ހުޅުމާލޭ ފޭސް ދެއަކުން ބިން ވިއްކުން ހުއްޓުވުމުގެ އަމުރެއް ހައިކޯޓުން ވެސް ނުދިން

ހުޅުމާލޭން ބިން ވިއްކުމަށް ބޭއްވި ބިޑް އޯޕަނިން: އެ ބިންތައް ވިއްކުމުގެ ވަގުތީ އަމުރު ނެރެނުދިން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ހުޅުމާލޭން ބިން ވިއްކުމަށް ބޭއްވި ބިޑް އޯޕަނިން: އެ ބިންތައް ވިއްކުމުގެ ވަގުތީ އަމުރު ނެރެނުދިން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ހުޅުމާލޭ ދެވަނަ ފިޔަވަހިން އާންމުންނަށް ވިޔަފާރި އުސޫލުން ވިއްކަން ހުޅުވާލި ބިންތަކުގެ ތެރެއިން ހަތަރު ބިމެއް ވިއްކުން ހުއްޓުވައިދިނުމަށް އެދި ހުށަހެޅި ވަގުތީ އަމުރު ނެރެނުދިނުމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއިދުކޮށްފި އެވެ.

ބިޑްކޮށްގެން އެޗްޑީސީން ވަނީ 60 ބިމެއް ވިއްކާލަން ނިންމާފަ އެވެ. އެ ބިންތަކަށް ހުށަހެޅި ބިޑްތައް ކަނޑައަޅައި, މިހާރު ވަނީ އެންމެ މަތިން އަގު ހުށަހެޅި ފަރާތްތައް ޝޯޓްލިސްޓް ވެސް ކޮށްފަ އެވެ.

އެކަމަކު, މި ބިންތައް ވިއްކާލުމަށް އެޗްޑީސީން މިދިޔަ ޑިސެމްބަރު މަހު އިއުލާންކުރީ މ. ސާނިޔާ، ޒުލްފީނާ ރަޝީދުގެ ފަރާތުން އެޗްޑީސީއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާއެއް ކޮށްފައިވަނިކޮށެވެ.

ޒުލްފީނާއަކީ, ހުޅުމާލޭ ދެވަނަ ފިޔަވަހިން 2017 ވަނަ އަހަރު އެޗްޑީސީން ބިން ވިއްކަން ހުޅުވާލުމުން ބިޑް ހުށަހަޅައި, ޝޯޓްލިސްޓްވި ފަރާތެކެވެ. އޭނާ ޝޯޓްލިސްޓްވި ނަމަވެސް, ބިން ގަންނަން ނުލިބެ އެވެ. އޭރު އެޗްޑީސީން އިއުލާންގައި ކަނޑައެޅި 40 ބިމުގެ ތެރެއިން ހަތަރު ބިމެއް ނުވިއްކާ މަޑުޖައްސާލި އެވެ.

އެހެންވެ, ޒުލްފީނާ ރަޝީދު ސިވިލް ކޯޓުގައި ދައުވާކުރީ ނުވިއްކާ ހުރި ބިންތައް ވިއްކުމުގެ އަމުރެއް އެޗްޑީސީގެ މައްޗަށް ނެރެ, އެ ކުންފުނިން ނެރުނު އިއުލާންއާ އެއްގޮތަށް އަމަލުކުރުމަށް އެންގުމަށެވެ.

އެކަމަކު, އެ މައްސަލަ ސިވިލް ކޯޓުގައި އޮއްވައި އަލުން ބިން ހިއްކަން އެޗްޑީސީން ހުޅުވާލިއިރު ނުވިއްކާ މަޑުޖައްސާލި ބިންތައް ވެސް އާ އިއުލާންގައި ހިމެނި އެވެ. އެހެންވެ, އެކަން ހުއްޓުވުމަށް ޒުލްފީނާގެ ފަރާތުން ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދުނެވެ. ނަމަވެސް, އެ ކޯޓުން ނިންމީ އެ އަމުރު ނެރެދޭން ޖެހޭ ތަނެއް ނެތް ކަމަށެވެ.

އެހެންވެ, އޭނާގެ ފަރާތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ.

ހައިކޯޓުގައި އެޗްޑީސީން ބުނީ ޒުލްފީނާ ދައުވާކުރާ ބިންތަކަށް ބިޑްކޮށް ޝޯޓްލިސްޓްކޮށްފައިވާއިރު, މިހާރު ތިންވަނަ ފަރާތްތަކުގެ ހައްގު އެ ބިންތަކަށް އުފަންވެފައިވާ ކަމަށެވެ. އަދި އެޗްޑީސީން ވަކި ޕްލޭނެއްގެ ދަށުން އެ ބިންތައް ބޭނުންކުރުމަށް ހުޅުވާލާ ބިޑިން ޕްރޮސެސް މިހާރު ގޮސްފައިވާ ހިސާބުން ހަތަރު ބިން އެ ޕްލޭނުން އުނިކޮށްފިނަމަ އެޗްޑީސީ އަދި ބިޑަށް ކުރިމަތިލީ ފަރާތުގެ ހައްގުތަކަށް އުނިކަމެއް ލިބިދާނެ ކަމަށެވެ.

"...މިހިނދުގައި ވަގުތީ އަމުރެއް ނެރެފިނަމަ އިސްތިއުނާފު ރައްދުވާ ފަރާތަށާއި ބިޑަށް ކުރިމަތިލީ މީހުންނަށް ލިބޭ ގެއްލުން ބޮޑު ވާނެ, އަދި ދަށު ކޯޓުން އިސްތިއުނާފު ކުރާ ފަރާތަށް ބިން ގަތުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އަމުރުކޮށްފިނަމަ، ސީދާ އެބިން ނުދެވުނު ނަމަވެސް އެފަދަ ބިމެއް ނުވަތަ ގެއްލުމުގެ ބަދަލު ދިނުމަށް ހުރަހެއް ނެތް," އެޗްޑީސީން ފާހަގަކޮށްފައިވެ އެވެ.

ހައިކޯޓުން ވެސް އެކަމަށް ތާއިދުކޮށް މިއަދު އިއްވި ހުކުމްގައި ބުނީ, މައްސަލާގައި ވަގުތީ އަމުރު ނެރުމުގައި އެޗްޑީސީގެ ހައްގުގެ އިތުރަށް ތިންވަނަ ފަރާތްތަކުގެ ހައްގުތައް ހިމެނޭ ކަމަށް ބެލެވޭތީ ވަގުތީ އަމުރު ނެރެފިނަމަ އެޗްޑީސީއަށް ލިބޭ ގެއްލުމަށް ވުރެ އަމުރު ނުނެރުމުން ޒުލްފީނާއަށް ލިބޭ ގެއްލުން ކުޑަކަމުގައި ބެލެވޭ ކަމަށެވެ.

"...އެހެންކަމުން، މައްސަލަ ހުށަހެޅުމުގައި ކަން ހިނގާފައިވާ ގޮތަށާއި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް މިހިނދުގައި މި އަމުރު ނެރުން މުހިއްމު ކަމުގައި ނުދެކެމެވެ." ހައިކޯޓުގެ ހުކުމްގައިވެ އެވެ.

ނަމަވެސް, ސިވިލް ކޯޓުން އަމުރު ނެރެދިނުމުގައި ހިމާޔަތްކުރަންޖެހޭ މައުލޫއީ ހައްގެއް މި މައްސަލާގައި ނެތް ކަމަށް ކަނޑައަޅާފައިވަނީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމި އެވެ. އެގޮތުން, މައްސަލަ އުފަންވިތާ ގިނަ ދުވަސްތަކެއް ފަހުން ކޯޓަށް ޒުލްފީނާގެ މައްސަލަ ހުށަހަޅައި, އަދި ވަގުތީ އަމުރަށް އެއަށްވުރެ ލަހުން ހުށަހެޅުމުން ސިވިލް ކޯޓުން ނިންމާފައި އޮތީ, ވަގުތީ އަމުރަކަށް އެދުމުގެ ހައްގެއް ނެތް ކަމަށެވެ.

އެކަމަކު, ހައިކޯޓުން ބުނީ މައްސަލަ ހުށަހެޅުމުގައި ނުވަތަ ވަގުތީ އަމުރަށް އެދުމުގައި ލަސްވުމަކީ މައުލޫއީ ހައްގު ގެއްލިދާނެކަމުގެ ބިރު އޮތުމުގެ ފުރުސަތު ކުޑަވާނެ ކަމެއް ކަމަށެވެ. މައްސަލަ ހުށަހެޅުމަކާ ނުލައި ނުވަތަ ވަގުތީ އަމުރަކާ ނުލައި ގިނަ ދުވަސް ހޭދަވެފައިވުމަކީ އަމުރު ނެރެން ޖެހުމުގެ އިހްތިމާލު ކުޑަވާ ކަމެއްކަމުގައިވާތީ އެކަށީގެންވާ ސަބަބަކާ ނުލައި އެކަށީގެންނުވާ ދިގު މުއްދަތަކަށް ހައްގު މަތީގައި ނިދާފައިވާ ފަރާތަކަށް ވަގުތީ އަމުރެއްގެ އެހީގައި ފަރުވާދިނުމުގައި އެ އަމުރު ރައްދުވާ ފަރާތުގެ ހައްގުތަކަށް ވެސް ރިއާޔަތްކޮށް ކޯޓުތަކުން ފަރުވާތެރިވުން މުހިއްމު ކަމަށެވެ.

މި މައްސަލައިގައި، އިސްތިއުނާފު ކުރާ ފަރާތަށް 2017 ވަނަ އަހަރު ބިޑު ކާމިޔާބުވެ، އެފަރާތަށް ބިން ގަތުމުގެ ފުރުސަތު ނުލިބޭކަން ފެބްރުއަރީ 2017 ގައި އެނގެން އޮވެ އެވެ. އެހެންކަމުން އެ ހައްގު ހޯދުމަށް އެފަރާތުން ކޯޓަށް މައްސަލަ ހުށަހެޅީ 2021 ވަނަ އަހަރުގައި ކަމަށް ވުމުން މައްސަލަ ހުށަހެޅުމުގައި ލަސްތަކެއްވެފައިވާކަން ގަބޫލު ކުރެވޭ ކަމަށް ހައިކޯޓުން ބުންޏެވެ.

ލަސްވި ސަބަބުކަމުގައި ޒުލްފީނާ ބުނެފައިވަނީ ބިން ބާކީ ހުރިކަން އެފަރާތަށް ނޭނގުމާއި އަދި އެކަން އެނގުމުން އެ ބާކީ ހުރި ބިންތަކަކީ އާންމު ބޭނުމަށްޓަކައި ނުވިއްކާ ބެހެއްޓުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ނިންމާފައިވާ ބިންތަކެއް ކަމަށް އެޗްޑީސީން ބުނެފައިވާތީ ކަމަށެވެ. އަދި މައްސަލަ ހުށަހެޅި ފަހުން، ވަގުތީ އަމުރަށް އެދުމުގެ ކުރިން، ނުވިއްކި ހުރި ބިންތަކުގެ ތެރެއިން ބައެއް ބިންތައް އެޗްޑީސީން ވިއްކާފައިވަނީ އިއުލާންކުރުމަކާ ނުލައި ކަމުގައިވާތީ ބިން ވިއްކުމުގެ ފުރުސަތު އޮތްކަން އެ ފަރާތަށް ނޭނގޭ ކަމަށެވެ. އަދި ބިން ވިއްކާކަން އާންމު އިއުލާނަކުން އެޗްޑީސީން އިއުލާނުކުރިކަން އެނގުމުން ވަގުތީ އަމުރަކަށް އެދިފައިވާނެ ޒުލްފީނާ އެދުނެވެ.

ހައިކޯޓުގެ ހުކުމްގައި ބުނީ ކޯޓަށް މައްސަލަ ހުށަހެޅުމުގައި ލަސްތަކެއް ވެފައިވީނަމަވެސް، މައްސަލައިގައި ހިމާޔަތްކުރަންޖެހޭ މައުލޫއާ ގުޅޭ ސަބްޖެކްޓް މެޓާއަށް ހަގީގީ ބިރެއް އޮތްކަން ޒުލްފީނާ އެނގިގެން ދިޔައީ މައްސަލަ ކޯޓުގައި ހިނގަމުންދަނިކޮށް ކަމާއި އަދި އެކަން އެނގުނު އިރުން ފެށިގެން އެކަށީގެންވާ ލަސްތަކެއް ނުވެ ވަގުތީ އަމުރަކަށް އެދިފައިވާކަން އެނގެން އޮތުމުން މައްސަލަ ހުށަހެޅި ހުށަހެޅުމުގައި ވެފައިވާ ލަހަކީ ވަގުތީ އަމުރުން ހިމާޔަތްކުރަންޖެހޭ މައުލޫއީ ހައްގު މި މައްސަލައިގައި ނެތިދާ ފަދަ ކަމެއް ކަމުގައި ނުދެކޭ ކަމަށެވެ.

"...އެހެންކަމުން ވަގުތީ އަމުރު ނެރުމުގައި ހިމާޔަތްކުރަންޖެހޭ މައުލޫއީ ހައްގެއް ނެތް ކަމަށް ދަށު ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމުގައި ނުދެކެމެވެ." ހައިކޯޓުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox