ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން ރަޝިއާއިން ހަމަލާ ދެމުން އަންނަ ޔޫކްރެއިންގައި ތާށިވެފައިވާ ދިވެހިންގެ ތެރެއިން 15 ދިވެއްސަކު ހަންގޭރީ އަށް ގެންދިޔައީ އިއްޔެ އެވެ.
ހަނގުރާމަ ފެށިއިރު ޔޫކްރެއިންގައި 50 އަށްވުރެ ގިނަ ދިވެހިން ތިއްބެވެ. އެ ކުދިން ރާއްޖެ ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވީ ފެބްރުއަރީ 22، ގަ އެވެ. އެއާއެކު އެ ކުދިން ރާއްޖެ ގެނައުމުގެ މަސައްކަތްތައް ފޮރިން މިނިސްޓްރީން ފެށި އެވެ.
އެގޮތުން. އޭރު އެއާޕޯޓް ބަންދުކޮށްފައި ނުވާތީ ކޮމާޝަލް ފްލައިޓްތަކުން ރާއްޖެ އައުމުގެ ފުރުސަތު އޮތުމުން އެ ކުދިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
ޔޫކްރެއިންގެ އެއާޕޯޓް ބަންދުކޮށް ދަތުރުފަތުރު ހުއްޓާލިއިރު އެ ގައުމުގެ ޔޫކްރެއިނުގެ އިވާނޯގައި 15 ދިވެހިން، ހާރްކީވްގައި އަށް ދިވެހިން، ނިޕްރޯގައި ވެސް ދިވެއްސަކު ހުއްޓެވެ. އޭގެ ތެރެއިން އިވާނޯގައި ތިބި 15 ދަރިވަރުން ވަނީ ހަންގޭރީގެ ބޯޑަރަށް ގެންގޮސްފަ އެވެ. އެ ކުދިން ގެންދިޔައީ ހަންގޭރީ ބޯޑަރާއި ކައިރީގައި އޮންނަ އުޒްހޯޑުގައި ގައި ހުންނަ ހަންގޭރީ ކޮންސިއުލޭޓް އަށެވެ.
ތައިރޮއިޑްގެ ފަރުވާއަކަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާތީ, ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސިންގަޕޫރަށް ވަޑައިގެންނެވީ ނިމިދިޔަ ހަފްތާގަ އެވެ. އެމަނިކުފާނު އޮޕަރޭޝަނެއް ކުރައްވާތީ ނައިބު ރައީސް ފައިސަލް ނަސީމް އާ ބާރުތައް ހަވާލުކުރައްވާނެ ކަމަށް ވެސް ހާމަކުރެއްވީ ނިމިދިޔަ ހަފްތާގަ އެވެ.

އެއާއެކު މިދިޔަ ހުކުރު ދުވަހުގެ ހެނދުނު 06:00 އިން ފެށިގެން ތިން ގަޑިއިރާއި 30 މިނެޓު ވަންދެން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު އަދާކުރެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. އަލުން އަނބުރާ ވެރިކަމުގެ ބާރުތަކާއި ރައީސް ސޯލިހު ހަވާލުވެވަޑައިގެންނެވީ 09:30 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެންގެވުމަށް ފަހު އެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުފައްދާފައި އޮތީ ގާނޫނާ އެއްގޮތަށް ކަމަށް ކުރީގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮތް ނަމަވެސް އެ ހުކުމަށް ނުބަލައި، ކޯޓު އުވާލުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމީ ނިމިދިޔަ ހަފްތާގަ އެވެ. އެކަމާއި ގުޅިގެން ބަންޑާރަ ނައިބު ވަނީ ގާނޫނު އިސްލާހުކޮށްގެން ނަމަވެސް އެ ކޯޓު އުވާލައްވާނެ ކަމަށް މިދިޔަ ހަފްތާގައި ވިދާޅުވެފަ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވިލިމާލޭގައި ހިންގި ޓެރަރިޒަމްގެ އޮޕަރޭޝަނެއްގެ ދަށުން އަތުލައިގަތީ ކުށުގެ ހުތުރު ރިކޯޑެއް އޮންނަ، ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރުކަން އެނގުނީ ނިމިދިޔަ ހަފްތާގަ އެވެ.
މިދިޔަ ހަފްތާ ފުލުހުން ބުނި ގޮތުގައި އޭނާ އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ނަންނަމުގައި އެކައުންޓްތައް ހަދައިގެން، އައިއެސް އަށް ތާއީދުކޮށް އެ ޖަމާއަތުގެ ޕްރޮޕެގެންޑާ ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުން ކަމަށެވެ. އޭނާ ހައްޔަރުކުރީ އެފްބީއައިގެ އިތުރުން އިޓަލީ ފުލުހުންގެ ބައިވެރިވުމާއެކު އެވެ.
އްޔަރުކުރުމާއި ބަލާފާސްކުރުމުގެ އަމުރު ނެރުމުގެ އިހްތިސޯސް ލިބިގެން ނުވާ ކޯޓަކުން ނެރުނު އަމުރެއްގެ މައްޗަށް ބިނާކޮށް ހޯދި ހެކިތައް ގާނޫނާ ހިލާފު ވިނަމަވެސް، އެ ހެކިތައް ބަލައިގަނެވޭނެ އިސްތިސްނާ ހާލަތްތަކެއް ސުޕްރީމް ކޯޓުން ކަނޑައެޅި ނިމިދިޔަ ހަފްތާގަ އެވެ.
ނިމިދިޔަ ހަފްތާގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން އާންމުންނަށް ވިޔަފާރި އުސޫލުން ވިއްކަން ހުޅުވާލި ބިންތަކުގެ ތެރެއިން ހަތަރު ބިމެއް ވިއްކުން ހުއްޓުވައިދިނުމަށް އެދި ހުށަހެޅި ވަގުތީ އަމުރު ނެރެނުދިނުމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފަ އެވެ.
ފެނަކަ ކޯޕަރޭޝަނުން އިންޖީނުގެތައް ހިންގާ ހުރިހާ ރަށަކުން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިދިޔަ ހަފްތާގަ އެވެ.
ހުޅުމާލޭ "ހާފްވޭ ހައުސް" ކައިރިން ހިންގި މާރާމާރީއެއްގައި ވަޅި ޖަހާ މަރާލި، ގއ. ދާންދޫ ގޯލްޑް ލީފް، ހާރިސް އަބްދުލް ގަފޫރުގެ މަރުގެ މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި މުހިންމު ދެ ހެކިވެރިއެއްގެ ފުރުސަތު ގެއްލި، އެ މައްސަލައިގެ އަޑުއެހުންތައް ނިމުމަކާ ހަމައަށް ދިޔައީ މިދިޔަ ހަފްތާގަ އެވެ.
ހަފްތާގެ ބައެއް މުހިންމު ހަބަރުތައް
- ބަލިމީހާގެ މޭ ފަޅާލައިގެން ކުރާ އޯޕަން ހާޓް ސާޖަރީއަކަށް ނުގޮސް ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހެއްގެ ހިތުގެ ވެލްވެއް ބަދަލުކުރުން
- ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ރާއްޖެ އައިސް ކަރެކްޝަންސްއާ ހަވާލުވުން
- މާލެއިން އެހެން ރަށްރަށަށް ފުރާއިރު ޕީސީއާރު ޓެސްޓު ހަދަންޖެހޭ ގޮތަށް އޮންނަ އުސޫލު އުވާލައި، ގިނަ މީހުން އެއްވުން ހުއްދަކުރުން
- ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުން
- ކޮވިޑް ނިންމާލައި ސްކޫލްތައް އާއްމު ހާލަތަށް ގެނަން ޖެހޭ ކަމަށް ބުނުން
- އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މެމްބަރުން އައްޔަނުކުރަން މަޖިލީހަށް ނަންތައް ފޮނުވުން
- އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ތަހުގީގުކުރަން ގްރާންޓް ތޯންޓަން އިންޓަނޭޝަނަލް އާ ހަވާލުނުކުރާތީ ކަންބޮޑުވުން
- ބިދޭސީއެއްގެ ބޯ ޗިސްކޮށްލައި މަރާލި ހަމްޒާއަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވުން
ހަފްތާގެ ހޮވާލެވޭ ބައެއް ލިޔުން
- މިއީ ރާއްޖެއަށް ޓޫރިޒަމް ތައާރަފްވެގެން އައިގޮތާއި ގުޅޭ ގޮތުން އަހްމަދު ސައީދު ލިޔެފައިވާ ރިޕޯޓެކެވެ. ރާއްޖެއަށް ޓޫރިޒަމް ގެންނެވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޖޯޖް ކޯބިން ކުރެއްވި މަސައްކަތްތަކާއި އޭނާ އާއެކު ޓޫރިޒަމްގެ ބާނީންގެ ގޮތުގައި ގުނާލެވޭ ބޭފުޅުން ކުރެއްވި މަސައްކަތްތައް މި ރިޕޯޓުގައި ގެނެސްދީފައިވެ އެެވެ.
- މިއީ ކ. ކާށިދޫ އަށް ކުރި ދަތުރުގައި އެ ރަށުގައި ފާހަގަކޮށްލެވޭ އާސާރީ ބިނާއެއް ކަމަށްވާ ކުރުހިންނަ ތަރާގަނޑު މިހާރު އޮތް ހާލަތާއި އެތަން ހިމާޔަތްކުރުމަށް ރޭވިފައިވާ ކަންތައްތައް ހިމަނައިގެން މުހައްމަދު ނަސީމް ގެނެސްދީފައިވާ ރިޕޯޓެކެވެ.
- މިއީ ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު ފަށާފައިވާ ހަނގުރާމައާ ގުޅިގެން ދުނިޔެ އަށާއި ރާއްޖެއަށް ކުރާނެ އަސަރުތައް ބަޔާންކޮށް އެ ހަނގުރާމަ ފެށެން މެދުވެރި ސަބަބުތަކާއެކު ފާތިމަތު ސާޔާ ގެނެސްދީފައިވާ ރިޕޯޓެކެވެ.
ދިރާސާތަކުން ކިޔާލުމަށް
"ދިވެހިބަހުގައި ލަފުޒު ތަކުރާރުކޮށްގެން ލަފުޒު އުފެދޭ ގޮތާއި އޭގެ ދައުރު"
މި ދިރާސާއަކީ، ލަފުޒު ތަކުރާރުކުރުމުގައި، "ފަށްފަށްކުރުމުގެ ކިއްސަރު" ގެ އުސޫލުން ދިވެހިބަހުގައި ލަފުޒު އުފެދިފައި ހުރި ގޮތްތައް ދެނެގަތުމާއެކު، އެ ލަފުޒުތައް ދިވެހިބަހުގައި އަދާކުރާ ދައުރުތައް ބެލުމުގެ މަގުސަދުގައި ގައުމީ ޔުނިވާސިޓީގެ ދިވެހި ބަހުގެ ޑިގްރީ ކޯހުގެ ދަރިވަރު އައިޝަތު ޒިދުނާ 2018 ވަނަ އަހަރު ކޮށްފައިވާ ދިރާސާއެކެވެ.











