަންގެ މި ބޮޑު އެއްވުމަށް ރަށްރަށުން ވެސް މީހުން މާލެ އަންނާނެ ކަމަށް ވަނީ ބުނެފަ އެވެ. އެ އެއްވުމަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުމެއް ނޫންކަމަށް ބެލެވޭ ތަފާތު ސަބަބުތައް ފެންނަ ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
"ގިނަ އަދަދެއްގެ ދުއްވާ އެއްޗެހި ބޭނުން ކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކް ކޮށް ރައްޔިތުންނާއި އާންމު ދަތުރު ފަތުރާއި ހިދުމަތްތަކަށް ހުރަސްއެޅޭގޮތަށް ކަންތައްތައް ކުރުމަށް ރޭވުމާއި، މާލޭގައި އުޅޭ ކުށްކުރާ ގްރޫޕްތައް ހޯދައި އެއްވުމުގައި ބައިވެރިކުރުމަށާއި، އެއްވުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދަތިކުރުމުގެ ގޮތުން އެއްވަގުތެއްގައި އެކި ސަރަޙައްދުތަކަށް ބައިބަޔަށް މީހުން ނުކުތުމަށް އެއްވުން އިންތިޒާމު ކުރާ ފަރާތުން ދަނީ ރާވަމުން،" މި އެއްވުން ހުއްޓުވާނެ ކަމުގެ އިންޒާރު ދެމުން ފުލުހުން އިއްޔެ ނެރުނު ބަޔާނުގައިވެ އެވެ.
އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އެރުމުގެ ފުރުސަތު ބޮޑުވުމުން، އެ އެއްވުން ނުބޭއްވުމަށް ޕީޕީއެމް އަށް ފުލުހުން އެންގި އެވެ. އަދި، އެއްވުމުގައި އެއްވެސް މީހަކު ބައިވެރިނުވުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.












