މުޖްތަމައުގެ ސަލާމަތަށް ނުރައްކާވާފަދަ ތުހުމަތެއް ކުރެވޭ މީހެއްގެ މައްޗަށް ފުލުހުން ތަހުގީގު ހިންގާ، ހެކި ހޯދުމަށް އެދި އަމުރަކަށް އެދިއްޖެ ހާލަތުގައި، އެ އިދާރާއަށް ލާޒިމްކޮށްފައިވާ ގާނޫނީ ޒިންމާއަށް ހުރަސް އެޅޭނެ ފަދަ ގޮތަކަށް ގާނޫނުތައް މާނަ ނުކުރަން ހައިކޯޓުން އަންގައިފި އެވެ.
ޓެރަރިޒަމްގެ ތުހުމަތުވާ މ. ދެލްވަތްތަ، ހޫދު މުހައްމަދު ޒާހިރު ސޯޝަލް މީޑިއާ ދީނީ ހަރުކަށި ފިކުރު ފުޅާ ދާއިރާއެއްގައި ފެތުރުމަށްފަހު، ޓެރެރިޒަމްގެ އަމަލެއް، ރާވާ، ހިންގަފާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ތުހުމަތުކުރެވޭތީ، ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނީ އޭނާ ބޭނުންކުރާ ކަމަށް ބެލެވޭ ހުރިހާ ނަމްބަރަކުން ކޮށްފައިވާ މުއާމަލާތްތަކުގެ ތަފްސީލު ހޯދުމުގެ އަމުރެއް ކޮމިޔުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގެ މައްޗަށް ނެރެދިނުމަށެވެ.
ނަމަވެސް, ވަކި މައުލޫމާތެއް ފުލުހުންނަށް ދިނުމަށް އެދި ސަރުކާރުގެ އެހެން އިދާރާއެއްގެ މައްޗަށް އަމުރު ނުނެރެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވެއެވެ. އެ އަމުރު ނެރުނީ ފުލުހުންނަށް އެ ގާނޫނީ ބާރުވެރިކަން ނުލިބޭ ކަމަށް ކަނޑައެޅުމަށްފަހު އެވެ.
އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ކަނޑައެޅުއްވީ ހާއްސަކޮށް މުޖްތަމައުގެ ސަލާމަތަށް ނުރައްކާވާފަދަ ހައްސާސީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތުގެ ޒާތީ މައުލޫމާތު ފުލުހަށް ހާމަކުރުމުގެ އަމުރެއް ނެރެރިދުމަށް އެދެވޭނެ ކަމަށާއި، އެކަމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.
"...ކޭމްއިން ފުލުހުން ހޯދަން އެދޭ މައުލޫމާތު ހޯދުމާ މެދު އެ މައުލޫމާތުގެ ވެރިފަރާތުން، ބުނާ އެއްޗެއް ލިޔުމުން ރިކޯޑްކޮށް، އެ މައުލޫމާތު ދޫކުރުމަށް އެފަރާތުން އިންކާރު ކުރާނަމަ، އެ މައުލޫމާތު ފުލުހުންނަށް ދިނުމަށް ކޭމްގެ މައްޗަށް އަމުރެއް ކޮށްދިނުމަށް އެދި ދަށު ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވިދާނެ،" އެފަދަ އަމުރެއް ފުލުހުންގެ އެދިގެން ނުނެރެވޭނެ ކަމަށް ބުނެ ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކުރުމަށްފަހު، ހައިކޯޓުން މިއަދު ނެރުނު އަމުރުގައި ވެއެވެ.

ނަމަވެސް ހޫދު ބޭނުންކުރި ކަމަށް ބުނާ ހަ ނަމްބަރެއްގެ ހުރިހާ ފޯނު ކޯލުތަކާއި، އެ ހުރިހާ ކޯލުތަކެއްގެ ރިކޯޑިންގެ އިތުރުން، ހުރިހާ ޓެކްސްޓް މެސެޖެއްގެ ތަފްސީލު ހާމަނުކުރެވޭނެ ކަމަށް ހައިކޯޓުން ވެސް ދެކެ އެވެ. އަދި ފުލުހުނަށް ދޫކުރެވޭނީ މައްސަލައާ ސީދާ ގުޅިފައިވާ މައުލޫމާތުތައް އެކަނި ކަމަށް އެ ކޯޓުގެ ނިންމުމުގައި ވެއެވެ.
"[އެގޮތުގެ މަތީން] ދަށު ކޯޓުން މި އަމުރު ދޫކުރުމާ މެދު ފުލުހުން ހުށަހަޅާ މައްސަލައިގެ މެރިޓަށް [ހައްސާސީ މިންގަނޑަށް] ބަލައި ގޮތެއް ކަނޑައަޅަން ޖެހޭ،" ފަނޑިޔާރު އަބްދުއްރައޫފާއި، ހުސައިން މަޖީދުގެ ތާއީދާ އެކު ކުރެއްވި އެ ހުކުމުގައި ވެއެވެ.
ފުލުހުން އެފަދަ އަމުރަކަށް އެދިއްޖެ ނަމަ ފަނޑިޔާރުން މިނެކިރަން ޖެހޭނީ ޒާތީ ހައްގު ރައްކާތެރިކުރުމުގެ ހައްގާއި، އެމީހެއްގެ ފަރާތުން މުޖްތައުމައުއަށް ހުރި ނުރައްކަލުގެ މިންވަރަކަށް ކަމަށް ހައިކޯޓުން ފާހަގަކުރި އެވެ.













