ޓެކްސީއަކަށް އެެރި އަންހެނަކު ހުޅުމާލޭގެ ފޭސް ދެއަކަށް ގެންގޮސް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެ ޓެކްސީ ދުއްވަން އިން ޑްރައިވަރު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ މާލޭން ޓެކްސީއަކަށް އެރި އުމުރުން 20 އަހަރު ދިވެހި އަންހެނަކު ހުޅުމާލެ ފޭސް ދެއަކަށް ގެންގޮސް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ރޭ ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެ މައްސަލައިގައި ހިމެނޭ އަންހެން މީހާ, މީހުން އަދި މުޅިން އާބާދުވެ ނުނިމޭ ހުޅުމާލެ ފޭސް ދެއަކަށް ގެންދިޔައީ ގަދަކަމުން ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައާ ގުޅިގެން އަންހެން މީހާއަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބުނު ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.












