އުތުރުގެ އަތޮޅެއްގެ ރަށެއްގައި އުމުރުން 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ކުއްޖާގެ ދޮންބައްޕަ ކަމުގައިވާ އެ ރަށުގެ މިސްކިތެއްގެ މުދިމްކަން ކުރަމުން އައި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އެ މައްސަލަ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެންމެ ފުރަތަމަ ރިޕޯޓުކުރި ނަމަވެސް މައްސަލައާ ގުޅިގެން އެމީހާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އުމުރުން 38 އަހަރުގެ ދިވެއްސެއް ކަމަށެވެ. އެ މައްސަލަ މިހާރު ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
އެ ރަށު ކައުންސިލްގެ ރައީސް މި ނޫހަށް ވިދާޅުވީ ހައްޔަރުކުރި މީހާއަކީ ވެލިދުއަށް ނިސްބަތްވާ އެ ރަށުގެ މުދިމްކަން ކުރާ މީހެއް ކަމަށެވެ. އަދި އެމީހާއަކީ އަނިޔާލިބުނު 12 އަހަރުގެ ކުޑަކުއްޖާގެ ދޮންބައްޕަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން މާ ގިނަ މައުލޫމާތުތަކެއް ލިބިފައިނުވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. އެ މައްސަލައިގައި މުދިމް ހައްޔަރުކޮށްގެން ގެންދާތަން ދައްކުވައިދޭ ވީޑިއޯއެއް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.














