ބުޅަލެއް ދަންޖެއްސުމަށްފަހު ސައިކަލެއްގައި ވާޖަހައިގެން މަގުމަތީގައި އެ ބުޅާ ދަމާ އަނިޔާކޮށް ގެންދާ ވީޑިއޯތަކެއްގެ މައްސަލަ އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ހިނގި އެ ހާދިސާ ހިނގާފައި ވަނީ ށ. ފީވަކުގަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ވީޑިއޯއިން ފެންނަނީ އެ ރަށު ގިނަވެލިމާގޭ، އަހުމަދު އަޒްމީން ނަމަކަށް ކިޔާ މީހެކެވެ.
އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް "އަދަދު" އަށް ވިދާޅުވީ ބުޅަލަކަށް އަނިޔާ ކުރި މައްސަލައެއް ހޫނުވެ ފުލުހުން މެދުވެރިކޮށް އެ މައްސަލަ ބަލާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން، އެ މައްސަލަ އީޕީއޭންވެސް ބަލަން ފަށާފައިވާ ކަމަށް ނައީމް ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.
އެ ހާދިސާ ހިނގިރޭ އެތަނުގައި ހުރި މީހަކު "އަދަދު" އަށް ބުނީ އޭނާ އެ ބުޅަލަށް އަނިޔާކޮށް ގުޑާ ނުލެވޭ ވަރު ކުރުމަށްފަހު އޭނާ އެ ހިފައިގެން ރަށުގެ ބަނދަރު ސަރަހައްދަށް ގެނައީ ކަމަށެވެ. އަދި އޭރު ބުޅާ މަރު ނުވާތީ ބުޅަލުގެ ކަރުގައި ވަލެއް އެއްސުމަށް ފަހު (ދަންޖައްސާހެން) އެލުވައިގެން ހުރި ކަމަށެވެ.

އެވަރުންވެސް ނޭވާލާތީ ސައިކަލުގެ ފަހަތުގައި ބުޅަލުގެ ކަރުގައި އައްސާފައި އޮތް ވާގަނޑު އެއްސުމަށްފަހު ބަނދަރުމަތީ އެރޭ ދުއްވި ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ކަން ކުރި މީހާ މަޖާވެފައި ހުރި ރާގެއްގައި ކޮންމެވެސް އެއްޗެއް ކިޔަ އެވެ.
އެ ވީޑިއޯއަށް ގިނަބަޔަކު ނުރުހުން ފާޅުކުރަމުން އަންނަ އިރު ދާދި ފަހުން ވަނީ ރާއްޖެ އެތެރެ ކުރި ދޫނިތަކެއް މަރާލުމުން އެކަމާވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޖަނަވާރުންނަށް އަނިޔާކުރުމަކީ ގާނޫނީ ކުށެއް ކަމަށް ވާއިރު، ގާނޫނުލްއުގޫބާތުގައިވާ ގޮތުން، އަނިޔާވެރިކަމާ އެކު ޖަނަވާރަކާ މެދު އަމަލުކުރުމަކީ ކުށެކެވެ. މި ކުށް ސާބިތުވެއްޖެ ނަމަ، އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.













