އުރީދޫ ދިވެހި ޕްރިމިއާ ލީގު: ކޯނޭގެ ގޯލުން ޗެމްޕިއަން މާޒިޔާ މޮޅަކާ އެކު ލީގު ފަށައިފި

ލަނޑު ޖެހުމަށް ފަހު ކޯނޭ އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ލަނޑު ޖެހުމަށް ފަހު ކޯނޭ އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި 1-0 އިން ސުޕް ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މޮޅަކާ އެކު ލީގު ފަށައިފި އެވެ.

މިއީ ޕްރެޒިޑެންޓްސް ކަޕަށް ފަހު މާޒިޔާގެ ކޯޗު ކަމުން މުހައްމަދު ޝިޔާޒް (މޯހަން) ވަކިކޮށް، މަގާމަށް ޔޫރަޕާއި އޭޝިއާ އަދި އެފްރިކާގެގެ މަތީ ފަންތީގައި މަސައްކަތް ކޮށްފައިވާ ކޯޗު ސާބިއާގެ މަޔޮޑްރަގް ޖެސިކް އެވެ. މި މެޗަކީ ޖެސިކް ހަވާލުވި ފަހުން މާޒިޔާ އިން ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ.

ސަސް އަތުން މާޒިޔާ މޮޅުވެ ތިން ޕޮއިންޓް ހޯދުމާ އެކު އެ ޓީމު އޮތީ ތާވަލްގެ ދެވަނައިގަ އެވެ. އެއް ވަނައިގައި އޮތީ ރޭ ޔޫވީ އަތުން 2-1 އިން މޮޅުވި ވެލެންސިއާ އެވެ. ވެލެންސިއާ އަށް ކުރި ލިބެނީ ޖެހި ގޯލު ގިނަ ވުމުންނެވެ.

Advertisement

ސަސް މެޗަށް މާޒިޔާ އިން ފުރަތަމަ އެގާރައިގައި އެ ޓީމަށް އެންމެ ފަހުން ސޮއިކުރި ސްޕެއިންގެ މިޑްފިލްޑަރު ޓަނާ ހިމަނާފަ އެއް ނުވެ އެވެ. ޓަނާ ބެންޗުން ފެށިއިރު، ކެޕްޓަން އަސަދުﷲ އަބްދުﷲއަށް ކޯޗު ޖެސިކް ވަނީ އެގާރައިން ފުރުސަތު ދީފަ އެވެ.

މެޗުގެ ފުރަތަމަ 25 މިނެޓަށް ބަލާއިރު، ދެ ޓީމަށް ވެސް މާ ރަނގަޅު ފުރުސަތެއް ތަނަވަސް ނުކުރެވުނެވެ. މާޒިޔާ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު ސަސް ފެނުނީ ޑިފެންސަށް އިސްކަންދީގެން ކުޅުނުތަނެވެ.

މާޒިޔާ އަށް ލީޑް ނަގައިދޭން އިބްރާހިމް އައިސަމް އަށް މެޗުގެ 30 ވަނަ މިނެޓުގައި ފުރުސަތެއް ލިބުނެވެ. މިއަދު އުފަން ދުވަސް ފާހަގަކުރާ ހަމްޒާ މުހައްމަދު (ހަމްޕު) ކައިރީގައި ހުރި ދެ ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާ ތެރެއަށް ވަދެ ނަގައިދިން ހުރަސް އައިސަމް ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑިމަތިން ބޭރުންނެވެ.

އައިސަމް އަށް ލިބުނު ފުރުސަތަށް ފަހު ސަސް އިން އެ ޓީމުގެ ފުރަތަމަ ހަމަލާއުފެއްދި އެވެ. މުހައްމަދު ސަހާއު (ބޭލް) އޭރިއާ ބޭރުން ކައިރީގައި ހުރި ހަސަން ޝިފާޒް (ޑުންގާ) ކައިރިން ނައްޓާފައި ފޮނުވާލި ބޯޅަ ދިޔައީ ދަނޑިމަތިން ބޭރަށެވެ.

މާޒިޔާގެ އައިސަމް (ވ) އަށް ލިބުމުގެ ކުރިން ކީޕަރު ޝަފީއު ބޯޅަ ހިފަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޭގެ ދެ މިނެޓު ފަހުން އޭރިއާ ބޭރުން ހަމްޕު ފޮނުވާލި ބޯޅަ ބާރެއް ނެތި ދިޔައީ ސަސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް)އާ ދިމާލަށެވެ. މާޒިޔާ އިން މެޗުގެ 37 ވަނަ މިނިޓްގައި ލިބުނު ދެ ކޯނަރަކުން ނުރައްކާ ކުރިއެވެ. މުހައްމަދު އުމެއިރު ނެގި ފުރަތަމަ ކޯނަރުން ސާބިއާގެ ޑިފެންޑަރު ނަމަންޔާ ކާޓަލް ފޮނުވާލި ބޯޅަ ސަސްގެ ޑިފެންޑަރު ރިލްވާން ނައީމް ވަނީ ގޯލް ރޮނގުމަތިން ދިފާއުކޮށްފަ އެވެ. އޭގެ ފަހުން އުމެއިރު ނެގި ކޯނަރު ކާޓަލް ހުސްކޮށް ހުރެ ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ގާތްގާތުގައި މާޒިޔާއިން ފުރުސަތުތައް ތަނަވަސްކުރި އެވެ. ކޯނޭ އޭރިއާ ތެރެއަށް ވަދެ ތިރި ތިރިން ނެގި ބާރު ބޯޅަ ހުރަސްވެގެންދިޔައީ ޖަހާނެ ކުޅުންތެރިއަކު ނެތިއެވެ.

އެންމެ ރަނގަޅު ފުރުސަތެއް މި ހާފުގައި ގޯލެއް ޖަހަން ލިބުނީ މާޒިޔާގެ މިޑްފިލްޑަރު އައިސަމް އަށެވެ. އަހުމަދު އަބްދުﷲ (ލިލީ) ނަގައިދިން ހުރަސް އައިސަމް ހުސްކޮށް އަރައި ބޮލުން ފޮނުވާލުމުން ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

ދެ ވަނަ ހާފުގެ ކުޅުން މާޒިޔާ އިން ފެށީ ކެޕްޓަން އަސަދުﷲގެ ބަދަލުގައި ޓަނާ ކުޅެން އަރުވައިގެންނެވެ. ފުރަތަމަ ހާފެކޭ އެއްގޮތަށް މިހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މާޒިޔާ އިން ގިނަ ހަމަލާތަކެއް އުފެއްދި އެވެ.

މިހާފުގެ ކުރީކޮޅު ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް މާޒިޔާގެ އައިސަމް އަށް ލިބުނެވެ. ސަސްގެ އަބްދުﷲ ހަނީފް (ބެންޖޯ) ކައިރިން ނައްޓާފައި ކޯނޭ ނަގައިދިން ހުރަހަކުން އޭރިއާތެރޭގައި ހުސްކޮށް ހުރެ އައިސަމް ބޮލުން ފޮނުވާލުމުން ގޯލާ އަމާޒުނުވެ ބޯޅަ ދިޔައީ ބޭރަށެވެ.

މާޒިޔާ މެޗުން މޮޅުވި ގޯލު ކޯނޭ ޖެހީ މެޗުގެ 78 ވަނަ މިނިޓްގަ އެވެ. މާޒިޔާގެ މެދުތެރެއިން ހަމްޕު އަށް ލިބުނު ބޯޅަ މަތިން ފޮނުވާލިއިރު، ކޯނޭ ވަނީ ރަނގަޅު ވަގުތުގައި ގޮސް ސަސްގެ ކީޕަރު ޝާފީއު އަށް ފުރުސަތެއް ނުދީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

މާޒިޔާގެ ގޯލަށް ފަހު އެ ޓީމުގެ ލީޑުފުޅާކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ހަމްޕު އަށެވެ. އޭރިއާ ތެރެއިން ހަމްޕު ފޮނުވާލި ބޯޅަ ދިފާއުކުރީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ކީޕަރު ޝަފީއު އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗުގައި ކްލަބު އީގަލްސް ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ. ޓީސީން ވަނީ މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގާއި ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި އީގަލްސް ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox