ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތައިރޮޑް ސާޖަރީ ސިންގަޕޫރުގައި ދާދި ދެންމެ އަކު ކާމިޔާބުކަމާ އެކު ކޮށްފި އެވެ.
އެއާ އެކު އެމަނިކުފާނު ވަނީ ވެރިކަމުގެ މަސްއޫލިއްޔަތުތަކާ އަލުން ހަވާލުވެވަޑައިގެންފަ އެވެ. ރައީސް ސާޖަރީއެއް ކުރެއްވި ވަގުތު ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތައް ނެންގެވީ އެމަނިކުފާނުގެ ނާއިބް ފައިސަލް ނަސީމް އެވެ.
ރައީސް ޓްވީޓްކުރެއްވި ގޮތުގައި، މިހާރު އަންނަނީ ސާޖަރީއަށް ފަހު ސިއްހީ ހާލުކޮޅު ރަނގަޅު ވަމުން ކަމަށެވެ.
"އަލްހަމްދުﷲ. ސާޖަރީ ނިމިއްޖެ. އަޅުގަނޑުގެ ހާލު މިވަގުތު އަންނަނީ ރަނގަޅުވަމުން އަދި އަޅުގަނޑު މިހުރީ ގަދަކޮށް،"
ރައީސް ވަނީ އެމަނިކުފާނަށް ހެޔޮއެދުންތައް ފޮނުވައި ދުއާކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާ ފައިސަލް ހަވާލުވެވަޑައިގަތީ ހެނދުނު 6 ޖެހިއިރެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެރިކަމުގެ ބާރުތައް މިގޮތަށް ނައިބު ރައީސްގެ އަތްޕުޅަށް ބަދަލުވި ފުރަތަމަ ފަހަރެވެ.
ގާނޫނުއަސާސީގެ 123 ވަނަ މާއްދާގެ ހ. ގައި އޮތީ "ރައީސުލްޖުމްހޫރިއްޔާ އަށް އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން އުޒުރުވެރިވެއްޖެ ކަމަށް ގަބޫލުކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރާންވާނެ،" ކަމަށެވެ.
ފެބްރުއަރީ 23، އިން ފެށިގެން އެމަނިކުފާނު ހުންނެވީ ތައިރޮއިޑްގެ ފަރުވާއަކަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާތީ ސިންގަޕޫރުގަ އެވެ.
ސިންގަޕޫރުގައި ހޯއްދަވާ ފަރުވާއާ ގުޅޭ މައުލޫމާތު ރައީސް އޮފީހުން މީޑިއާ ހިއްސާއެއް ނުކުރެ އެވެ. އެ އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު މީގެކުރިން ވިދާޅުވީ, އެކަން ހާމަކުރެވެން ނެތް ކަމަށެވެ.
ރައީސް ވަނީ މި މަހު ކުރީކޮޅު ވެސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ. ދިހަ ދުވަހުގެ އެ ދަތުރުފުޅަކީ ވެސް ސިއްހީ ފަރުވާއަކަށް ކުރެއްވި ދަތުރުފުޅެއް ކަމަށް މައުލޫމާތު ލިބެ އެވެ.












