ދުނިޔޭގެ ބާސްކެޓް ފެޑެރޭޝަން، ފީބާ އާއި މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގުޅިގެން ކުރިއަށްގެންދާ "ބޯލް އިން ސްކޫލް ޕްރޮގްރާމް" ގއ. ވިލިނގިލީގައި ފަށައިފި އެވެ.
ބާސްކެޓަށް ވަންނަން ޝައުގުވެރިކަން އުފެދޭ، ހުނަރު ހުރި ކުޅުންތެރިންނަށް ކުރިއަށްްދާން ޕްލެޓްފޯމެއް ގާއިމްކުރުމުގެ މަގުސަދުގައި ފެށި މި ޕްރޮގްރާމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަަށް ގެންދިޔުމަށް ވަނީ ނިންމައިފަ އެވެ.
އެމްބީއޭގެ މިއަހަރުގެ އެންމެ ބޮޑު އެއް އަމާޒަކީ ބާސްކެޓްބޯޅަ ޑިވެލޮޕްމަންޓް މަސައްކަތްތަކުގެ ތެރެއިން އަތޮޅުތަކުގައި ބާސްކެޓްގެ ގިނަ މަސައްކަތްތަކެއް ކޮށް އަތޮޅުތަކުގައި ބާސްކެޓް ފުޅާކުރުމެވެ.
ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ދިގު ރާސްތާ ޕްލޭނަކީ ހައެއްކަ މަސް ތެރޭގައި ރަނގަޅު ލެވަލެއްގެ ޓީމުތަކެއް ރާއްޖޭގެ އެކިއެކި ރަށްރަށުން އުފެއްދައި ގައުމީ ލެވެލަށް އެޓީމްތައް ގެނައުމެވެ.
"ބޯލް އިން ސްކޫލް ޕްރޮގްރާމް"ގެ ދަށުން ފުރަތަމަ މަސައްކަތްތައް ފަށާފައިވަނީ ގއ.ވިލިނގިލީގައެވެ. މި މަސައްކަތަށް އެމްބީއޭގެ ޓީމެއް އެ ރަށަށް ވަނީ ގޮސްފަ އެވެ. އެ ޓީމުގައި ގައުމީ ޓީމްގެ ކޯޗު އިލްޔާސް އިބްރާހިމް (އިއްލަ) އާއި ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ މެންބަރުންގެ އިތުރުން ފީބާގެ ޓްރެއިނަރެއް ބައިވެރިވެ އެވެ.
މި ދަތުރުގައި ވިލިނގިލީގައި ކޯޗިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް އިތުރުން ބާސްކެޓްބޯޅަ ކޭމްޕެއް ވެސް ކުރިއަށްދާނެ އެވެ.
އެމްބީއޭގެ ރައީސް އަހުމަދު އާދަމް (އެޑަމް) ވިދާޅުވީ އެސޯސިއޭޝަންގެ އުއްމީދަކީ ވިލިނގިލީ ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ތެރެއިން ތަމްރީންވާ ކުދިން އަންނަ އަހަރު ޖޫނިއާ ޗެމްޕިއަންޝިޕްގައި ވާދަކުރުމެވެ. އަދި މިއަހަރު ކުރިއަށްދަނީ އެ ކަމަށް ކުދިން ތައްޔާރުކުރުމުގެ ފުރަތަމަ މަރުހަލާގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
ފީބާ އާއި ގުޅިގެން އެމްބީއޭ އިން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ދާދި ފަހުންވަނީ ގޭމް އޮފިޝަލުން ތައްޔާރުކުރުމުގެ ހާއްސަ ވޯކްޝޮޕެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
މާލޭގައި ކުރިއަށްދިޔަ މި ވޯކްޝޮޕްގައި ގައުމީ ލީގާއި ގައުމީ މުބާރާތުގައި އޮފިޝަލްކަންކުރި އެމްބީއޭގެ 14 އޮފިޝަލުން ބައިވެރިވި އެވެ. މި ވޯކްޝޮޕްގައި ފީބާގެ އެންމެ ފަހުގެ ގަވާއިދުތަކަށް ކިޔައިދިނުމުގެ އިތުރުން ޕްރެކްޓިކަލް ސެޝަން ތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ.
"މިކަހަލަ ވޯކްޝޮޕް ތަކުން ރާއްޖޭގެ ބާސްކެޓްގެ ލެވެލް ކުރިއަރުވަން އިތުރު ހިތްވަރެއް ލިބޭނެ. އޮފިޝަލުންގެ ފެންވަރު މަތިވުމަކީ މެޗުތަކުގެ ފެންވަރަށް ބަދަލު އަންނާނެކަމެއް. ފީބާއާއި ގުޅިގެން ކުރިއަށް އޮތްތާނގައިވެސް މިކަހަލަ ވޯކްޝޮޕްތައް ބޭއްވުން އަޅުގަނޑުމެންގެ އުއްމީދަކީ" އެޑަމް ވިދާޅުވި އެވެ.
ރާއްޖޭގައި ކުރިއަށްދިޔަ މި ވޯކްޝޮޕްގެ ހަބަރު ފީބާގެ ރަސްމީ ވެބްސައިޓްގައި ވެސް ވަނީ ހިމަނައިފަ އެވެ.













