ދިވެހިންގެ ތެރޭގައި ފަގީރު ހާލުގައި ދިރިއުޅޭ މީހުންނަށް އެހީތެރިވެ ފުދުންތެރިކަން އިތުރު ކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން "ޒަކާތު ނަފާ" ގެ ނަމުގައި ޕްރޮގްރާމެއް ހިންގަން ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ވަކި އަދަދެއްގެ ބަޔަކަށް ޒަކާތު ފަންޑުން އެހީތެރިވުމަށް "ޒަކާތު ނަފާ"ގެ ނަމުގައި ޕްރޮގްރާމެއް ފަށަން ނިންމާފައިވާ ކަމަށެވެ.
އެ ޕްރޮގްރާމަކީ ޒަކާތު ފަންޑުގެ ފައިދާ އޭގެ އެންމެ ހައްގުވެރި މީހުންނަށް ދީ، އެ މީހުންނަށް އާމްދަނީ ހޯދޭނެ މަގުފަހިކޮށްދިނުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެ ބަޔާނުގައި ބުނެ އެވެ. އަދި ހަމައެއާއެކު އެ ޕްރޮގްރާމަކީ ފުދުންތެރި މުޖުތަމައުއެއް ބިނާކުރުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެއް ކަމަށް ވެސް އެ ބަޔާނުގައި އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
ފަގީރުންގެ ގޮތުގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށް އަމިއްލައަށް މަސައްކަތްކޮށްގެން ފުދުންތެރި ދިރިއުޅުމެއް ފެށުމަށް ބޭނުންވާ މާލީ އެހީތެރިކަން އެ ޕްރޮގްރާމުގެ ދަށުން ދެވޭނެ ކަމަށް އެ މިނިސްޓްރީން ބަޔާނުގައި ފާހަގަކުރެ އެވެ.
އަދި ޝަރަފުވެރި އަބުރުވެރި ދިރިއުޅުމެއް އުޅެ އަމިއްލަ ތަނަވަސްކަން އިތުރުކޮށް ގައުމުގެ އިގްތިސޯދު ކުރިއެރުވުމުގައި ވެސް ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަށް އެ ޕްރޮގްރާމުން އެހީތެރިވެދޭނެ ކަމަށް ބަޔާނުގައި ފާހަގަކުރެ އެވެ.

އެ ޕްރޮގްރާމުގައި މާލީ އެހީ ދެނީ އިސްލާމިކް މިނިސްޓްރީގައި އޮންނަ ފަގީރުންގެ ދަފްތަރުގައި ރެޖިސްޓްރީކޮށްފައިވާ މީހުންނަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
އެހީ ދޭ ދާއިރާތަކުގެ ތެރޭގައި ގައުމީ ތަރައްގީ އާއި މުޖުތަމައުގެ ފުދުންތެރިކަން އިތުރުކުރެވޭނެ ދާއިރާތަކަށް އިސްކަންދޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
އެގޮތުން މި އަހަރު ފަށާ އެ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި ގެދޮރުން އާމްދަނީ ހޯދުމާއި، ޕޯލްޓްރީ ފާމިން، ހަައިޑްރޮޕޯނިކްސް ދަނޑުވެރިކަން، ފަރުމަސްވެރިކަން، ފެހުން އަދި ތަމްރީނާއި އެޕްރެންޓިސްޝިޕް ފުރުސަތުތައް ފަހިކޮށްދިނުމަށް ފުރުސަތު ހޯދައިދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.













