ރޭ މާލެއިން އަތުލައިގަތް 17 ކިލޯގެ މަސްތުވާތަކެތީގެ މަގުމަތީ އަގު 13 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނެފި އެވެ.
ކަސްޓަމުން ނެރުނު ބަޔާނެއްގައި ބުނީ ރޭ އަތުލައިގަތީ ގަސް ކާނާ ޕެކެޓުތަކެއްގެ ތެރެއަށް ލައި ފޮރުވައިގެން ގެނައި މަސްތުވާއެއްޗެހި ކަމަށެވެ. އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވަ ކެނެބިސް ފަތާއި އެއިން އުފައްދާ މަސްތުވާ ތެޔޮ ކަމަށް އެ އިދާރާއިން ބުނެ އެވެ.
އަތުލައިގަތް މަސްތުވާތަކެތި މިހާރު ކަސްޓަމްސްއިން ފުލުހުންނާ ހަވާލުކޮށްފައިވާއިރު، އެ މައްސަލައިގައި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ރޭ އަތުލައިގަތް މަސްތުވާތަކެތި ހުރީ ގާތްގަނޑަކަށް 15 ކަރުދާސް ފޮށިގަނޑުގަ އެވެ. އެ ފޮށިތަކުގެ ތެރެއިން ގިނަ އަދަދެއްގެ ރަބަރު ޕެކެޓުގައި ބަންދުކޮށްފައި ހުރިއިރު ކުދި ބަސްތާތަކެއް ވެސް ހުއްޓެވެ.













