ތައިލެންޑްގައި މިހާރު ކުރިއަށްދާ އެންއެސްއެފްޑީ އިންވިޓޭޝަަނަލް ފުޓްސަލް ކަޕުގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ކުޅުނު ދެ ވަނަ މެޗުން 7-4 އޮމާން އަތުން ބަލިވެ، މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.
ޖުމްލަ ހަ ގައުމު ބައިވެރިވި މި މުބާރާތް ކުރިއަށްދަނީ ތިން ޓީމުގެ ދެ ގްރޫޕަށް ބަހައިގެންނެވެ. ރާއްޖެ ހިމެނޭ ގްރޫޕްގެ ފުރަތަމަ މެޗުން އިއްޔެ ތައިލެންޑް އަތުން 8-3 އިން ބަލިވިއިރު، މިއަދު އޮމާން އަތުން ނާކާމިޔާބުވީ 7-4 އިންނެވެ. ތައިލަންޑަކީ ދުނިޔޭގެ ފުޓްސަލް ރޭންކިންގައި މިދިޔަ އަހަރުތަކަށް ބަލާއިރު، ގަދަ 20 ގައި ހިމެނޭ ގައުމެެކެވެ. އޮމާން ވެސް އާންމު ގޮތެއްގައި ގަދަ 100 ގައުމު ތެރޭގައި ހިމެނެ އެވެ.
މިއަދު އޮމާން އަތުން ބަލިވުމުން، ރާއްޖެ އަށް ދެން އޮތް މެޗަކީ މޮންގޯލިއާއާ ދެކޮޅަށް ކުޅެން ޖެހޭ ރޭންކިން މެޗެވެ. މޮންގޯލިއާ އަކީ އަނެއް ގްރޫޕްގެ ތިން ވަނަ އަށް ދިޔަ ޓީމެވެ. މޮންގޯލިއާ ކުޅުނު ދެ މެޗުން އީރާން އަތުން 8-0 އިން ބަލިވިއިރު، މިޔަންމާ އަތުން ބަލިވީ 7-1 އިންނެވެ.
މޮންގޯލިއާ އާއި ރާއްޖެ ކުޅޭ މެޗު އޮންނާނީ ހޮނިހިރު ދުވަހު ރާއްޖެ ގަނޑިން ހެނދުނު 10:30 ގަ އެވެ.
ޝޯޑީސީ އިންޑޯ ކޮމްޕެލްކްސްގައި މެޗު ފަށައިގެން އޮމާން ކުޅުންތެރިންގެ އަވަސް ކުޅުންތަކާއި ގިނަ ޕާސްތަކެއް ޖަހައިގެން، އެ ޓީމުން ހަތަރު ގޯލުގެ ލީޑެއް ނެގި އެވެ. ފަސް ވަނަ މިނިޓްގައި އަލްހަބްސީގެ ގޯލުން އެ ޓީމުން ލީޑުނެގިއިރު، މެޗުގެ 10 ވަނަ މިނިޓްގައި ރަނގަޅު އެޓޭކެއްކޮށް، އަލްސަމްސީ ވަނީ އޮމާނަށް ތިން ވަަނަ ގޯލެއް ޖަހައިދީފަ އެވެ. އަދި އޭގެ ފަހުން ނޫރު އަލްވާތީ ވަނީ އޮމާންގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.
ފުރަތަމަ މެޗުގައި ތައިލެންޑާ ދެކޮޅަށް ރާއްޖޭގެ އަލީ ހާފިޒް (ހާއްޕެ) އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް އޭނާ މިއަދުގެ މެޗުގައި ރަނގަޅަށް ކުޅުނެވެ. ފުރަތަމަ ހާފުގައި ހާއްޕެ އާއި ހުސެއިން ޝަރީފް (އޮންލީ) ގުޅިގެން އުފެއްދި އެޓޭކެއްގައި ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އަށް ގޯލެއް ޖަަހަން ރަނގަޅު ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ. ރާއްޖޭގެ ހުޒައިފަތު ރަޝީދު (ހުޒޭ) ޖެހި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހިފައިއައިިއިރު، ރީބައުންސް ބޯޅަ ހާއްޕެ އަށް ރަނގަޅަށް ފޮނުވާނުލެވުނެވެ.
ހާއްޕެ މެޗުގެ 34 ވަނަ މިނިޓްގައި ރާއްޖޭގެ ފުރަތަމަ ލަނޑު ޖެހީ އޮމާން ކީޕަރު އަތުގައި ޖައްސަައިފަ އެވެ. އޭގެ މިނިޓެއް ފަހުން އޮމާންގެ އަލްޝިބްލީ ގޯލު ކުރިމަތިން ލިބުނު ފުރުސަތެއްގައި އޮމާންގެ ފަސް ވަނަ ގޯލު ޖެހި އެވެ. ރާއްޖޭން ޖެހި ދެ ވަނަ ގޯލު ވެސް ކާމިޔާބުކުރީ ހާއްޕެ އެވެ. ކީޕަރު ޒައިދާން އަހުމަދު ފޮނުވާލި ބޯޅަ މެއިން ކޮންޓްރޯލް ކުރުމަށް ފަހު ކީޕަރު ބޯމަތިން ހާއްޕެ ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.
އޭގެ ފަހުން މެޗުގެ 37 ވަނަ މިނިޓްގައި އޮމާންގެ އަލް ސަމްސޭ އިތުރު ގޯލެއް ޖަހައި، އޮމާނަށް ހަ ވަނަ ގޯލެއް ހަަމަކޮށްދިނެވެ. އޮމާންގެ މި ގޯލު ޖެހިތާ މިނިޓެއް ވެސް ނުވަނިސް ރާއްޖޭން ތިން ވަނަ ގޯލެއް ޖެހި އެވެ. މިއީ އަބްދުﷲ ޝާފިއު (ޝާއްޕެ) އޮމާން ކުޅުންތެރިއަކު ކައިރިން ނައްޓާފައި ގޮސް ގޯލަށް ފޮނުވާލަން ޖެހި ބޯޅެއް އޮމާންގެ ކީޕަރު ފައިގައި ޖެހިފައި އެ ޓީމުގެ ޑިފެންޑަރު އަލަވާތީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަލްބަލޫޗީ މެޗުގެ 39 ވަަނަ މިނިޓްގައި އޮމާންގެ ހަތް ވަނަ ގޯލު ޖެހިއިރު، މެޗު ނިމުމުގެ ކުރިން އިޝާން އިބްރާހިމް (ސައްޓު) ވަނީ ރާއްޖޭގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. ސައްޓު ޖެހި ބޯޅަ އޮމާން ކުުޅުންތެރިންނަށް ބޭރުކޮށްލެވުނީ ގޯލުގެ ރޮނގު ހުރަސްކުރި ފަހުންނެވެ.
ޖުމްލަ ގޮތެއްގައި މި ދެ މެޗަށް ބަލާއިރު، ފުޓްސަލް ޓީމުގެ ފަރާތުން ކުރިއެރުން ފެނުނެވެ. ދެ މެޗަށް ބަލާއިރު ވެސް ފުޓްސަލް ޓީމަށް ދިމާވި މައްސަލަ އަކީ އެ ކުޅުންތެރިން މީގެ ކުރިން ކުޅެފައިނުވާ ކަހަލަ ޕިޗެއްގައި ވާދަވެރި ވަރުގަދަ މެޗުތަކެއް ކުޅެން ޖެހުމުން، ޕިޗަށް ނުފަރިތަވުމުގެ މައްސަލަ އެވެ.
ތައިލެންޑްގެ މި މުބާރާތުގައި ފުޓްސަލް ޓީމު ބައިވެރިވީ އަންނަ މަހުގެ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެ މުބާރާތަށް ރާއްޖޭން ދާނީ މާލެ އައިސްފަ އެވެ. މިހާރު އޮތްގޮތުން ކޮލިފައިން މެޗުތައް ކުޅުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކުވޭތުގަ އެވެ. ކޮލިފައިންގައި ރާއްޖެ ހިމެނެނީ އޭޝިއާގެ ޗެމްޕިއަން އީރާންގެ އިތުރުން ކިރްގިސްތާނާއި ތުރުކުމެނިސްތާން އެވެ.












