ދުނިޔެ އާއި ރާއްޖޭގެ ވެސް ތެލުގެ ބާޒާރުގައި އަގުތަކަށް މިފަހުން އައި ބަދަލުތަކުގެ އަސަރު ރާއްޖޭގެ އެތެރޭގައި އޮޕަރޭޓްކުރަމުންދާ ލޯންޗު ފެރީތަކާއި ޕްރައިވެޓް ލޯންޗު ދަތުރުތަކުން ވެސް ދައްކަން ފަށައިފި އެވެ.
އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ލޯންޗު އޮޕަރޭޓްކުރާ ގިނަ ކުންފުނިތަކަކުން ތެޔޮ އަގުބޮޑުވުމާއެކު ޓިކެޓް ވިއްކާ އަގުތަކަށް ވެސް ބަދަލުތަކެއް ގެނައުމަށް މަޖުބޫރުވެފައިވާ ކަމަށް ބުނެ އެވެ.
މިހާރު ރާއްޖޭގައި އޮޕަރޭޓްކުރާ ގިނަ ލޯންޗު ކުންފުނިތަކާއި ލޯންޗުތަކުން ވެސް އެވަރެޖްކޮށް 50-100ރ. ޓިކެޓް އަގުތަކަށް އިތުރުކޮށްފައިވާކަން ފާހަގަކުރެވެ އެވެ.
މާލޭން އަތޮޅު ތެރޭ އެކި ރަށްރަށަށް އޮޕަރޭޓްކުރާ ބައެއް ލޯންޗު ފަހަރުގެ އަގުތަކަށް ބަލާލާއިރު ބ. އަތޮޅުގެ އޮމަދޫ އަދި އޭދަފުށި ކަހަލަ ރަށްރަށަށް އޮޕަރޭޓްކުރާ ލޯންޗުތަކުގެ އަގުތައް މިހާރު އުޅެނީ 400-450ރ. އާ ދެމެދުގެ އަގެއްގަ އެވެ. އެއީ ކުރިން 350 އަށް ދަތުރުކުރަމުން އައި ރަށްރަށެވެ.
މިއީ ހަމައެކަނި ދިވެހިންނަށް ހާއްސަ އަގުތައް ކަމަށް ލޯންޗުފަހަރުގެ އޮޕަރޭޓަރުން ބުނާއިރު ފަތުރުވެރިކަން ކުރިއަރާފައިވާ ބ. އަތޮޅަށް މާލޭން ފަތުރުވެރިން ގެންދަނީ އަދި އެހެން އަގުތަކެއްގަ އެވެ.

"އެ އިތުރުކުރަން ޖެހުނީ ހަމަ ތެޔޮ އަގުތަކާ ހެދި. ކުރިން އޮޕަރޭޓްކުރަމުން އައި އަގުތަކުގެ ކިހިނެތް ޖައްސަނީ؟," ބ. އަތޮޅަށް އޮޕަރޭޓްކުރާ ލޯންޗެއްގެ އިސް މީހަކު މި ނޫހަށް ބުންޏެވެ.
އދ. އަތޮޅަށް އޮޕަރޭޓްކުރާ ލޯންޗެއްގެ އިސްވެރިޔަކު ބުނީ އެ ލޯންޗުގެ އަގުތަކަށް އަދި ބަދަލެއް ނުގެންނަ ކަމަށެވެ. ނަމަވެސް ތެލަށް އައި ބަދަލުތަކާ ހެދި އަގުތަކަށް ބަދަލުގެނައުމުގެ މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ. އދ. ގެ ތިން ރަށަކަށް އޮޕަރޭޓްކުރާ އެ ލޯންޗުގެ އަގުތައް އުޅެނީ 300ރ. ގަ އެވެ.
ކުރަންޖެހޭ ދުރު ރާސްތާ ދަތުރުގެ ސަބަބުން ލ. އަތޮޅާއި މާލެއާ ދޭތެރޭ އޮޕަރޭޓްކުރާ މާ ގިނަ ލޯންޗުތަކެއް ނެތް ނަމަވެސް، އެ ސަރަހައްދުގައި ކުލީ ދަތުރު ނަގައިގެން އޮޕަރޭޓްކުރާ ލޯންޗުތައް ގިނަ އެވެ.
އެގޮތަށް ކުއްޔަށް ނަގާ ލޯންޗުތަކުގެ އަގުތައް ހާހުގައި އުޅޭއިރު، ލ. އަތޮޅުން ލިބެން ހުންނަ ބައެއް ކަހަލަ ހިދުމަތްތައް ހޯދުމަށްޓަކައި ކައިރި އަތޮޅުތަކުން ގިނަ ބަޔަކު ލ. އަތޮޅަށް ދަތުރުކުރާކަން ފާހަގަކުރެވެ އެވެ.
އެފަދަ ދަތުރުތައް އާންމުކޮށް 5،000ރ. ގައި އުޅޭއިރު، އެ ދަތުރުތަކުގެ އަގުތައް ވެސް މިހާރު 5،500ރ. އަށް އިތުރުވެފައިވާ ކަމަށް ކުއްޔަށް ލޯންޗު ދަތުރުކުރާ ފަރާތެއް ބުންޏެވެ.
"ކޮންމެވެސް ވަރެއްގެ ބަދަލެއް ގެންނަން ޖެހުނީމަ ގެނައީ. ތެޔޮ އަގުތައް ދަށްވީމަ ދަށްކުރަން ވިސްނައިގެން މިތިބީ،" އެ އޮޕަރޭޓަރު ބުންޏެވެ.
މާލެ އާއި ތ. އަތޮޅާ ދެމެދުގައި ދަތުރުކުރާ ލޯންޗެއްގެ އޮޕަރޭޓަރެއް ވެސް ބުނީ މިހާރު އެ ލޯންޗުން އާންމުކޮށް ދަތުރުކުރަނީ 800ރ. އަށް ކަމަށެވެ. ތިން ގަޑިއިރުގެ އެ ދަތުރު މީގެ ކުރިން ކުރަމުން އައީ 700-600 އަށް ކަމަށް އޭނާ ބުނި އެވެ.
މާލެއިން ރ. އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރުކުރާ ލޯންޗެއްގެ ކައްޕިއަކާ ވާހަކަދައްކާލުމުން އެ އަތޮޅަށް ކުރާ ދަތުރުތަކުގެ އަގުތައް ވެސް ބޮޑުކުރަން އެ ކުންފުނީގެ މެނޭޖްމެންޓުން މަޝްވަރާ ކުރަމުންދާ ކަމަށް ބުންޏެވެ.
"މިހާރު އަދި މިކުރަނީ 650ރ. އަށް. އެކަމަކު އަގުބޮޑުކުރުމަށް މެނޭޖްމެންޓުން ވާހަކަދައްކަމުން ދަނީ،" އޭނާ ބުންޏެވެ.
ހުވަދޫ އަތޮޅުގެ އެތެރޭގައި ދަތުރުކުރާ ލޯންޗުތަކުން އާންމުކޮށް ދަތުރުކުރަނީ 3،000-5،000ރ. ގެ އަގުތަކުގަ އެވެ. އެއީ ވެސް ކުލީ ދަތުރުތަކެވެ. އެ ދަތުރުތަކުގެ އަގުތަކަށް ވެސް ކުރިއަށް އޮތްތަނުގައި ބަދަލެއް އައުން ގާތް ކަމަށް މައުލޫމާތު ލިބެ އެވެ.
ގިނަ ލޯންޗުތަކުގެ ޓިކެޓް އަގުތަކަށް ބަދަލު އައި ނަމަވެސް، ބައެއް މަދު ލޯންޗުތަކުން އަދިވެސް ދަނީ ކުރިން ދަތުރުކުރަމުން އައި އަގުތަކުގައި ހިފަހައްޓަމުންނެވެ. އެގޮތުން ގދ. އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރުކުރާ ލޯންޗުތަކުގެ އަގުތައް އަދިވެސް އުޅެނީ 500-300ރ. ދެމެދުގަ އެވެ. އަދި ޅ. އަތޮޅުގެ ލޯންޗު އޮޕަރޭޓަރެއް ވެސް ބުނީ އަދިވެސް މާލޭން އެ އަތޮޅަށް 500ރ. އަށް ދެވޭނެ ކަމަށެވެ.
އދ. އަތޮޅަށް ދަތުރުކުރާ ލޯންޗުތަކުން ވެސް އަދި އަގުތަކަށް ބަދަލެއް ގެނައުމަށް ނިންމާފައިނުވާ ކަމަށް އެ އަތޮޅަށް އޮޕަރޭޓްކުރާ ލޯންޗެއްގެ ވެރިޔަކު ބުންޏެވެ. ނަމަވެސް, އެ އެންމެންނަށް ވެސް ތެލުގެ އަގުތަކަށް އައި ބަދަލުން ވިޔަފާރިއާއި އޮޕަރޭޝަންތަކަށް އަސަރުކުރާނެކަން އެނގެ އެވެ.
ތެލުގެ އަގުތަކަށް ބަދަލު އައިސްފައިވާއިރު، މިހާރު މާލެ ސަރަހައްދުގައި ޓެކްސީ ކުރާ ފަރާތްތަކުން ވެސް ވަނީ ޓެކްސީ ދަތުރުތަކުގެ އަގުބޮޑުކުރަން ޓްރާންސްޕޯޓު މިނިސްޓްރީއަށް ހުށަހަޅާފަ އެވެ.













