ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ ގައުމީ ލެވެލްގެ ފުރަތަމަ ބާސްކެޓްބޯޅަ މުބާރާތްކަމަށްވާ ގައުމީ ބާސްކެޓްބޯޅަ ލީގާ އެކު މިއަހަރުގެ ބާސްކެޓްބޯޅަ ސީޒަން ފަށަން ތައްޔާރުވެއްޖެ ފަށާނެ އެވެ.
ގައުމީ ބާސްކެޓްބޯޅަ ލީގު އެންމެ ފަހުން ބާއްވާފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އެ އަހަރު ގައުމީ މުބާރާތުގެ ކުޅުން ކުރިއަށްދިޔައީ 21-27 ފެބްރުއަރީ އަށެވެ. މި ދެ މުބާާރާތަށްފަހު 2020 އާއި 2021 ގައި ގައުމީ ފެންވަރުގެ މުބާރާތެއް ބޭއްވޭ ގޮތެއް ނުވި އެވެ. ސަބަބަކީ ކޮވިޑް-19އާ ގުޅިގެން ޒުވާނުންގެ މަރުކަޒު ފްލޫ ކްލިނިކެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ވެކްސިން ދިނުމުގެ މައި ހަބެއްގެ ގޮތުގައި މި އަހަރާ ހަމައަށް ބޭނުން ކުރުމެވެ.
ދެ އަހަރަށް ފަހު މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އިން މިހާރު ތައްޔާރުވަމުން އަންނަނީ 15 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގާ އެކު ބާސްކެޓްބޯޅަ ސީޒަން ފަށާށެވެ. އޭގެ ފަހުން ލީގުގެ ގަދަ ހަތަރު ޓީމު ވާދަކުރާ 39 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ކުޅުން ވެސް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ބާސްކެޓް ލީގު ފަށާނީ މާދަމާރޭ ވައިކިންސް ބާސްކެޓް ބޯޅް ކްލަބާއި ވުލްވްސް ބާސްކެޓްބޯލް ކްލަބް ކުޅޭ މެޗުންނެވެ.
ގައުމީ ބާސްކެޓްބޯޅަ ލީގުގައި ދެ ޑިވިޝަނެއްގައި މިފަހަރު 21 ޓީމެއް ވާދަކުރާނެ އެވެ. ފުރަތަމަ ޑިވިޝަންގެ ފިރިހެން ބައިގައި ހަ ޓީމު ވާދަކުރާއިރު، އަންހެންބައިގައި ވެސް މި ފަހަރު ހަ ޓީމް ވާދަކުރާނެ އެވެ.
އެންމެ ގިނަ ޓީމް ވާދަކުރަނީ ދެ ވަނަ ޑިވިޝަންގަ އެވެ. ދެ ވަނަ ޑިވިޝަންގައި ވާދަކުރާ ނުވަ ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. ލީގުގެ ދެ ވަނަ ޑިވިޝަންގެ ދެ ވަނަ ބުރުގައި ވާދަކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް ގަދަ ތިން ޓީމެވެ.
ދެ ވަނަ ޑިވިޝަނުގެ ފިރިހެން ބައިގެ، ގްރޫޕް އޭގައި އޮތީ ވައިކިންސް ބާސްކެޓްބޯލް ކްލަބް، ރޯޔަލް ބާސްކެޓްބޯލް ކްލަބް، ނައިޓްސް ބާސްކެޓްބޯލް ކްލަބް، ވައިޕާސް ބާސްކެޓްބޯލް ކްލަބް، ވުލްވްސް ބާސްކެޓްބޯލް ކްލަބް އެވެ. ގްރޫޕް ބީގައި އޮތީ ޓެލަންސް ބާސްކެޓްބޯލް ކްލަބް، ސްޕާޓަންސް ބާސްކެޓްބޯލް ކްލަބް، ޔޫއެން ފްރެންޑްސް އަދި ހުޅުމާލެ ސްޕޯޓްސް ކްލަބް އެވެ. ފިރިހެން ފުރަތަމަ ޑިވިޝަނުގައި އޮތީ ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބް، ރެޕްޓާސް ބާސްކެޓްބޯލް ކްލަބް، ބައުސް ސްޕޯޓްސް ކްލަބް، ޓީ ރެކްސް ބާސްކެޓްބޯލް ކްލަބް، ސްޓިންގާސް ބާސްކެޓްބޯލް ކްލަބް އަދި ކިންގްސް ބާސްކެޓްބޯލް ކްލަބް އެވެ.
އަންހެން ޑިވިޝަނުގައި އޮތީ ކުއީންސް ސްޕޯޓްސް ކްލަބް، ލައޮނެސް ސްޕޯޓްސް ކްލަބް، ސައިކްލޯން ބާސްކެޓްބޯލް ކްލަބް، ބެންޗް ސްޕޯޓްސް ކްލަބް، އެލީޓް ސްޕޯޓްސް ކްލަބް އަދި ކީންސް ސްޕޯޓްސް ކްލަބް އެވެ.
ޒަމާނީ ބަދަލުތަކަކާ އެކު އަނެއްކާ ވެސް ބާސްކެޓްބޯޅަ ތާރީހީ ސީޒަނަކާ ދިމާލަށް
ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީއޭ)ގެ ރައީސް އަހުމަދު އާދަމް (އެޑަމް)، "އަދަދު" އަށް ވިދާޅުވީ މިފަހަރުގެ ގައުމީ ލީގުގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ގިނަ ޓީމްތަކެއް ވާދަކުރުމުގެ އިތުރުން މެޗު އޮފިޝަލުންގެ ގޮތުގައި ފީބާ ސެޓިފައިޓް ގިނަ އޮފިޝަލުންތަކެއް ތިބުމެވެ. އަދި މިއީ މުބާރާތުގެ ފެންވަރު ރަނގަޅުކުރުމަށް އެސޯސިއޭޝަނުން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
"އަބަދުވެސް ގައުމީ ލީގު ފޯރިގަދަވާނެ. މިފަހަރު އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ކަމަކީ ފީބާ ސެޓިފައިޑް މެޗު އޮފިޝަލުން ގިނަވުން. މިގޮތުން ރާއްޖޭގެ ގިނަ ކުދިންތަކެއް މިފަހަރު ސްޓެޓް ނޯޓުކުރުމާއި، ޓޭބަލް އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާނެ." އެޑަމް ވިދާޅުވި އެވެ.
ގައުމީ ލީގާއި ގައުމީ މުބާރާތުގައި ހަރަކާތްތެރިވާ 12 ސްޓެޓިސްޓީޝަނުންނަކީ ވެސް ފީބާ ސެޓިފައިޑް އޮފިޝަލުންނެވެ. އަދި ޓޭބަލް އޮފިޝަލުންގެ ގޮތުގައި ހިމެނޭ 21 އޮފިޝަލުންގެ ތެރެއިން ފީބާ ސެޓިފައިޑް ފަސް އޮފިޝަލެއް ހިމެނެ އެވެ. މެޗުތަކުގެ ރެފްރީންގެ ގޮތުގައި އަށް ރެފްރީން ހަރަކާތްތެރިވާއިރު، އޭގެ ތެރޭގައި ފީބާ ސެޓިފައިޑް ދިވެހި ދެ ރެފްރީ އަކާއި ބިދޭސީ އެއް ރެފްރީއެއް ހިމެނެ އެވެ.
މިފަހަރުގެ ގައުމީ ލީގާއި ގައުމީ މުބާރާތުގެ ދެ ވަނަ ޑިވިޝަންގައި 31 މެޗު ކުޅޭނެ އެވެ. ފުރަތަމަ ޑިވިޝަންގެ ފިރިހެން ބައިގައި 34 މެޗު އަދި އަންހެންބައިގައި ކުޅޭ 25 މެޗާއިއެކު ޖުމްލަ 90 މެޗު ކުޅޭނެ އެވެ.
އެންމެ ފަހުން 2020 ވަނަ އަހަރު އަހަރު ބޭއްވި 14 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގާއި 38 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކިންގްސް ބީސީ އެވެ. އަދި ދެ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކުއީންސް ބީސީ އެވެ.













