ތައިލެންޑްގައި މިއަދު ފަށަން ނިންމާފައިވާ އެންއެސްއެފްޑީ އިންވިޓޭޝަަނަލް ފުޓްސަލް ކަޕަކީ އަންނަ މަހު ބާއްވަން ނިންމާފައިވާ އޭޝިއާ ފުޓްސަލް ކަޕްގެ ކޮލިފައިންގެ ކުރިން ރަނގަޅަށް ތައްޔާރުވާން ލިބޭ ބޮޑު ފުރުސަތެއް ކަމަށް ގައުމީ ފުޓްސަލް ޓީމުގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ) ބުނެފި އެވެ.
ތައިލެންޑް އިންވިޓޭޝަނަލް ކަޕްގައި ތައިިލެންޑާއި ރާއްޖޭގެ އިތުރުން ދެން ގްރޫޕް އޭގައި ހިމެނެނީ އޮމާން އެވެ. ރާއްޖެ ގަޑިން މިއަދު 15:30 ގައި ތައިލެންޑާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބޯ ބުނީ މި މުބާރާތުގެ ދައުވަތު ރާއްޖެ އަށް ދިނުމުން އެކަމަށް ތައިލެންޑަށް ޝުކުރު އަދާކުރާ ކަމަށެެވެ.
އަބޯ ފާހަގަކޮށްފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ މުބާރާތް ކުޅޭ އިންޑޯ ކޯޓަކީ ރާއްޖޭގެ ޓީމުގައި ތިބި ކުޅުންތެރިންނަށް އާ ޕިޗެއް ކަަމަށާއި އެެހެންވެ، އުނދަގޫތަކެއް ހުންނާނެ ކަމަށެވެ. އެކަމަކު، މި ފުރުސަތު ތަޖުރިބާއެއްގެ ގޮތުގައި ނަގައި، އަންނަ މަހު ކުވޭތުގައި ކުޅެން ނިންމާފައިވާ އޭޝިއަން ފުޓްސަލް ކަޕްގެ ތައްޔާރީއެއްގެ ގޮތުގައި ދެކޭ ކަމަށް އަބޯ ވަނީ ބުނެފަ އެވެ.
"ފުރަތަމަ މެޗުގައި ތައިލެންޑާ ކުޅޭއިރު އެއީ ވަރުގަދަ ޓީމެއްކަން އެނގޭ. މި ވަގުތު ނަތީޖާ އަކީ އެންމެ މުހިންމު ކަމަށް ނުވެދާނެ. އެކަމަކު، މި ޓީމު ފައިޓްކުރާނެ ރަނގަޅު ނަތީޖާއެއް ހޯދައި، މި ތަޖުރިބާގެ ބޭނުން ރަނގަޅަށް ހިފަން،" އަބޯ ބުންޏެވެ.
ތައިލެންޑްގެ ކޯޗު ކާލޯސް ސެސާ ބުނީ މި ވަގުތަށް ބަލާއިރު، ރާއްޖޭގެ ޓީމާ ބެހޭ މާ ބޮޑު މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އެކަމަކު، އުންމީދުކުރަނީ މިއީ ރަނގަޅު މެޗަކަށްވާނެ ކަމަށް ކަމަށެވެ.
ތައިލެންޑް މުބާރާތުގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި މާދަމާ އޮމާނާ ދެކޮޅަށް ކުޅޭނެ އެވެ.
ތައިލެންޑް އިންވިޓޭޝަނަލް ކަޕްގެ އަނެއް ފައިދާ އަކީ ރަނގަޅު މެޗުތަކެއް ލިބުމުގެ އިތުރުން ކޮލިފައިންގައި ކުޅެން ޖެހޭ އޭޝިއާގެ އެންމެ ފަހުގެ ޗެމްޕިއަން އީރާންގެ ކުޅުން ފެންނާނެ އެވެ. އީރާން އޮތީ އޭއެފްސީ ފުޓްސަލް ކޮލިފައިންގައި ރާއްޖެއާ އެއް ގްރޫޕެއްގަ އެވެ.
އޭއެފްސީން ނެރުނު ފުޓްސަލް މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ހިމަނާފައިވަނީ ސެންޓްރަލް އެންޑް ސައުތު ޒޯންގެ ކޮލިފައިންގަ އެވެ. އެ ޒޯނުގެ އަށް ގައުމު ވަނީ ކޮލިފައިންގެ ދެ ގްރޫޕަކަށް ބަހައިފަ އެވެ. ރާއްޖެ ގްރޫޕް އޭގައި އިރާންގެ އިތުރުން ތުރުކުމެނިސްތާން އަދި ކިރްގިސްތާން އެވެ. މި ޒޯނުގެ ގްރޫޕް ބީގައި ހިމެނެނީ އުޒްބެކިސްތާން، ތަޖިކިސްތާން، އަފްގާނިސްތާން އަދި ނޭޕާލް އެވެ.
އޭއެފްސީން ނެރުނު ފުރަތަމަ ޝެޑިއުލްގައިވާ ގޮތުން ކޮލިފައިންގައި ރާއްޖެ ކުޅެން ޖެހޭ މެޗުތައް އޮންނާނީ ކިރްގިސްތާނުގަ އެވެ. އެކަމަކު، ފަހުން މެޗުތައް ކުވޭތުގައި ކުޅޭ ގޮތަށް ޝެޑިއުލް ބަދަލުކޮށްފައިވާކަން އެނގިފައިވެ އެވެ. ރާއްޖޭން އޭއެފްސީ ކޮލިފައިންގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 10 ވަނަ ދުވަހު އިރާނާ ބައްދަލުކުރާނެ އެވެ. ދެ ވަނަ މެޗުގައި 11 ވަަނަ ދުވަހު ކިރްގިސްތާނާ ކުޅުމަށް ފަހު، ގްރޫޕްގެ ފަހު މެޗުގައި ތުރުކުމެނިސްތާނާ ކުޅޭނީ 12 ވަނަ ދުވަހު އެވެ.
ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެން ރާއްޖެ ފުޓްސަލް އޭޝިއަން ކަޕަށް ކޮލިފައިވެއްޖެނަމަ އެ މުބާރާތް އޮންނާނީ މި އަހަރު ފަހުކޮޅުގައި ކުވޭތުގަ އެވެ.












