މިދިޔަ މަހުގެ 6 ވަނަ ދުވަހު ޔޫރަޕުގެ ދެ ގައުމެއްގެ އިދާރާއަކާއި އެމެރިކާގެ އެފްބީއައިއާ ގުޅިގެން ދިވެހި ފުލުހުން ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު (އައިސިސް ހޫދު) ވަނީ ޔޫރަޕުގެ ބައެއް ގައުމުތަކުގެ އިސްވެރިންގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާ ދިނުމަށް ގޮވާލައި އެފަދަ ކަންކަން ކުރުމަށް ހިތްވަރު ދީފައިކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ހައްޔަރުކުރި އުމުރުން 30 އަހަރުގެ ޒުވާނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެކަމަކު އެއީ ހޫދުކަން "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ. މި ނޫހަށް ޔަގީންވެފައިވާ ގޮތުގައި ހޫދަކީ، ވިލިމާލޭގައި އުމުރުން އެންމެ 14 އަހަރުގެ ކުޑަކުއްޖަކު ގޭންގް ރޭޕް ކުރި މައްސަލައެއްގައި ހައްޔަރު ކުރި ހަ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ވެސް ކުރި އެވެ. ނަމަވެސް ކުށް ސާބިތެއް ނުވި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށް ޑިޖިޓަލް އެވިޑެންސްތަކެއް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ނަންނަމުގައި އެކައުންޓްތައް ހަދައިގެން، އައިއެސް އަށް ތާއީދުކޮށް އެ ޖަމާއަތުގެ ޕްރޮޕެގެންޑާ ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުން ކަމަށެވެ.
އެގޮތުން ޓެލެގްރާމް އަދި އެ ނޫން ވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިން ޕްލެޓްފޯމްތަކުގައި "ސްކާމިޝް"، "ސްކާމިޝްކިޑް" އާއި އެހެނިހެން އެކި ނަންނަމުގައި އެކައުންޓްތައް ހަދައި، ސޯޝަލް މީޑިއާގެ ގްރޫޕްތަކުގައި އައިއެސް އަށް ތާއީދުކޮށް އެކި ގައުމުތަކުގައި ހަރަކާތްތެރިވާ އެ ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކަށް އެ ޖަމާއަތުގެ ލިޔެކިޔުންތައް މީނާ ދައުރު ކުރަމުން ގޮސްފައިވާ ކަމަށް ބުނެފައިވެ އެވެ.

"މިގޮތުން މީނާ ދައުރުކުރާ ފޮޓޯތަކާއި ވީޑިއޯތަކާއި، ލިޔުންތައް ހުންނަނީ އެކި ގައުމުތަކަށް އަމާޒުކޮށް، އެ ގައުމުތަކުގައި ބޭނުންކުރާ ބަސްބަހަށް ތަރުޖަމާކޮށްފައިކަން މިހާތަނަށް ފާހަގަކުރެވިފައިވެ އެވެ."
އިތުރަށް ބެލިއިރު މި ގްރޫޕްތައް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލުތައް ރާވައި ހިންގުމަށް ގޮވާލައި އެކަމަށް ހިތްވަރުދީ ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެ ކަމުގެ ބިރުދައްކައި އިންޒާރުދެމުން ގޮސްފައިވާކަން ފާހަގަކުރެވިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
"މިގޮތުން މީނާ ސޯޝަލް މީޑިއާގައި ފަތުރައި، ޝާއިއުކޮށްފައިވާ ބައެއް ކޮންޓެންޓްތަކަށް ބަލާއިރު ޔޫރަޕުގެ ބައެއް ގައުމުތަކުގެ އިސްވެރިންގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާ ދިނުމަށް ގޮވާލައި، އެފަދަ ކަންކަންކުރުމަށް ހިތްވަރު ދެމުން ގޮސްފައިވާކަން ފާހަގަކުރެވިފައިވެ އެވެ. އަދި ޔޫރަޕުގެ އެކި ގައުމުތަކުގައި، އެ ގައުމުތަކުގެ ރައްޔިތުންނަށާއި އެ ގައުމުގެ އެކި ތަންތަނަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް، ގޮވާލައި، އެކަމަށް ހިތްވަރު ދެމުން ދިޔަކަން ވެސް ފާހަގަކުރެވިފައިވެ އެވެ."
ހޫދަކީ ކުރިން މާލޭގައި ޕިކަޕު ދުއްވަން އުޅުނު މީހެކެވެ. ނަމަވެސް އޭނާ ފަހުން ޕިކަޕު ދުއްވުން ހުއްޓާލައި މަސައްކަތެއްނުކޮށް ހުރީ ކަމަށް، އޭނާ ދަންނަ މީހުން މި ނޫހަށް ކިޔައިދިނެވެ.
އޭނާ އަތުލައިގަތުމުގެ އޮޕަރޭޝަނުގައި އެފްބީއައިގެ އިތުރުން އިޓަލީ ފުލުހުން ވެސް ބައިވެރިވި އެވެ. އަދި ޔޫރަޕުގެ އެހެން ގައުމެއްގެ ފުލުހުން ވެސް އެކަމުގައި އުޅުނެވެ.












