މިޔަރު ބޭނުންމަށް ފަހު އޭގެ އުރަހަ ނަގާ ބާކީ ބައި މޫދަށް އުކާލާތަން ފެންނަ ވީޑިއޯއެއްގެ މައްސަލަ ފިޝަރީޒް މިނިސްޓްރީން ބަލަން ފަށައިފި އެވެ.
އެ ވީޑިއޯ އިއްޔެ ސޯޝަލް މީޑިއާގައި އާންމުކުރި މީހާ ބުނެފައިވަނީ އެއީ ދިވެހިންތަކެއް ކަމަށާއި މި ވީޑިއޯ ނަގާފައިވަނީ ފުވައްމުލަކުގެ ރަސްގެފަންނު ސަރަހައްދުންކަމަށެވެ.
އޭގެން ފެންނަ ގޮތުގައި ޑިންގީއެއްގައި މިޔަރުގެ މަސްވެރިކަން ކުރަން ނުކުމެ އުޅެނީ ތިން މީހުންނެވެ. އެ މީހުން މިޔަރު ބޭނުމަށްފަހު އޭގެ އުރަހަ ކަނޑާލަނީ އެވެ. އެއަށްފަހު މިޔަރުގެ ބާކީ ބައިތައް މޫދަށް އެއްލާލާތަން ފެނެ އެވެ.
އެ ވީޑިއޯ ނަގާފައިވަނީ ޑްރޯނެއް ބޭނުންކޮށްގެންނެވެ. ޑްރޯން އެ ޑިންގީއާއި ދިމާލަށް ތިރިކުރަން ފެށުމުން ދޯނީގައި ހުރި އެކަކު ދިގު ދަނޑިއެއް ނަގާ ޑްރޯންގައި ޖަހަން އުޅެ އެވެ.
އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ނަސްރުﷲ ހުސެއިން "އަދަދު"އަށް ވިދާޅުވީ މިޔަރު ބާނާ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން މިހާރު ބަލަން ފަށާފައިވާ ކަމަށްވެސް ނަސްރުﷲ ވިދާޅުވި އެވެ.

މިޔަރު މަސްވެރިކަމަކީ މީގެ ކުރިން ރާއްޖޭގައި ކުރި ކަމެކެވެ. ނަމަވެސް މިޔަރުތައް ބާނައި ހުސްކުރާތީ ސަރުކާރުން 2010 ގައި މިޔަރު ބޭނުން މަނާކުރި އެވެ. އަދި ޖެހިގެން އައި އަހަރު އޭގެ ވިޔަފާރި ކުރުން ވެސް މަނާ ކުރި އެވެ. ނަމަވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި މި މަސައްކަތް ފުޅާކޮށް އަދިވެސް ކުރަމުން ދާ ކަމެވެ.
މިޔަރުގެ ބައިތައް ރާއްޖެއިން އެކްސްޕޯޓް ކުރަން އުޅުނު ފަސް މައްސަލައެއް ވޭތުވެދިޔަ ތިން އަހަރު ތެރޭ ކަސްޓަމްސް އިން ބަލާފައި ވެއެވެ. އެއީ މިޔަރު އުރަހަ ރާއްޖެއިން އެކްސްޕޯޓް ކުރަން އުޅުނު ދެ މައްސަލަ އަކާއި މިޔަރު މަސް ރާއްޖެއިން އެކްސްޕޯޓް ކުރަން އުޅުނު ތިން މައްސަލައެކެވެ.
އޭގެ ތެރެއިންވެސް ފާހަގަ ކޮށްލެވެނީ 2020ވަނަ އަހަރު ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު 429 ކިލޯގެ މިޔަރު އުރަހަ ބޭރު ކުރަން އުޅުނު މައްސަލަ އަކާއި 2021ވަނަ އަހަރުގެ އޮގަސްޓު މަހު 26 ވަނަ ދުވަހު ކަސްޓަމްސް އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، 14 ފޮށިގަނޑެއްގައި ހުރި 243 ކިލޯގެ މިޔަރު އުރަހަ އަތުލި މައްސަލައިގައި ދައުވާ ކުރަން ވަނީ ފޮނުވާފަ އެވެ.












