ތައިލެންޑްގައި މިއަދު ފެށި އެންއެސްއެފްޑީ އިންވިޓޭޝަަނަލް ފުޓްސަލް ކަޕުގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ކުޅުނު ފުރަތަމަ މެޗުން މުބާރާތް ހޯސްޓްކުރާ ތައިލެންޑް އަތުން 8-3 އިން ބަލިވެއްޖެ އެވެ.
މިއަދުގެ މެޗު ފަށައިގެން ތައިލެންޑް ޓީމުގެ ސުޕާހޯން އެ ޓީމަށް ލީޑުނަަގައިދީފައިވަނިކޮށް ރާއްޖެ ޓީމުގެ އިޝާން އިބްރާހިމް (ސައްޓު) ވައްދާލި ހިލޭ ޖެހުމަކުން ނަތީޖާ ހަމަހަމަކުރި އެވެ. އަޕީވަޓް ޖެހި ގޯލުން ތައިލެންޑުން އަނެއްކާ ވެސް ލީޑުނަގާފައިވަނިކޮށް، ތައިލެންޑަށް ލިބުނު ހިލޭ ޖެހުމެއްގައި އެ ޓީމުން ކީޕަރު ކަޓާވުޓް ކުރިއަށް ޖެހިގެން އުޅުނު ވަގުތުގައި ރާއްޖޭގެ ހުސެއިން ޝަރީފް (އޮންލީ) ވަނީ ރަނގަޅު ވަގުތުގައި ކުރިއަށް ޖެހިގެން ބޯޅަ ގޯލަށް ފޮނުވާލައި 2-2 އިން އެއްވަރުކޮށްފަ އެވެ.
އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ތައިލެންޑުން އިތުރު ތިން ގޯލު ޖެހި އެވެ. މި ގޯލުތައް ޖެހީ އަޕީވަޓް އާއި އަޓްސަޑަވުޓް ޔަންކޮޓްގެ އިތުރުން ސަރަވުޓް ޖެހި ގޯލަކުންނެވެ. ތައިލެންޑުން 5-2 އިން ލީޑުނަގައި އޮވެ، ފުރަތަމަ ހާފު ނިންމާލި އެވެ. ޔަންކޮޓާއި ތަނާތިޕް ސަންގްސަންގް ދެ ވަނަ ހާފުގެ ކުރީކޮޅުގައި ދެ ގޯލު ޖަހައި، ތައިލެންޑަށް 7-2 އިން ކުރިހޯދައިދިނެވެ. އޭގެ ފަހުން ތައިލެންޑްގެ ޕީރަޕަޓް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ރާއްޖޭގެ ކީޕަރު ޒައިދާން އަހުމަދު ބޯމަތިންނެވެ.
ރާއްޖޭގެ ފަހު ގޯލު ޖެހީ ބަދަލެއްގެ ގޮތުގައި އެރި ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ. މިއީ ސައްޓު އާއި އޮންލީ ގުޅިގެން އަރިމަތިން ކުރި އެޓޭކެއްގައި ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅައަކުން ހުޒޭ ޖެހި ގޯލެކެވެ. '
މިއީ ތައިލެންޑްގެ ކޯޗުކަމާ ކާލޯސް ސެސާ ހަވާލުވިފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ސެސާ ބުނީ ފުރަތަމަ މެޗާ ބަލާއިރު އުނދަގޫ ކަންތައްތަކެއް ހުރި ކަމަށާއި އެކަމަކު ގޯލުގެ ފަރަގު ބޮޑުވެ، މެޗުގެ ކޮންޓްރޯލް ލިބުމުން ކުޅެން ފަސޭހަވި ކަމަށެވެ.
ރާއްޖެ ޓީމުގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ) ބުނީ ރާއްޖޭގައި އޮތީ ވަރަށް ފަހުން އެކުލަވާލި ފުޓްސަލް ޓީމެއް ކަމަށްވާއިރު، ފުރަތަމަ މެޗުގައި ތައިލެންޑް ކަހަލަ ރަނގަޅު ޓީމަކާ ކުޅެން ޖެހުމުން އުނދަގޫތަކެއް ދިމާވި ކަމަށެވެ. އަދި މި ކަހަލަ އިންޑޯއެއްގައި ކުޅުން ވެސް މިއީ މި ޓީމަށް އާ ތަޖުރިބާއެއް ކަމަށްވާއިރު، ވަރުގަދަ ޓީމަކާ މެޗެއް ކުޅެވުމުން ކުރިއަށް ހުރި މެޗުތަކަށް ރަނގަޅުވާނެ ކަމަށް އަބޯ ވަނީ ބުނެފަ އެވެ.
މިއަދު ތައިލެންޑް އިންވިޓޭޝަނަލް ކަޕްގައި ކުޅުނު ފުރަތަމަ މެޗަކީ ގްރޫޕް އޭގައި މޮންގޯލިއާ އާއި އީރާންގެ މެޗެވެ. އެ މެޗުން 8-0 އިން މޮޅުވީ އީރާން އެވެ. ރާއްޖޭން ދެ ވަނަ މެޗުގައި މާދަމާ އޮމާނާ ކުޅޭނެ އެވެ. އެ މެޗު ވެސް ފަށާނީ ރާއްޖެ ގަޑިން 15:30 ގަ އެވެ.












