20 ފެބުރުވަރީ 2022 - 14:50 2
ސާއިފް ޝިޔާދު
އެޓާނީ ޖެނެރަލް ރިފްއަތު. ހުޅުމާލެ ކޯޓަކީ ސިޔާސީ މަގްސަދެއްގައި އުފެއްދި ކޯޓެއް ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް
20 ފެބުރުވަރީ 2022 - 14:50 2
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުފައްދާފައި އޮތީ ގާނޫނާ އެއްގޮތަށް ކަމަށް ކުރީގެ ސުޕްރީމް ކޯޓުން ކުރިން ނިންމާފައި އޮތް ނިންމުން އެ ކޯޓުން ބަދަލު ނުކުރުމުން ،ގާނޫނު އިސްލާހުކޮށްގެން ނަމަވެސް އެ ކޯޓު އުވާލައްވާނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ކޯޓު އުފެއްދީ ރަނގަޅަށް ކަމަށް ކުރީގެ ސުޕްރީމް ކޯޓުން ކަނޑައެޅީ ޑިސެމްބަރު 5، 2012 ގަ އެވެ. އެ ނިންމުން އެންމެ މަތީ ކޯޓުން އަލުން މުރާޖައު ކުރުމަށް މިފަހުން ޖޭއެސްސީން އަލުން ހުށަހެޅި އެވެ. ނަމަވެސް މި ހިނގާ ފެބްރުއަރީ 8، ގައި ކޯޓުން ނިންމީ އެ މައްސަލަ ނުބެލުމަށެވެ.
އެކަމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި ރިފްއަތު ވިދާޅުވީ އެއީ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް އުފެއްދި ކޯޓެއް ކަމަށެވެ.
"ޤާނޫނާ ހިލާފު އެ ނިންމުން ނަގަހައްޓާފައިވަނީ 2012/SC-S/31 ޤަޒިއްޔާއިން. ގާނޫނުގައި ނެތް ކަމެއް ގާނޫނާ އެއްގޮތަށް ނުކުރެވޭނެ! ގާނޫނީ މިބޮޑު ފުށުއެރުން/ފާޅުކަން ބޮޑު ބޭއިންސާފު ރަނގަޅު ކުރުމަށް ގާނޫނު އިސްލާހު ކުރާނަން،" ރިފްއަތު ވިދާޅުވި އެވެ.
ކޯޓުތަކާ ބެހޭ ގާނޫނުގައި ބުނެފައި އޮތީ މާލޭގައި އުފައްދޭނީ ސުޕީރިއާ ކޯޯޓުތައް ކަމަށެވެ. އެ ގާނޫނުގައި ބުނެފައިވާ ގޮތުން މާލެ ނޫން ރަށްރަށުގައި އުފެއްދޭނީ މެޖިސްޓްރޭޓް ކޯޓެވެ. ގާނޫނުއަސާސީގައި މާލެ މާނަކޮށްފައި އޮތީ ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެންނެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި އޮތީ ސުޕްރީމް ކޯޓުން އެ މައްސަލަ މުރާޖައު ނުކުރުމަށް ނިންމި ނަމަވެސް، "ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމައްޓަކައި ކުރަންޖެހޭ މަސައްކަތްތައް މި ދަނީ ކުރަމުން" ކަމަށެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފައި އޮތީ މައްސަލަ މުރާޖައު ނުކުރުމަށް ސުޕްރީމް ކޯޓުން ނިންމީ "ގާނޫނީ ބޮޑު ފުށުއެރުމެއް އަދި ފާޅުކަން ބޮޑު ބޭއިންސާފެއް" ހުކުމުގައި ފެންނަން ނެތުމުން ކަމަށެވެ.
އޭގެ އިތުރުން، ހުޅުމާލެ ކޯޓުގެ ގާނޫނީ ހައިސިއްޔަތާމެދު 2012 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމަކީ ގާނޫނާ އަދި ހަގީގަތާ ހިލާފަށް ކުރި ހުކުމެއް ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ހަވާލާދެވުނު ނިޔާ ބިނާވެފައި ވަނީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް އަދި ހަގީގަތާ ވެސް ހިލާފު ކަންތައްތަކެއްގެ މައްޗަށް،" ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
Comment