ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާގެ މައްސަލަ ބަލަން އަނެއްކާވެސް އެހެން ގާޒީއަކާ ހަވާލުކުރުމަށްފަހު، އަލުން ޝަރީއަތް ފަށައިފި އެވެ.
ދައުލަތުގެ ބަންޑާރަ ނައިބު ކަމުގެ މަގާމު ވެސް ފުރުއްވި އާޒިމާގެ މައްޗަށް ކުރަނީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގު ފަހި ކޮށް ދިނުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓަށް 2019 ވަނަ އަހަރު ހުށަހެޅި އެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވީ އެ ކޯޓުގެ އިސް ގާޒީއަކަށް އޭރު ހުންނެވި އަހްމަދު ހައިލަމެވެ. އެއަށްފަހު ގާޒީ ހަސަން ސައީދާއި އެ މައްސަލަ ހަވާލުކުރުމުން، ދިފާއީ ވަކީލަކާ މަސްލަހަތު ފުށުއަރާ ކަމަށް ވިދާޅުވެ ތަނާޒުލްވި އެވެ. އޭގެ ފަހުން ގާޒީ އަލީ ނަދީމްގެ ސެކްޝަނަށް ވެސް އެ މައްސަލަ ފޮނުވި އެވެ. ނަމަވެސް, އޭނާ އެ މައްސަލައާ ހަވާލުވެފައި ނުވެ އެވެ. ދެން މައްސަލަ ހަވާލުވީ ގާޒީ އިސްމާއިލް ރަޝީދެވެ. އެކަމަކު އޭނާގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް ސާބިތުވެފައި ވަނިކޮށް އިސްތިއުފާ ދިނުމާ ގުޅިގެން އަނެއްކާވެސް އެ މައްސަލަ ހުއްޓުނެވެ.
އެތައް ގާޒީއަކާ ހަވާލުކުރި އެ މައްސަލަ ކްރިމިނަލް ކޯޓުގައި ހުއްޓިފައި އޮތީ އިބްތިދާއީ މަރުހަލާގަ އެވެ. އަހަރަކަށްފަހު އެ މައްސަލައިގެ އަޑުއެހުންތައް ފަށާފައިވާއިރު މިއަދު އެ ދައުވާގެ އަޑުއެހުންތައް އަލުން ފަށާފައި ވަނީ އެ ކޯޓުގައި މިވަގުތު ހުންނެވި އެންމެ ދުވަސްވީ އެއް ގާޒީ އަލީ އާދަމް އެ މައްސަލައާ ހަވާލުވުމަށްފަހު އެވެ. އެކަމަށް ދައުލަތުންނާއި ދިފާއުން ވެސް އިއުތިރާޒްކޮށްފައި ނުވެ އެވެ.
އެގޮތުން އެންމެ ފުރަތަމަ އަނެއްކާވެސް އާޒިމާއަށް ކުރާ ދައުވާތައް ދައުލަތުން އިއްވި އެވެ. ކޮންމެ ދައުވާއެއް ވެސް ސާފުކުރުމަށް ސުވާލު ކުރުމުގެ ފުރުސަތު ވެސް އޭނާއަށް ލިބުނެވެ. ދެ ދައުވާ ވެސް ސާފުވުމުން، ދައުވާއަށް އިންކާރު ކުރައްވާ ކަމަށް ވިދާޅުވެ، އެ ދައުވާ އޭނާގެ މައްޗަށް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"ކުރިންވެސް އަދި މިހާރުވެސް އެ ދައުވާ އަޅުގަނޑުގެ މައްޗަށް ކުރެވޭނެ ކަމަށް ނުދެކެން،" އާޒިމާ ވިދާޅުވި އެވެ.
އެއް ކުށެއްގެ މައްޗަށް ދެ ދައުވާ ނުކުރެވޭނެކަން ފާހަގަކުރައްވާ އާޒިމާ ވިދާޅުވީ އެނގިހުރެ ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ގާނޫނުލްއުގޫބާތުގެ ދަށުން އުފުލާފައި ވާތީ، އޭނާގެ ގަސްތު ސާބިތުކުރުމުގެ އުންޒުރުތަކާއި ރުކުންތައް ދައުވާއިން ފުރިހަމަ ނުވާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް މަނީ ލޯންޑާކުރަން މަގުފަހިކޮށްދިން ކަމަށް ބުނެ އުފުލާފައިވާ ދައުވާއާ ގުޅިގެން އާޒިމާގެ ދިފާއަކަށް ނެންގެވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލާފައިވާ ގއ. ވޮޑަމުލާގެ މައްސަލަ ސާބިތު ނުވާ ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމެވެ.
ދައުވާއަށް އިންކާރުކުރި ސަބަބުތަކަށްފަހު މިއަދުގެ އަޑުއެހުން ނިންމާލީ ދިފާއީ ހެކި ހުށަހެޅުމަށް ދިފާއުން ބޭނުންވާ ކަމަށް ބުނުމުން، 10 ދުވަހުގެ ފުރުސަތެއް ދިނުމަށްފަހު އެވެ. ގާޒީ ވިދާޅުވީ 10 ދުވަހަށްފަހު ތާވަލްކުރާ އަޑުއެހުމުގައި އޮންނާނީ ދެ ފަރާތުގެ ހެކި ހުށަހެޅުން ކަމަށާއި، އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުން ކަމަށެވެ.
އާންމުކޮށް ދައުލަތުން ހުށަހަޅާ ހެއްކަށް ރިޔާއަތްކޮށް މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމާ ކަމުގައި ވީނަމަވެސް، އެ ހެކިތައް ނަފީކުރެވޭވަރުގެ ހެކިތަކެއް ދިފާއުން ހުށަހަޅައިފި ހާލަތެއްގައި އެއަށް ރިޔާއަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.












