ލަންޑަން (މާޗް 19) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެސްޓަން ވިލާ އަތުން 1-0 އިން މޮޅުވެ، އާސެނަލުން ލީގުގެ ހަތަރު ވަނައިގައި ހަމަޖެހިލައިފި އެވެ.
އެންމެ ފަހުން ކުޅުނު މެޗުގައި އާސެނަލުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ދިޔައީ ލިވަޕޫލް އަތުން ބަލިވުމުންނެވެ. އާސެނަލުން މިރޭ އެސްޓަން ވިލާ ދަނޑުގައި ހޯދި މޮޅާ އެކު ވަނީ އެއް މެޗު މަދުންކުޅެ ހަތަރު ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އާސެނަލަށް 28 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވަނީ 29 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ.
ވިލާ ޕާކުގައި މިއަދު ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހީ އާސެނަލްގެ ބުކާޔޯ ސަކާ އެވެ. ސަކާ އަށް އޭރިއާބޭރު ރޮނގުކައިރިން ލިބުނު ފުރުސަތުން އޭނާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މިއީ ސަކާމި ފަހަރު ލީގުގައި 11 މެޗުން އާސެނަލަށް ޖަހަައިދިން ހަތް ވަނަ ގޯލެވެ.

ރަމްސީ (ކ) އާއި މެކްގިން (ވ) ކައިރިން އާސެނަލްގެ އޮޑެގާޑް ބޯޅަ ހިފައިގެންދަނީ.
އަނެއްކޮޅުން އިނގިރޭސި ލީގު ތާރީހުގައި އާސެނަލުން ޖެހި 2000 ވަނަ ގޯލެވެ. އާސެނަލަކީ ޔުނައިޓެޑާއި ލިވަޕޫލަށް ފަހު އެ އަދަދަށް ލީގުގައި ގޯލު ޖެހި ކްލަބް އެވެ. ޔުނައިޓެޑުން 2176 ގޯލު ޖަހާފައިވާއިރު، ލިވަޕޫލުން ވަނީ 2002 ގޯލު ޖަހައިފަ އެވެ.
އެސްޓަން ވިލާ އިން ގޯލެއް ޖަހަން ގިނަ މަސައްކަތްތަކެއް ކުރި މި މެޗުގައި އެ ޓީމުން ފޮނުވާލި ހަމަލާތައް ހުއްޓުވާލުމުގައި އާސެނަލްގެ ގޯލު ބެލެހެއްޓި ޖަރުމަނުގެ ކީޕަރު ބާން ލޭނޯ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ލެނޯ މި މެޗުގައި ކުޅެން ޖެހުނީ އެ ޓީމުގެ ގޯލު ބަލަހައްޓަމުން އައި އިނގިރޭސި ގޯލްކީޕަރު އާރޮން ރަމްސްޑޭލް އަނިޔާގައި ހުރުމުންނެވެ.
އެސްޓަން ވިލާގެ އޮލީ ވަޓްކިންސް އާއި ޑެނީ އިންގްސް އަދި ފިލިއްޕޭ ކުޓީޏިއޯ އަށް ލިބުނު ފުރުސަތުތަކުގައި ދިޔައީ ރަނގަޅަށް ބޭނުން ނުހިފި އެވެ. އެ ބޯޅަތައް ހުއްޓުވުމުގައި ލެނޯގެ ހުށިޔާރުކަން ވެސް ވަނީ ފެނިފަ އެވެ.
ދެ ވަނަ ގޯލެއް ޖަހަން އާސެނަަލުން ކުރި މަސައްކަތް ކާމިޔާބުވާގޮތެއްނުވީ ރަނގަޅު ވަގުތުގައި ހުސްވާ ކުޅުންތެރިންނަށް ޕާސް ނުޖެހިގެންނެވެ.
މިއީ އިނގިރޭސި އެފްއޭ ކަޕާއި ޕްރިމިއާ ލީގުގެ މެޗުތައް ވެސް ކުރިއަށްދާނެ ހަފްތާ އެކެވެ.












