މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް އިން އެ ޔޫނިއަންގެ މެމްބަރުންނަށް ހާއްސަކޮށްގެން އިންޝޫރެންސް ޕޮލިސީއެއް ތައާރަފްކޮށްފި އެވެ.
"ދިވެހި އާޓްސް އެންޑް އެންޓަޓެއިންމްޓް އިންޝުއަރެންސް" ގެ ނަމުގައި އެ ޔޫނިއަނުން މި ޕޮލިސީ ތައާރަފްކުރީ ދިވެހި އިންޝޫރެންސް ކުންފުންޏާ ގުޅިގެންނެވެ.
އަލަށް ތައާރަފްކުރި މި ޕޮލިސީގެ ދަށުން މިއުޒިކް ކުޅޭ ސާމާނާއި ފޮޓޯ އަދި ވިޑިއޯގްރަފީ އަށް ބޭނުންކުރާ ސާމާނަށް ލިބޭ ގެއްލުން ކަވަރުކުރާނެ އެވެ. އޭގެ ތެރޭގައި، ގުދުރަތީގޮތުން ލިބޭ ގެއްލުމާއި، ވަގަށް ނެގުމުން ލިބޭގެއްލުމާއި، އަލިފާނުގެ ސަބަބުން ލިބޭ ގެއްލުމުގެ އިތުރުން އެފަދަ ތަކެތި އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި ލިބޭ ގެއްލުން ހިމެނޭނެ އެވެ.
އޭގެ އިތުރުން، އެ ޔޫނިއަންގެ މެމްބަރުންނަށް އެކްސިޑެންޓުން ލިބޭ ގެއްލުމާއި ނިޔާވުމާއި ގުޅިގެން ލިބޭ ކަވަރޭޖު ވެސް ހިމެނޭނެ އެވެ. ހަމައެހެންމެ، ތިންވަނަ ފަރާތެއްގެ އިހުމާލުން ލިބޭ ގެއްލުންތައް ވެސް މި ޕޮލިސީގެ ދަށުން ކަވަރު ކުރާނެ އެވެ.
މިއީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަންނުވެރިންނަށް އަމާޒުކޮށް މިފަދަ އިންޝޫރެންސް ޕޮލިސީއެއް ރާއްޖޭގައި ތައާރަފްކުރި ފުރަތަމަ ފަހަރެވެ. އެ ޔޫނިއަންގެ ޕްރީމިއަމް އެޑްއޮން މެމްބަރުންނަށް މި ޕޮލިސީގެ ބޭނުންކުރެވޭނެ އެވެ.

"ޔޫނިއަންގެ މެމްބަރުން ނޫން ފްރީލާންސްކޮށް މަސައްކަތްކުރާ ފަންނުވެރިންވެސް މިޕޮލިސީގެ ޙިދުމަތް ހޯދުމަށް ބޭނުންފުޅުވާނަމަ ޔޫނިއަންގައި ރެޖިސްޓަރ ކުރެއްވުމުން މި ޕޮލިސީ ބައްލަވައި ގަނެވޭނެ،" އެ ޔޫނިއަނުން ނެރުނު ބަޔާނުގައި ބުންޏެވެ.
މިއުޒިޝަންސް ޔޫނިއަންއަކީ މިއުޒިކް އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ ފަންނުވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމްއިއްޔާއެކެވެ. މިއުޒިޝަނުންނަށް ހުންނަ ފުރުސަތުތަކާއި އެމީހުންގެ އާމްދަނީ އިތުރުކުރުމަކީ އެ ޔޫނިއަންގެ އެންމެ ބޮޑު އެއް އަމާޒެވެ. އަދި، އެ ޔޫނިއަންގެ މެމްބަރުންނަށް ހިލޭ ގާނޫނީ އެހީތެރކަން ވެސް ފޯރުކޮށްދެ އެވެ.














