މިދިޔަ އާދިއްތަ ދުވަހު ފުލުހުން ހިންގި ކަނޑުމަތީ އޮޕަރޭޝަނެއްގައި 12 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާ އެކު އެންމެ ފުރަތަމަ ހައްޔަރުކުރީ ކުށުގެ ރެކޯޑެއް އޮންނަ އިންޑިއާ މީހެކެވެ. ފުލުހުން މިރޭ ބުނީ އޭނާގެ އިތުރުން ރޭގެ ވަގުތެއްގައި ދިވެއްސަކާއި ބަންގަލްދޭޝްގެ މީހެއް ވެސް އެ މައްސަލައިގައި މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހުން ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ ދިވެހި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފަ އެވެ. އަދި ބަންގްލަދޭޝް މީހާއާ އިންޑިއާ މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހާފަ އެވެ.
ފުލުހުން އަދިވެސް ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ. މީގެ ކުރިން ފުލުހުން ވަނީ މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމެންޓާއި އިންޓެލިޖެންސް ގުޅިގެން އާދިއްތަ ދުވަހުގެ ރޭ ހިންގި ކަނޑުމަތީ އޮޕަރޭޝަނެއްކަމަށް ބުނެފަ އެވެ.
އެ މައްސަލައިގައި ހައްޔަރުކުރި އިންޑިއާ މީހާގެ އުމުރަކީ 37 އަހަރު ކަމަށް ވެސް ފުލުހުން އޭރު ބުނެ އެވެ. ނަމަވެސް ފަހުން ހައްޔަރުކުރި ދެ މީހުންގެ އުމުރެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.

ހައްޔަރުކުރި އިންޑިއާ މީހާ މިގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން މަސްތުވާތަކެތީ މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އޭނާ ދޫވީ ކިހިނެއް ކަމެއް ފުލުހުން ހާމައެެއް ނުކުރެ އެވެ.













