ތައިރޮއިޑްގެ ފަރުވާއަކަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާތީ, ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސިންގަޕޫރަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
މިއަދުގެ ވަގުތެއްގައި ފަރުވާއަށް ރައީސް, ސިންގަޕޫރަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު, އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތް ﷲގެ ވާގިފުޅާއެކު ފަރުވާގެ ކަންތައް ފުރިހަމަވެ، ލަސްނުވެ މަސައްކަތަށް އެނބުރި އާދެވޭނެ ކަމަށެވެ.
ނަމަވެސް, ރައީސްގެ ސިއްހީ ހާލުކޮޅާއި ސިންގަޕޫރުގައި ހޯއްދަވާ ފަރުވާއާ ގުޅޭ މައުލޫމާތު ރައީސް އޮފީހުން މީޑިއާ ހިއްސާއެއް ނުކުރެ އެވެ. އެ އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވީ, އެކަން ހާމަކުރެވެން ނެތް ކަމަށެވެ.
ރައީސްގެ އާއިލާ ބޭފުޅަކު މި ނޫހަށް ވިދާޅުވި ގޮތުގައި, އެމަނިކުފާނުގެ ފަރުވާއާ ގުޅޭ މައުލޫމާތު ކުރިއަށް އޮތް ތަނުގައި ފަރުވާ ކުރިއަށްދާ މިންވަރަކުން ހާމަކުރައްވަމުން ގެންދަވާނެ އެވެ.
ރައީސް ވަނީ މި މަހު ކުރީކޮޅު ވެސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ. ދިހަ ދުވަހުގެ އެ ދަތުރުފުޅަކީ ވެސް ސިއްހީ ފަރުވާއަކަށް ކުރެއްވި ދަތުރުފުޅެއް ކަމަށް މައުލޫމާތު ލިބެ އެވެ.














