ރޭގަނޑުގެ ނާސްތާއަށް ބިސްގަނޑެއް އަޅައިދިނުމަށް އިންކާރު ކުރުމުން ހިނގައިދިޔަ ޒުވާބެއްގެ ތެރެއިން އދ. އެއްލައިދޫ ރިސޯޓުގެ ކައްކާއަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލަ ސާބިތު ކުރުމަށް ޕޯސްޓްމޯޓަމް ރިޕޯޓް ހުށަނާޅައި ތިން އަހަރު ފާއިތުވެފައިވާތީ ހެކީގެ ގޮތުގައި އެ ރިޕޯޓު ބަލައިނުގަތުމަށް ދިފާއުން މިއަދު ކޯޓުގައި އެދިއްޖެ އެވެ.
އެ މައްސަލައިގައި ފުލުހުން ދައުވާ ކުރަނީ ރިސޯޓުގައި މަސައްކަތް ކުރި ސްރީ ލަންކާގެ މުވައްޒަފެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ، 42، ގެ މައްޗަށެވެ. އެ މާރާމާރީގައި މަރުވީ ސްރީ ލަންކާއަށް ނިސްބަތްވާ ޕަތުމް ދިލްޝަން ޑި ސިލްވާ އަގަމްޕޮޑި، 24، އެވެ. ހާދިސާ ހިނގީ މީގެ ތިން އަހަރު ކުރިން ޖެނުއަރީ 10، 2019 ގަ އެވެ.
ޕަތުމް ދިލްޝަން މަރާލި ގޮތުގެ ތަހުގީގަށް ޕޯސްޓްމޯޓަމް ރިޕޯޓެއް ތައްޔާރުކުރީ އޭނާގެ އުފަން ގައުމުންނެވެ. ލަންކާއިން ތައްޔާރުކުރި އެ ރިޕޯޓް ހޯދުމަށް ޕީޖީއިން އެދިފައިވާއިރު، ޖަޔަލަތުގެ މައްޗަށް ދައުވާކުރި ފޯމާއި އެކު އެ ލިޔުންތައް ލިބުމުން ހުށަހަޅާނެ ކަމަށް ދައުލަތުން ކޯޓަށް އެންގި އެވެ.
ނަމަވެސް، މިއަދާ ހަމައަށް އައިރު އެ މަރުގެ ފުރިހަމަ ރިޕޯޓެއް ދައުލަތުން ހުށަހަޅާފައި ނުވާތީ ދިފާއުން ކަންބޮޑުވުން ފާޅުކުރި އެވެ. އަދި މައްސަލަ ހިނގަމުންދާއިރު އުފަންވާ ހެއްކެއް، ބަލައިގަންނާނެ ވަކި ތާރީހެއް ކަނޑައެޅުއްވުމަށް އެދިވަޑަގެން ދިފާއީ ވަކީލް އިބްރާހިމް ޝިޔާމް ވަނީ އެ ހެކި ބަލައިނުގަތުމަށް އެދިވަޑައިގެންފަ އެވެ.
ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި ދިފާއުން ނެގި އެ ނުކުތާއާ ގުޅިގެން ދައުލަތުން ބުނީ މައްސަލަ ހިނގަމުންދާއިރު އުފަންވާ ހެއްކެއް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި، އެ ހައްގު ހަނި ނުކުރެވޭނެ ކަމަށް ވިދާޅުވެ، މިދިޔަ އަހަރުގެ ފެބްރުއަރީ 10 ވަނަ ދުވަހު ޕޯސްޓްމޯޓަމްގެ ޕްލެމިނަރީ ރިޕޯޓް ލިބުމުން ހުށަހެޅިކަން ފާހަގަކުރި އެވެ.

ނަމަވެސް، ތިން އަހަރު ވެގެންދާއިރު، ޕޯސްޓްމޯޓަމްގެ ފުރިހަމަ ރިޕޯޓެއް ނުލިބުމަކީ އާދައިގެ އިންސާނެއްގެ ބުއްދިން ވިސްނާއިރު، ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ދިފާއުން ދެކެ އެވެ.
ޕަތުމް ދިލްޝަންގެ ގާތިލަކީ ޖަޔަލަތުކަން ސާބިތުކުރަން ދައުލަތަށް މުހިންމުވާ އެ ހެކި ހުށަހެޅުމުގެ އިތުރު ފުރުސަތު ދިނުމާއި ގުޅޭގޮތުން ގާޒީ ގޮތެއް ނިންމަވާނީ ދެން އޮންނަ އަޑުއެހުމެއްގަ އެވެ.
ޖަޔަލަތުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ ގިނަ އަދަދެއްގެ ހެކި ކޯޓަށް ހުށަހަޅައިފަ އެވެ. އަދި، އެއްލައިދޫ ރިސޯޓުގައި އޭރު މަސައްކަތް ކުރި ބައެއް މުވައްޒަފުން ހެކީގެ ގޮތުގައި ދައުލަތުން ވަނީ ހުށަހަޅައިފަ އެވެ.
މީގެ ކުރިން އެ މައްސަލައިގައި ބޭއްވި އަޑުއެހުމެއްގައި ޖަޔަލަތު ބުނެފައި ވަނީ އޭނާ އާއެކު މަސައްކަތް ކުރި ޕަތުމް ދިލްޝަނަށް ހަމަލާ ދިނީ މަރާލުމުގެ ގަސްދުގައި ނޫން ކަމަށެވެ.
މައްސަލާގައި ކަން ހިނގައި ދިޔަ ގޮތް
ޖަޔަލަތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނަނީ، ހާދިސާ ހިހިނ ރޭ 21:30 ހާއިރު، މަރުވި ޕަތުމް ދިލްޝަންގެ ކައިރީގައި ބިސްގަނޑެއް އަޅައިދޭން އެދުުމުން ދެ މީހުންގެ ދެމެދުގައި ޒުވާބެއް އުފެދުނު ކަމަށެވެ. އެ ޒުވާބުގެ ތެރެއިން، ރައިސް ކުކަރުގައި އޮތް ދޭފަތެއް ޕަތުމް ދިލްޝަން ނަގައި، ޖަޔަލަތުއާ ދިމާލަށް ދިޔުމުން، އަތުޖެހޭ ހިސާބުގައި އޮތް ހައެއްކަ އިންޗީގެ ވަޅިއެއް އޭނާ ނަގައި، ދިލްޝަންގެ ކަރުން ތިރިއަށް މޭމައްޗަށް ހަރައިލި ކަމަށެވެ.
ޕަތުމް ދިލްޝަން މަރުވީ އެ ހަމަލާގައި ލިބުނު ޒަހަމަށް ފަރުވާދެމުން ގެންދަނިކޮށް ހަމަ އެ ރޭ އެއްލައިދޫ ރިސޯޓުގެ ކުލިނިކުގެ ތެރޭގައި ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ. އޭނާ މަރުވީ ހާދިސާ ހިނގިތާ ގާތްގަނޑަކަށް ގަޑިއެއްހާއިރުގެ ތެރޭގައި ކަމަށް ދައުލަތުން ބުނެ އެވެ.
އެ ހާދިސާއަށް ފަހު ޖަޔަލަތު ހައްޔަރުކޮށްގެން އދ. މަހިބަދޫ ކޯޓަށް ގެންދިޔުމުން، ޕަތުމް ދިލްޝަންގެ ހަށިގަނޑަށް ވަޅިއަކުން ހަމަލާދިން ކަމަށް އޭނާ އެއްބަސްވެފައިވެ އެވެ. އަދި، ވަޅި ހެރި ކަމަށް އިއުތިރާފްވެ ފުލުހުންނަށް ވެސް އޭނާ ވަނީ ބަޔާނެއް ދީފަ އެވެ. ނަމަވެސް، ދައުލަތުން އޭނަގެ މައްޗަށް އުފުލި ގަސްދުގައި މީހަކު މެރުމުގެ ދައުވާއަށް ޖަޔަލަތު ވަނީ މީގެ ކުރިން ކޯޓުގައި އިންކާރުކޮށްފަ އެވެ.













